އިގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސީރިއާގެ ޚާރިޖީ ވަޒީރު ފައިސަލް މަޚުދާދު

ސީރިއާގެ ފޮރިންގ މިނިސްޓަރަށް އިގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ސީރިއާގެ ފޮރިންގ މިނިސްޓަރަށް އިގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ގުޅުންހުރި

ސީރިއާގެ ފޮރިންގ މިނިސްޓަރު ހިމެނޭގޮތުން، އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ގާތް 6 މީހެއްގެ މައްޗަށް އިގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

މިގޮތުން، އިގިރޭސިވިލާތުން ދަތުކުރުކމުގެ ފިޔަވަޅު އެޅި މީހުންގެތެރޭގައި އަސަދުގެ ގާތް މުޝީރުންވެސް ހިމެނެއެވެ. އިގިރޭސިވިލާތުން ބުނެފައިވަނީ، އެގައުމުން ސީރިއާގެ އިސް އޮފިޝަލުންނާ ދެކޮޅަށް އެޅި ދަތުކުރުމުގެ ފިޔަވަޅުތަކަކީ، "އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގާފައި ތިބި ފަރާތްތަކަށް އޭގެ ހައްގު އަދަބު ލިބިގެންދާނެކަން އަންގައި ދިނުމުގެ ގޮތުން،" ކަމުގައެވެ.

އިގިރޭސިވިލާތުން ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ، 2011 ވަނަ އަހަރު، އަރަބިކަރައިގެ ގިނަ ގައުމުތަކުގައާއި އަދި އުތުރު އެފްރިކާގެ ބައެއް ގައުމުތަކުގައި އުފެދިގެންއައި، މުޒާހިރާތަކުގެ އޮއިވަރުގައި، ސީރިއާގައިވެސް އޭރުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ފެށުނު މުޒާހިރާތައް އަހުލީ ހަގުރާމައަކަށް ބަދަލުވެ، ސިރިއާގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ގޮސްފައިވާ މިހަގުރާމައަށް 10 އަހަރު ފުރިގެންދިޔަ މުނާސަބަތާއި ދިމާކޮށެވެ.

2011 ވަނަ އަހަރު ސީރިއާގައި ކުރެވިގެންދިޔަ މުޒާހިރާތައް ހުއްޓުވުމަށް އަސަދުގެ ސަރުކާރުން ބާރުގެ ބޭނުން ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، އެގައުމުގައި އޭރު ބޮޑެތި ހަމަނުޖެހުންތައް ހިގަން ފެށިއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ބޮޑެތި ބާރުތަކުން ސީރިއާގެ އެތެރޭގެ މައްސަލަތަކުގެ ތެރެއަށް ވަންނަން މަޖުބޫރު ވެގެން ދިޔައެވެ.

"އަސަދުގެ ސަރުކާރުންވަނީ، ސީރިއާގެ ރައްޔިތުން ބަދަލަކަށް އެދި ކުރި ސުލްހަވެރި އިހުތިޖާޖުތަކާއި ގުޅިގެން، 10 އަހަރުވަންދެން އިންސާނިއްޔަތާއި ޚިލާފު ބޮޑެތި ޖަރީމާތައް އެ ރައްޔިތުންނާ ދެކޮޅަށް ހިންގާފަ،" އިގިރޭސިވިލާތުގެ ފޮރިންގ ސެކެޓްރީ ވިދާޅުވެފައި ވެއެވެ.

"އެމީހުންގެ ފަރާތުން ހިމާޔަތްތެރިކަން ލިބެންޖެހޭ ފަރާތްތަކުން، ސީރިއާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަށް ޒިންމާދާރު ކުރުވުމުގެ ގޮތުން ހަމީހަކަށް މިއަދު އަހަރެމެންވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފޮރިންގ ސެކެޓްރީ ވިދާޅުވެފައި ވެއެވެ.

އިގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސީރިއާގެ އޮފިޝަލުންނަކީ އެގައުމުގެ ޚާރިޖީ ވަޒީރު ފައިސަލް މަޚުދާދުގެ އިތުރުން އަސަދުގެ އެޑްވައިޒަރ ލޫނާ އަލް- ޝިބުލް، ފައިނޭންސަރ ޔާސިރު އިބުރާހިމް، ވިޔަފާރިވެރިޔާ މުހައްމަދު ބަރާ އަލް- ޤަތިރިޖީގެ އިތުރުން ރިޕަބްލިކަން ގާރޑްގެ ކޮމާންޑު މާލިކު އަލިއާއާއި އާރމީ މޭޖަރ ސައިދު ސަލާހުގެ މައްޗަށެވެ.

މެދުނުކެޑި ހިގަމުންދާ މި އަނިޔާވެރި ހަގުރާމައިގައި، މިހާތަނަށް 380،000 މީހުން މަރުވެ، އެތައް މިލިއަން މީހުންނެއް ގައުމު ދޫކޮށް ވަނީ ދާން ޖެހިފައެވެ.

ސިރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފު ބޮޑެތި ޖަރީމާތަކުގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް، މިއަަހުރުގެ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު، ޖަރުމަނުގެ ކޯޓަކުން ވަނީ ސީރިއާގެ އިންޓެލިޖެންސް ސާވިސްގެ އޭޖެންޓަކު ކުއްވެރިވާ ކަމަށް ނިންމާފައެވެ.

އުމުރުން 44 އަހަރުގެ އިޔާދު އަލް-އާރިބް ނަމަކަށް މިޔާ މިމީހާގެ މައްޗަށް ޖަރުމަރުގެ ކޯޓަކުން 4 އަހަރާ ބައިގެ މުއްދަތަތުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، 2011 ވަނައަހަރު ސީރިއާގައި ޑުމާގައި ހިގި މުޒާހިރާތަކުގައި ބައިވެރިވި 30 މީހަކު ހައްޔަރުކުރުމަށް އެހީތެރިވެދީ، އަދި ފަހުން މިމީހުންނަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައެވެ.

10 އަހަރުވަންދެން ހިގަމުންއަންނަ މިއަހުލީ ހަގުރާމާގައި، އަސަދުގެ ސަރުކާރުގެ އަސްކަރިއްޔާއިން ބޮޑެތި ކާމިޔާބީޔަކެއް ހާސިލްކޮށް، އެގައުމުގެ %60 ސަރަހައްދު މިހާރުވަނީ އަސްކަރިއްޔާގެ ބާރުގެ ދަށުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ