އުތުރުތިލަފަޅު އެއްބަސްވުމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ: އުޝާމް

އުތުރުތިލަފަޅު އެއްބަސްވުމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ: އުޝާމް

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 12:29
0

އުތުރުތިލަފަޅު އެއްބަސްވުމުގެ ހަގީގަތް ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅު އެއްބަސްވުން ލީކުވެ، ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިހާތަނަށް ސަރުކާރުންވެސް އަދި ކަމާއި ގުޅުންހުރި އިދާރާތަކުންވެސް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރު ތިބެވޭނެއެވެ.

މިއެއްބަސްވުމާއިމެދު ގިނަބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު އުޝާމް ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ ސިފައިން ތިބޭ ގޮތަށް އެއްބަސްވުންތައް ހަދައި އަސްކަރީ ބޭސްތައް ގާއިމް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ. އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް އިރު، މިކަމުގެ ހަގީގަތް ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭކަމަށް އުޝާމް ވިދާޅުވިއެވެ.

އެއްވެސް ގައުމެއްގެ މިލިޓަރީ ބޭސްއެއް އަދި އެއްވެސް ގައުމެއްގެ އަސްކަރީ އޮފިސަރުން މި ގައުމުގައި ދާއިމީގޮތެއްގައި ތިބުމުގެ ފުރުސަތު ދެވިގެން ނުވާނެ. އުތުރުތިލަފަޅު އެއްބަސްވުމުގެ ހަގީގަތް ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ.

– އުޝާމް ވިދާޅުވިއެވެ.

އިންޑިއާއެކު ރާއްޖެއިން އެކުލަވާލި އުތުރު ތިލަފަޅު އެއްބަސްވުން ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް  ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު ރާއްޖެއިން މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ.ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.