މިއަދު ލީކު ކޮށްލި އުތުރު ތިލަފަޅު ނުވަތަ ސިފަވަރު އެއްބަސްވުމަކީ ޞައްހަ އެއްބަސްވުމެއްގެ ލިޔުންކަމުގައި މި ލިޔުން ލީކު ކޮށްލި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މާބޮޑު ތަފްސީލެއް ނުދެއްވައި އުމަަރު ވިދާޅުވެފައިވަނީ މިއަދު އޭނާ ލީކް ކޮށްލި އެގްރީމަންޓަކީ އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭންގެ ކޮޕީއެއްކަމަށެވެ. އަދި މިއެއްބަސްވުމުގެ ތަފްސީލު މާދަމާ ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވާނެކަމަށް އުމަރު ވިދާޅުވިއެވެ.
މިއަދު އަޅުގަޑު ލީކް ކޮށްލި އެއްބަސް ވުމަކީ ސައްޙަ ލިޔުމެއް. އެއީ އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް. އިތުރު މަޢުލޫމާތު އިރާދަކުރެއްވިއްޔާ، މާދަމާޑީ،އެން،އޭ އިން ގެނެސްދޭނަން.
– އުމަރު ވިދާޅުވިއެވެ.
ލީކު ކޮށްލާފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގައި ވަނީ އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރު ތިބެވޭނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ.
އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.
މިއެއްބަސްވުމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ މިއަދު ވިދާޅުވީ ސިޔާސީ މަޤުސަދެއްގައި ސިފައިގެ އަގުވެއްޓުމަކީ ދަށުދަރަޖައިގެ ފިޑި އަމަލެއް ކަމުގައެވެ. އަދި އާންމުވައިވާ ލިޔުމަކީ އެއްވެސް ހަގީތެއް އެކުލެވޭ ލިޔުމެއް ނޫންކަމަށެވެ.
މި މައްސަލާގައި މިއަދު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ޑިފެންސް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ