އެޗްއާރުސީއެމްއިން ފާއިތުވެދިޔަ އަހަރުގެތެރޭގައި ކުޑަކުދިންނާއި ގުޅުންހުރި 70 އަށް އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާކަމަށް ހިއުމަންރައިޓް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެޗްއާރުސީއެމްއަށް މިދިޔަ އަހަރު 627 މައްސަލަ އެއް ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮމިޝަނުން އިސްނަގައިގެން 157 މައްސަލައާއި، ކޮމިޝަނަށް ހުށަހަޅާފައިވާ 510 މައްސަލައެވެ. މިދިޔަ އަހަރުގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ޤައިދީންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކެވެ.
އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ މަސައްކަތްތަކައި ގުޅޭ އަހަރީ ރިޕޯޓް މިއަދު ވަނީ އާންމުކޮށްފައެވެ. މިދިޔައަހަރުގެ ރިޕޯޓުގައި ކޮމިޝަނުން ވަނީ ކުރެވިދިޔަ މަސައްކަތްތަކައި، ހުށަހެޅުނު މައްސަލަތަކައި، ނިމިފައިވާ މައްސަލަތަކުގެ ތަފްސީލްވެސް ހާމަކޮށްފައެވެ.
މިދިޔަ އަހަރު އެޗްއާރުސީއެމްއަށް ހުށަހެޅިފައިވާ މައްސަލަތައް:
– ޢާއިލާ ބިނާކުރުމުގެ ޙައްޤާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި 75 މައްސަލަ
– އުނގެނުމުގެ ޙައްޤާ ގުޅުންހުރި 3 މައްސަލަ
– ޢުމުރުން ދުވަސްވީ ފަރާތްތަކުގެ ޙައްޤުތަކާ ގުޅުންހުރި 15 މައްސަލަ
– ލާއިންސާނީ އަނިޔާއާއި ގުޅުންހުރި 54 މައްސަލަ
– ބޯހިޔާވަހިކަމާ ގުޅުންހުރި 16 މައްސަލަ
– ޙާއްޞައެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތަކާ ގުޅުންހުރި 11 މައްސަލަ
– އިޖްތިމާޢީ ޙައްޤުތަކާ ގުޅުންހުރި 56 މައްސަލަ
– މަސައްކަތްކުރުމުގެ ޙައްޤާ ގުޅުންހުރި 102 މައްސަލަ
– ޝަރުޢީ ދާއިރާގެ ޙައްޤުތަކާ ގުޅުންހުރި 32 މައްސަލަ
– ޤައިދީންގެ ޙައްޤުތަކާ ގުޅުންހުރި 90 މައްސަލަ
– ބަންދުކުރެވޭ ފަރާތްތަކުގެ ޙައްޤުތަކާ ގުޅުންހުރި 35 މައްސަލަ
ވޭތުވެދިޔަ އަހަރު ނިމުނު މައްސަލަކުގެ ތަފްސީލަށް ބަލާއިރު 2014 ވަނަ އަހަރުގެ 1 މައްސަލައާއި، 2015 ވަނަ އަހަރުގެ 2 މައްސަލައާއި، 2016 ވަނަ އަހަރުގެ 4 މައްސަލައާއި، 2017 ވަނަ އަހަރުގެ 4 މައްސަލައާއި، 2018 ވަނަ އަހަރުގެ 17 މައްސަލައާއި، 2019 ވަނަ އަހަރުގެ 146 މައްސަލައާއި، 2020 ވަނަ އަހަރުގެ 383 މައްސަލަ ހިމެނޭގޮތަށް ޖުމްލަ 557 މައްސަލައިގެ ތަޙްޤީޤު ކުރިއަށްދެއެވެ. އަދި ތަޙްޤީޤުކުރަމުންދާ މައްސަލަތަކުގެ ތެރޭގައި 2014 ވަނަ އަހަރާއި، 2015 ވަނަ އަހަރާއި، 2016 ވަނަ އަހަރު ހުށަހަޅާފައިވާ އެއްފަރާތެއްގެ މައްސަލައާއި، 2017 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައެއް ކޮމިޝަނުގެ މޮނިޓަރިންގ ހާލަތުގައި ބަލަމުންގެންގޮސްފައި ވަނިކޮށް، ކޮމިޝަނުގެ 5 ވަނަ ދައުރުގެ ކޮމިޝަނުން ވަނީ މި މައްސަލަތައް ތަޙްޤީޤު މަރުހަލާއަށް ބަދަލުކޮށް މައްސަލަތަކުގެ ތަޙްޤީޤް ފަށާފައެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކާއި، އަދި 2015 ވަނަ އަހަރުން ފެށިގެން ހުށަހެޅި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން 308 މައްސަލައެއް ކޮމިޝަނުން ވަނީ މިދިޔަ އަހަރު ނިންމާފައެވެ. ކޯވިޑް19 އާއި ގުޅިގެން ކޮމިޝަނުން އެންމެ ބޭނުންވި ގޮތަށް މަސައްކަތް ނުކުރެވުނު ނަމަވެސް ދިމާވި ގޮންޖެހުންތަކާއިއެކު ގިނަ މައްސަލަތަކެއް އެކަށީގެންވާ ގޮތެއްގައި ނިންމިފައިވާކަމަށް އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ