ބޮޑު ތިލަދުންމަތިން އެމްއާރުއައި ހަދަން މާލެ ދާންޖެހުން ނިމުމަކަށް

ބޮޑު ތިލަދުންމަތިން އެމްއާރުއައި ހަދަން މާލެ ދާންޖެހުން ނިމުމަކަށް

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 08:46
0

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި)ގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ ގިނަ ރަށްތަކެއްގެ ޞިއްޚީ ހިދުމަތާއި ގުޅިފައިވާ ހޮސްޕިޓަލެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ލިބެންނެތުމުގެ ދަތި އެހޮސްޕިޓަލުން ހިދުމަތް ހޯދާ ރައްޔިތުންދިޔައީ މިހާތަނަށް ތަޙަންމަލުކުރަމުންނެވެ. އެގޮތުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 50 އާއި 60 އާއި ދެމެދުގެ ޢަދަދެއްގެ ބަލިމީހުން އެމްއާރުއައި ހަދަން މާލެއަށް ފޮނުވަންޖެހޭކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ނޮދަން އޮފީސް ކޮމްޕްލެކްސްގެ ހޯލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޚިދުމަތް ފަށްޓަވައި ދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޢާދިލެވެ. މިޚިދުމަތް އިފްތިތާހުކޮށްދެއްވައި ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކަގައި ހިދުމަތެއް ފުރިހަމަވެގެންދާނީ ހަމައެކަނި ރީތި ޢިމާރާތާއި ވަސީލަތުން ނޫންކަމާއި ޚިދުމަތް ދޭންތިބޭ މީހުންގެ އޯގާތެރިކަމުގެ މުހިންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ޓާޝަރީ ފެންވަރަށް ތަރައްޤީކުރާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެމްއާރުއައި މެޝިނެއް ގެނެސްފައިވަނީ 2020ވަނަ އަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. އެމްއާރުއައިގެ ޚިދުމަތް އެހޮސްޕިޓަލްގައި ފެށުމަށް ސަރުކާރުން 23 މިލިއަނެއްހައި ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކޭއާރުއެޗްއަކީ އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުން ހިިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް ނިންމާ އެމަސައްކަތް އަންނަނީ ސަރުކާރުން ކުރައްވަމުންނެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ވެގެންދިއުމުން އުތުރުގެ ސިއްޙީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.