އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންްތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އިތުރަށް ހިގާނެކަމަށް ލަފާކުރި 29.8 މިލިޔަން ރުފިޔާގެ ބަޖެޓް ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ މިއަދު ކޮމިޝަނަށް ބަޖެޓް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.
LCE aai WDCE ge inthikhaabah ithurah hingaane lafaakurevey 29.8m ge budget miadhu EC ah libihje.
— Ahmed Shareef (@ShareefRangondi) March 15, 2021
އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކައުންސިލް އިންތިޚާބު ބޭއްވުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް އިލެކްޝަން ކޮމިޝަނުން ވަނީ 42 މިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަޙަޅާފައެވެ. ނަމަވެސް ކޮމިޓީން އިލެކްޝަންއާއިއެކު ބޭއްވި ބައްދަލުވުމަށްފަހު ބައެއް ކަންކަން އުނިކޮށް، ބަޖެޓް ކުޑަކޮށް ދިނުމަށް އެދުމުން މިހާރު ވަނީ ބަޖެޓަށް ބަދަލު ގެނެސްދައެވެ.
އިންތިޚާބު ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅައި ޢާންމުކޮށްފައިވާ ގައިޑްލައިނުގައިހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ކަންބޮޑުވުންތަކުގެ ތެރޭގައި ހަމަހަމަކަމާއެކު ކެންޕެއިން ކުރުމުގެ ފުރުސަތު އެގައިޑުލައިނުގެ ތެރެއިން ނުލިބުމާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓްލެވޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަނަށް ޖެހުމާއި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކައިރި ރަށްތަކަށް ވޯޓުލާން ދެވޭނޭ ގޮތް ނެތުން ހިމެނެއެވެ.
މީގެ އިތުރުން އިންތިޚާބުގައި ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓުންގެ މަންދުބުންނަށާއި، މޮނިޓަރުންނަށާއި، އޮބްޒާވަރުންނަށް ތިބުމުގެ ފުސަތު ނުލިބުމުގެ ކަންބޮޑުބުންވެސް ވަނީ ހުށަހަޅާފައެވެ. އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ދަށުން އިންތިޚާބު ބޭއްވުމަށްޓަކައި އިތުރު ވޯޓްފޮށިތައް ބަހައްޓަން ޖެހުމާއި، އޮފިޝަލުން ނަގަން ޖެހުމަކީ އިތުރަށް ބަޖެޓްބޭނުންވާ ކަންތައްތަކެއްގެ ގޮތުގައި އިލެކްޝަނުން ފާހަގަކޮށްފައިވެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ