ރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރިއަށް ގެންދިިޔަ ހައިޑްރޯގްރަފިކް ސާވޭޭ ނިިންމާލައިފިއެވެ.
މި ސާވޭ އަކީ ރާއްޖޭގެ ނިޔަމި ޗާޓު އަޕްޑޭޓުކުރުމަށް ކުރަމުންދާ މަސައްކަތެކެވެ. މިމަސައްކަތް 2006 ވަނަ އަހަރުން ފެށިގެެން އަންނަނީ ކުރަމުންނެވެ. މި ސާވޭޭ އަކީ އިންޑިއާ އާއި އެކު ޖޮއިންޓް ހައިޑްރޯގްރަފީ އެމްއޯޔޫއެެއްގައި ސޮއިކުރުމަށް ފަހު ކުރެެވުނު ފުރަތަމަ ސާވޭއެވެ.
މިއީ ޖޫން 2019ގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި ސޮއި ކުރެވުނު "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އިން ހައިޑްރޮގްރަފީ" ގެ ދަށުން، ދެގައުމު ގުޅިގެން ހިންގޭ ފުރަތަމަ ހައިޑްރޮގްރަފިކް ސާވޭއެވެ. ހައިޑްރޮގްރަފިކް ސާވޭގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ސައްހަކަން ބޮޑުކޮށް ޗާޓުކުރެވި، 'ބްލޫ އިކޮނޮމީ' ނުވަތަ 'ނޫ އިގްތިސާދަށް' މަގުފަހިވެގެންދާނެއެވެ. ނޫ އިގްތިސާދަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ގެންގުޅުއްވާ 'ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ)' ގެ ތެރޭގައި ހިމެނޭ ފަސް ޕްރައޯރިޓީ ސެކްޓަރ ތަކުގެ ތެރެއިން ފުރަތަމަ ސެކްޓަރއެވެ. ދިވެހިރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވާ ދެ އިންޖީނު ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ މި ނޫ އިގްތިސާދުގައި ވަނީ ގުޅިލާމެހިފައެވެ.

ދިވެހިރާއްޖެ ފަދަ ކަނޑާއި ގުޅިފައިވާ ގައުމެއްގެ އިގްތިސާދު ބިނާވެގެން ވަނީ ކަނޑުގެ ވިޔަފާރިއާއި ހަރަކާތްތަކުގެ މައްޗަށެވެ. ކުޅުދުއްފުށި ސަރަހައްދުގެ ކަނޑުގެ ޗާޓުތައް އާންމު ކުރެވުމުން ރާއްޖޭގެ އުތުރުގެ ހިސާބުގެ ކަނޑު ތަކުގައި ދަތުރުފަތުރު ކުރުމުގައި އަދި ނެވި ކަމުގައި ފަސޭހަކަމެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން ކުރިއަށްއޮތް އަހަރުތަކުގެ ތެރޭގައި ގައުމުގެ ވިޔަފާރިތައް އިތުރަށް ފުޅާ ވެގެންދާނެއެވެ. މި ސަރަހައްދުތައް ރަގަޅަށް ޗާޓު ކުރެވުމުން ބޯޓު ފަހަރު ފުރިހަމައަށް ބަރުކުރެވި، ލޮޖިސްޓިކަލް ހަރަދުތައް ކުޑަކުރެވޭނެއެވެ.
މީގެ އިތުރުން، ކުރު އަދި ދިގު ދަތުރުތަކުގެ ވަގުތާއި ފައިސާ ސަލާމަތް ކުރެވެން ފެށުމުގެ ސަބަބުން ބޮޑެތި އުޅަނދުފަހަރު ބޭނުންކޮށްގެން އިގްތިސާދު ކުރިއެރުވޭނެއެވެ. އިތުރަށް ފާހަގަކޮށްލަން ޖެހޭ ކަމަކީ އެސް.އޯ.އެލް.އޭ.އެސް ކޮންވެންޝަންގެ ފަސް ވަނަ ބާބުގައި ވާގޮތުގެ މަތިން، މިހާރު ކަނޑު އުޅަނދުފަހަރު ތަކުގައި އެމީހުންގެ ދަތުރުފަތުރުތަކަށް ބޭނުންވާ ޗާޓުތައް ބެހެއްޓޭނެއެވެ. އައު ޗާޓުތައް ބޭނުންކޮށްގެން ބައިނަލްއަގްވާމީ ކޮންވެންޝަންތަކުގެ ރޫޓިން ސިސްޓަމްތައް ހެދުމަށް މައުލޫމާތު ހޯދައި، އަދި ރާއްޖޭގެ އިގްތިސާދީ މަސްލަހަތައް ބޭނުން ކުރެވިދާނެއެވެ. އެހެންކަމުން އަޕްޑޭޓް ކުރެވިފައިވާ ހައިޑްރޮގްރަފިކް މައުލޫމާތުގެ ސަބަބުން ޗާޓުތައް ސީދާވެ އިތުރަށް ފުރިހަމަވެ އަތޮޅުތަކުގެ އިގްތިސާދު ކުރިއެރުމަށް މަގުފަހިވެގެންދާނެއެވެ.
އިންޑިއާ އަކީ 1955 އިން ފެށިގެން އިންޓަނެޝަނަލް ހައިޑްރޮގްރަފިކް އޮގަނައިޒޭޝަން (އައި.އެޗް.އޯ) ގެ މެމްބަރު ގައުމެކެވެ. އަދި ނޯތު އިންޑިއަން އޯޝަން ހައިޑްރޮގްރަފިކް ކޮމިޝަން (އެން.އައ.އޯ.އެޗް.ސީ) ފައުންޑިން މެމްބަރެއްގެ އިތުރުން، ސައުތު އެފްރިކާ އައިލެންޑްސް ހައިޑްރޮގްރަފިކް ކޮމިޝަން (އެސް.އޭ.އައި.އެޗް.ސީ) ގެ އެސޯސިއޭޓް މެމްބަރެކެވެ. ހައިޑްރޮގްރަފިކް ހިދުމަތްތަށް ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ނޫ އިގްތިސާދު ހަރުދަނާކޮށް ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިމްޕްލިމެންޓް ކުރުމަށް ނެގޭ މުހިންމު ފިޔަވަޅެކެވެ. ދިވެހިރާއްޖޭގެ ކުރިއެރުމާއި، ހަމަޖެހުން އަދި ޑިމޮކްރެސީ ދެމެހެއްޓުމަކީ އިންޑިއާ އާއި މުޅި ސަރަހައްދުގެ މަސްލަހަތާއި ގުޅިފައިވާކަމެކެވެ.
ކޮމެންޓު ފޮނުވާ