ކޯވިޑް-19 ގެ ސަބަބުން ގޭތެރޭގައި ބަންދުވެގެން ތިބެން ޖެހުމުން ކުރިން ނުކުރާ ވަރަށް ގިނަ ކަންކަން ގިނަމީހުން ވަނީ ކޮށްފައެވެ. އަނެއްހެން ބުނަންޏާ އަމިއްލަ ނަފްސަށް، އަހަރެންނަށް މިވެނި ކަމެއް ހަމަ ކުރެވޭނެބާއޭ ހިތަށް އަރާފަދަ ކަންކަން ބައެއްމީމުން ވަނީ ކޮށްފައެވެ. ގޭތެރޭގައި ތިބެގެން، އައު ކާއެއްޗެހި ކެއްކުން، ގޭތެރެ ސާފުކުރުން، ގަސް އިންދުން، ބޮލާ ތުނބުޅި ދިގު މީހުން ބޮލާއި ތުނބުޅި އެއްކޮށް ބޭލުން ފަދަ ކަންކަން ވެސް ކޮށްފައި ވެއެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ލޮކްޑައުން ދިޔައީ މިކަހަގޮތަކަށެވެ.
އަވައްޓެރި އިންޑިއާގައި ވެސް ކޯވިޑުގެ ހާލަތު ގޯސްވާން ފެށުމުން މުޅި ގައުމު ކަހަލަ ގޮތަކަށް ލޮކްޑައުން ކޮށްފައި ވެއެވެ. އަދި މިހާރު ލޮކްޑައުންއަށް ލުއިތައް ދީ އައު އާންމު ހާލަތަށް ރުޖޫއަވަމުން ދާއިރު ބައެއް މީހުން ގެންދަނީ ލޮކްޑައުންގައި އެމީހުން ކުރި ބައެއް ތަޖުރިބާތައް އާންމު ކުރަމުންނެވެ. މިފަދަ ކަންކަމުގެ ތެރެއިން އާންމުން އެންމެ ބަލާލަން ބޭނުންވާނީ އެމީހުން ފޮލޯ ކުރަމުންދާ ބައެއް މަޝްހޫރު ފަރާތްތަކުން ލޮކްޑައުން ހޭދަކުރި ގޮތް ތަކެވެ.
ބޮލީވުޑްގެ ބައްޕަ އަމީތާބް ބަޗަން މި ވަނީ ލޮކްޑައުންގައި ގޭގައި ކުރި ބައެއް ކަންކަން އޭނާ ހުށައަޅައި ދޭ ރިއަލިޓީ ޝޯވ "ކޯން ބަނޭގާ ކަރޯރްޕަތީ" ގެތެރެއިން އާންމުންނަށް ކިޔައި ދީފައެވެ. ބުރާސްފަތި ދުވަހު އެ ޝޯވގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އަމީތާބް ބުނީ އޭނާ ލޮކްޑައުންގައި ގޭތެރޭގެ ހުރިހާ މަސައްކަތެއްވެސް ކުރިން ކަމަށެވެ. ފޮޅާ ސާފުކޮށް މޮޕުލުންފަދަ ކަންކަން ވެސް ކުރިން ކަމަށެވެ.
" ހަމަ ހުރިހާ ކަމެއްވެސް ކުރިން. ގޭތެރެ ފޮޅާ ސާފުކޮށް ހެދިން. އަހަރެންނަށް ކައްކާކަށް ނޭނގޭ. އެހެން ހުރިހާ ކަމެއް މިހާރުވެސް ކުރަން ހަމަ ހައްގު ތެދަށް މިބުނީ"
– އަމީތާބް ބަޗަން
އަމީތާބް އެހެން ބުނުމުން ޝޯވގެ ހޫނު ގޮނޑީގައި އެވަގުތު އިން ބައިވެރިއާއަށް ވެސް އެކަން ގަބޫލުކުރަން ދަތިވިއެވެ. ވާނީވެސް އެހެން ތާއެވެ. ކޮންމެ އިނގިއްޔަކަށް ނޯކަރެއް ލައިގެން އުޅޭ ފެންވަރުގެ ބޭފުޅެއް އެހެން ބުނުމުން ގަބޫލު ކުރަން ދަތިވެސް ވާނެ ތާއެވެ. ނަމަވެސް އަމީތާބް ބުނީ ގޭތެރޭގެ މި މަސައްކަތްތައް ކުރުމަށްފަހު، ގޭތެރޭގެ މަސައްކަތްތަކުގައި އެހީ ތެރިވުމުގެ މުހިންމުކަން އޭނާއަށް އެނގިއްޖެ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު 78 އަހަރު ފުރުނު ސުޕަރ ސްޓަރ އަމީތާބަކީ ކޯވިޑު-19 އަށް ޕޮޒިޓިވްވި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން އުމުރުން ދުވަސް ވުމުގެ ސަބަބުން ހައި ރިސްކު ކެޓަގަރީގައި ގުނާލެވުނު މީހެކެވެ. ނަމަވެސް ފަރުވާއަށް ފަހު ރަނގަޅުވެގެން އަމީތާބު މިހާރު ހުރީ އާންމު ދިރިއުޅުމާއި، ފިލްމު އިންޑަސްޓްރީގައި އޭނާ ކުރާ މަސައްކަތްތަކަށް ނުކުމެއެވެ. އަމީތާބާއި އެކު އޭނާގެ ދަރިފުޅު އަބީޝެކް ބަޗަން އާއި އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ ރާއީ ބަޗަން އާއި އެދެމަފިރިންގެ ދަރިފުޅު އަރާދިޔާ ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދާފައެވެ.