އުތުރުތިލަފަޅު އެއްބަސްވުމުގެ ހަގީގަތް މަޖިލީހުން ހޯދުމަށް އެދިވަޑައިގެންފި

އުތުރުތިލަފަޅު އެއްބަސްވުމުގެ ހަގީގަތް މަޖިލީހުން ހޯދުމަށް އެދިވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 03:14
0

އުތުރު ތިލަފަޅު އެއްބަސްވުމުން މަޖިލީހަށް ހޯދައި، އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންފިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި، ގުޅޭގޮތުން އާންމުގެ ތެރޭގައި ގިނަ ސުވާލުތަކެއް އުފެދިފައިވާ މިދަޑިވަޅުގައި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ފޮނުވި ސިޓީގައި ބުނެފައިވަނީ މިއަދު ލީކުވެފައިވާ އުުތުރު ތިލަފަޅު އެއްބަަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާ ވާފަދަ އަދި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާފަދަ ގިނަގުނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާކަމަށެވެ. އަދި މިކަމާގުޅިގެން ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައިކަމަށެވެ.

އުތުރުތިލަފަޅު ތަރައްޤީކުރުމަށް ދިވެހިސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވައި، އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަންތައްތަކެއް ހުރިތޯ ބައްލަވައިދެއްވުމަށް އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

ލީކުވެފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގައި ބުނެފައިވަނީ

އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.

ނަމަވެސް މި ލިޔުންތަކާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ވަނީ މިއީ ދޮގުލިޔުންތަކެއް ކަމަށް ބުނެފައެވެ. އަދި މިއީ އެއްވެސް ހަގީގަތެއްނެތި ދިވެހި ސިފައިންގެ އަގު ވައްޓާލުމަށް ކުރެވިފައިވާ ވަރަށް ނާތަހުޒީބު އަމަލެއްކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

b birubodu
އުމަރުނަސީރު ދޮގުއެއްޗެއް ފޭސްބުކްގައިނުލިޔުއްވާނެ އެވާނީ ހަމައަސްލުގައިވެސް ރަގަޅުލިޔުމަކަށް، ވަރަށްސާފް އިނގޭތޯ