ކޯލިޝަން ސަރުކާރުން ޤައުމު ވިއްކައި އަޅުވެތިކޮށްފިކަމަށާއި މިއީ ދިވެހިންގެ ހައްގު ގޯދަން ނިކުންނަންވީ ވަގުތު ކަމުގައި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެގޮތަށް ރާއްޖެއިން އިންޑިއާއާއެކު ހަދާފައިވާ އުތުރު ތިލަފަޅު އެއްބަސްވުން ލީކުކޮށްލާފައިވާއިރު، އެ އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރު ތިބެވޭނެއެވެ. މިއެއްބަސްވުމުގެ ކަންބޮޑުވުމުން މުޅި ސޯޝަލް މީޑިޔާގައި ފާޅު ކުރަމުންދާއިރު، މިކަމާއި ގުޅިގެން ކަމާއި ގުޅުންހުރި އިދާރާތަކުން މިހާތަނަށް އަދި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.
އެއްބަސް ވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ޤައުމު އަޅުވެތިކޮށް ދިވެހިންގެ މިނިވަންކަން ބޭރުގެ ޤައުމަކަށް މި ސަރުކާރުން ވިއްކާލާފައިވާކަމަށެވެ. ދިވެހިންގެ ސިޔާދަތާއި އިސްތިގުލާލާއި، މިނިވަންކަން ވެއްޔާއި މޮޑެވި ޤައުމު އަޅުވެތިވަމުންދާއިރު އިތުރަށް ބަލަން ނުތިބެ ނިކުތުމަށް އަބްދުއްރަހީމް ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލާފައެވެ.
ޞާލިޙުގެ ކޯލިޝަން ސަރުކާރުން ދިވެހިގައުމު ވިއްކާލާ ދިވެހިން އަޅުވެތިކޮށްފި. ގައުމަށް ޣައްދާރުވެއްޖެ. ރައްޔިތުންނަށް ޚިޔާނާތްތެރިވެއްޖެ. ދިވެހިންގެ ދިވެހި ގައުމު އަނބުރާ ދިވެހިންނަށް ހޯދުމަށް ދިވެހިން ނުކުންނަންވީ ވަގުތުޖެހިއްޖެ.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އިންޑިއާއެކު ރާއްޖެއިން އެކުލަވާލި އުތުރު ތިލަފަޅު އެއްބަސްވުން ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.
އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު ރާއްޖެއިން މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ.ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ
ކޮމެންޓު ފޮނުވާ