ކެންސަރަށް ފަރުވާ ހޯދަމުން ގެންދާކަމަށް އެންމެފަހުން ސަންޖޭދަތު އެއްބަސްވެއްޖެއެވެ.
ބޮލީވުޑްގެ ޚަބަރު ގެނެސްދޭ މީޑިއާތަކުގައި ސަންޖޭގެ ބަލި ހާލަތާގުޅޭގޮތުން އެކި ޚަބަރުތައް މީގެ ކުރިން ގެނެސްދިން ނަމަވެސް އޭނާ ހަނގުރާމަ ކުރަމުންދަނީ ކެންސަރު ބައްޔަށްކަން އެއްވެސް ފަރާތަކުން މިހާތަން ޔަޤީން ކޮށްދީފައެއް ނުވެއެވެ. އެހެން ނަމަވެސް މީޑިއާ ތަކާއި ބައެއް ފިލްމު ކްރިޓީކުން، ސަންޖޭއަށް ފުއްޕާމޭގެ ކެންސަރު ޖެހިފައި ވާކަމަށް މީގެ ކުރިން ބުނެފައި ވެއެވެ.
އިންޑިއާގައި ލޮކްޑައުންއަށް ބައެއް ލުއިތަށް ދޭންފެށުމުން ގިނަ ފިލްމީ ތަރިން ވަނީ ސެލޫންތަކަށް ދާންފަށާފައެވެ. ސަންޖޭ އޭނާގެ ކެންސަރު ބައްޔާ ގުޅޭގޮތުން އާންމުކޮށް ފުރަތަމަ ވާހަކަ ދައްކާފައި ވަނީ ދާދިފަހުން ސެލޫނަކުން ޚިދުމަތް ހޯދުމަށްފަހު ސެލޫންގެތެރޭގައި ނަގާފައިވާ ވީޑިއޯއެއްގައެވެ. ސަންޖޭގެ ހެއަރ ސްޓައިލިސްޓް އާލިމް ހަކިމްގެ އިންސްޓަގްރާމްގައި އާންމުކޮށްފައި ވާ މި ވީޑިއޯގައި ބޯކޮށާ ނިންމުމަށްފަހު ސަންޖޭ އޭނާގެ ބުމައިން ފެށިގެން ބޮލާ ހަމައަށް ހުރި ބައެއްކަހަލަ ލަކުނުތައް ދައްކާލުމަށްފަހު ބުނީ އެއީ މިވަގުތު އޭނާގެ ދިރިއުޅުމުގައި ވާ ލަކުނު ތައް ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ބަލި ކުރާނެ ކަމަށާއި ކެންސަރުން ވަރަށް އަވަހަށް ސަލާމަތް ވެވޭނެ ކަމަށް މި ވީޑިއޯގައި ސަންޖޭ ބުނެއެވެ.
View this post on InstagramA post shared by Aalim Hakim (@aalimhakim) on
މިއަހަރުގެ އޯގަސްޓު މަހު ނޭވާލުމަށް އުނދަގޫވާތީ، މުމްބާއިގައި ހުންނަ ލީލާވާތީ ހޮސްޕިޓަލުގައި ސަންޖޭ އެޑްމިޓުކޮށް ފަރުވާވެސް ދީފައިވެއެވެ. ނަމަވެސް ހޮސްޕިޓަލުންވެސް ނުވަތަ ސަންޖޭގެ ފަރާތުންވެސް އޭނަގެ ބައްޔާގުޅޭ އެއްވެސް މަޢުލޫމާތެއް މީގެ ކުރިން އާންމުކޮށްފައި ނުވެއެވެ. އެފަހަރު ހޮސްޕިޓަލުން ދޫކޮށްލުމުން ސަންޖޭ ކުރި ޓުވީޓެއްގައި އޭނާ ފިލްމީ ދާއިރާގެ މަސައްކަތާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ޖެހިލަން ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ. އަދި ކުޑަ ބްރޭކެއް ނެގީ ސިއްހީ ފަރުވާއެއް ހޯދުމަށް ކަމަށާއި، އޭނާއާމެދު މާބޮޑަށް ފިކުރު ބޮޑު ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިފައިވެއެވެ.
ބޮލީވުޑްގެ "ބޭޑް ބޯއީ" ނުވަތަ "ބާއީ" ގެ ނަމުން މަޝްހޫރު ސަންޖޭ ދަތުގެ މުޅި ހަޔާތްވެސް އެންމެން ސިފަކުރަނީ ވަރަށް "މަސާލާ" ތައް ގިނަ ފިލްމީވަންތަ ޑްރެމެޓިކް ހަޔާތެއްގެ ގޮތުގައެވެ. އެހެންކަމުން 61 އަހަރުގެ ސަންޖޭގެ ހަޔާތުގެ މައްޗަށް ބިނާކޮށް 2018 ވަނަ އަހަރު ނެރުނު ފިލްމު ސަންޖޫ ވެސް ވެގެންދިޔައީ ބެލުންތެރިން ބަލައިގަތް ފިލްމަކަށެވެ. އޭގައި އޭނާ އެކި ދުވަސްތަކުގައި ޖަލުގައި ހޭދަކުރި ގޮތްތަކާއި މަސްތުވާ ތަކެތީގެ ޝިކާރައަކަށް އޭނާ ވެގެންދިޔަ ގޮތް ދައްކުވައި ދީފައި ވެއެވެ.
ސަންޖޭ ދަތުގެ ހަޔާތުގައި އޭނާ ވަނީ އާއިލާގެ ތެރެއިން ކެންސަރުގެ 2 މަރު ތަހަންމަލް ކޮށްފައެވެ. އެއީ 1981 ވަނަ އަހަރު ޕެންކްރިއެޓިކް ކެންސަރުގެ ސަބަބުން މަރުވި އޭނަގެ މަންމަ ނަރްގިސްގެ މަރާއި ސިކުނޑީގެ ކެންސަރު ޖެހިގެން 1996 ވަނަ އަހަރު މަރުވި އޭނަގެ ފުރަތަމަ އަނބިމީހާ ރިޗާ ޝަރްމާގެ މަރެވެ.