ޤައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތު ފަތުރާ ފަރާތްތައް ހައްޔަރުކުރުމަށް ނިހާދު ގޮވާލައިފި

ޤައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތު ފަތުރާ ފަރާތްތައް ހައްޔަރުކުރުމަށް ނިހާދު ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 01:08
0

ޤައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތު ފަތުރާ ފަރާތްތައް ހައްޔަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

ނިހާދު މިފަދަ ގޮތަކަށް ގޮވާލާފައިވަނީ މިއަދު ލީކްވެގެން އުޅޭ އުުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެންނެވެ. ނިހާދު ވިދާޅުވެފައިވަނީ ދޮގު މައުލޫމާތާއި، އަދި ވަކިން ޚާއްސަކޮށް ޤައުމީ ސަލާމާތަށް ނުރައްކާވާފަދަ މައުލޫމާތު ހުރި ކަންކަން ދިވެހި ރައްޔިތުންނަށް ހާމަކޮށް، އެކަމުގެ ހަގީގަތް އޮޅުވާލަން ކުރާ މަސައްކަތަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ އަމާންކަން ގެއްލިގެންދާނެކަމެއްކަމަށެވެ.

މިފަދަ ހގީގަތާއި ޚިލާފް މައުލޫމާތު ފަތުރައި، ޓެރަރިޒަމަށް ނުރައްކާވާގޮތަށް މައުލޫމާތު ފެތުރާއިރު ކަމާއި ގުޅުންހުރި އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅު ނާޅައި، ހަމަހިމެނޭނުން ތިބުމަކީ ގަބޫލުކުރެއްވޭން ކަމެއްނޫންކަމަށް ނިހާދު ވިދާޅުވިއެވެ. އަދި މިމައުލޫމާތު ހާމާކޮށް ފަތުރަމުންދާ ފަރާތްތައް މިހާރުން މިހާރަށް ހައްޔަރު ކުރުމަށް ނިހާދު ވަނީ ގޮވާލާފައެވެ.

ދޮގު މައުލޫމާތު، އަދި ޚާއްސަކޮށް ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ދޮގު މައުލޫމާތު ފަތުރައި، ޓެރޮރައިޒް ކުރަން ކުރާ މަސައްކަތް ހުއްޓުވައި އެފަދަ އަމަލު ހިންގާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަން.

– ނިހާދު ވިދާޅުވިއެވެ.

އުތުރު ތިލަފަޅާއި ގުޅޭގޮތުން މިއަދު އާންމުވެފައިވާ އެގްރިމަންޓުގައި ވާގޮތުން  އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރު ތިބެވޭނެއެވެ. އިންޑިއާއެކު ރާއްޖެއިން އެކުލަވާލި އުތުރު ތިލަފަޅު އެއްބަސްވުން ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.

މިއެއްބަސްވުމާއި ގުޅިގެން އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް، މިކަމުގެ ހަގީގަތް ހާމަކުރުމަށް ގޮވާލަމުންދިޔަ ނަމަވެސް ސަރުކާރުން އޮތީ ހަމަ ހިމޭނުންނެވެ. އަދި ކަމާއި ގުޅުންހުރި އިދާރާއަކުންވެސް މިކަމުގެ ހަގީގަތް ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.