އިހަވަންދިއްޕޮޅު ޓްރާންޝިޕްމެންޓް ބަދަރު ތަރައްޤީ ކުރުމަށް ހުޅުވާލައިފި

އިހަވަންދިއްޕޮޅު ޓްރާންޝިޕްމެންޓް ބަދަރު ތަރައްޤީ ކުރުމަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 09:09
0

ދިވެހިރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ ކޮންޓެއިނަރ ޓްރާންޝިޕްމެންޓް ބަނދަރެއް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނި މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ރޭވިފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ، ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައިކަމަށެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ޤާއިމުކުރުމަށް ރޭވިފައިވެއެވެ. އަދި އަހަރަކު 1.8 މިލިއަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ޤާއިމުކުރުމަށް އަމާޒުކުރެވިފައިވެއެވެ. މި މަޝްރޫއަށް 466 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ބޭނުންވާނެކަމަށް އަންދާޒާކުރެވޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ޓްރާންޝިޕްމެންޓް ބަނދަރު ތަރައްޤީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާ ވަރަށް ކައިރި ސަރަޙައްދެއް ކަމަށްވުމާއެކު މި ސަރަޙައްދަކީ މިފަދަ ބަނދަރެއް ޤާއިމުކުރުމަށް ވަރަށް އެކަށީގެންވާ ސަރަޙައްދެއްކަމުގައި މިކަމާ ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތަކުން ދައްކާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި މަޝްރޫޢަކީ ދުނިޔޭގެ ބޮޑެތި ކޮންޓެއިނަރ ޓަރމިނަލް އޮޕަރޭޓަރުންނާއި ޝިޕިން ލައިންތަކުން ދެކުނު އޭޝިޔާ ސަރަޙައްދުގައި އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް އަދި މި ސަރަޙައްދުގެ އެހެނިހެން ޓްރާންޝިޕްމެންޓް ބަނދަރުތަކާ ވާދަކުރުމަށް ހުޅުވިގެންދާ ފުރުޞަތެއްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢު ކާމިޔާބުކަމާއެކީ ތަންފީޒުކުރެވިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށާއި، މިގޮތުން އިޤްތިޞާދު ފުޅާކޮށް، ޑައިވަރސިފައިކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި އިޤްތިޞާދީ ތަރައްޤީ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ ވަރުގަދަ ހަބެއް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ސިނާޢަތްތައް ފުޅާކުރުމަށް ފުރުޞަތު ހުޅުވި، އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެން ދިޔުމީވެސް މި މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށްވެސް ބުނެފައިވެއެވެ.

މި މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކުރަން ފުރުޞަތު ހުޅުވާލުމާ ގުޅޭ އިޢުލާނާއި މަޝްރޫޢުގެ އިންފޯމޭޝަން މެމޮރެންޑަމް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތުއި
ވޯޓު ދީފިން