ވެކްސިން ޖެހި މީހުންގެ އަދަދު ދެލައްކައިން މައްޗަށް

ވެކްސިން ޖެހި މީހުންގެ އަދަދު ދެލައްކައިން މައްޗަށް

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2021 10:37
0

ރާއްޖެއިން ކޯވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު ދެލައްކައިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން މިއަދުވަނީ 7،908 މީހުންވަނީ ވެކްސިންޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 4،941 މީހުންނާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުގައި ވެކްސިންޖެހި 2،967 މީހުންނެވެ.

މިއާއިއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 206،114 އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހިމީހުންގެ ޖުމުލަ ޢަދަދުވަނީ 116،636 އަށް ރާފައެވެ. އަދި އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 89،478 އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއިއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ.

މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ކޯވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހުން މަޑުޖައްސާލައި، ދެވަނަ ޑޯޒް ޖަހަން ފެށުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް މަޤުބޫލު އުޒުރަކާއި ލައިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ނުނެގި ތިބި ފަރާތްތަކަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވެކްސިންދޭނެކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.