ޤައުމުގެ ސިޔާދަތަށްޓަކައި މިއަދުވެސް ވާންޖެހޭ ޤުރުބާނީ ވަރަށްބޮޑުކަަމަށް ޕީއެންސީގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަހުރުވެރި ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކޮށް އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުރިން ދިވެހި ކާބަފައިން ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދުކޮށް، ޝަހީދުވި ފަދައިން މިއަދުވެސް ޤައުމުގެ ސިޔާދަތު ހޯދައި ދެމެހެއްޓުމަށްޓަކައި ވާންޖެހޭ ޤުރުބާނީ ވަރަށް ބޮޑުކަމަށެވެ. މިއަދު މިމަސައްކަތް ނުކޮށްފިނަމަ ރާއްޖޭގެ މިނިވަންކަން ގެއްލި ދިއުމުގެ ފުރުސަތު ބޮޑުކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކުރިން ދިވެހި ކާބަފައިން ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދުކޮށް، ޝަހީދުވި ފަދައިން މިއަދުވެސް ޤައުމުގެ ސިޔާދަތު ހޯދައި ދެމެހެއްޓުމަށްޓަކައި ވާންޖެހޭ ޤުރުބާނީ ވަރަށް ބޮޑު. ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަން.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް، އެ އަބްޠާލުންގެ ޒިކުރާ އާކުރުމަށެވެ. ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ.
ޝަހީދުންގެ ދުވަހަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަސް ފާހަގަކުރެއްވުމަށް ޤައުމީ ފެންވަރުގައި ކޮންމެ އަހަރަކު ޖަލްސާއެއް ބާއްވައި، ޝަހީދުންގެ ޒިކުރާ އައުކޮށް، އެމީހުންގެ ޖިހާދުން ހިއްވަރު ލިބިގަތުމަށާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ސަފުތައް ވަރުގަދަކުރުމަށް ބާރުއަޅަމުން ގެންދެއެވެ ނަމަވެސް މިއަހަރުގެ ޝަހީދުގެ ދުވަހުގެ މުނާސަތުގައި ސަރުކާރުން އެއްވެސް ހަރަކާތެއް ނުބާއްވައެވެ.
މި ދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަކުރައްވައި، ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ. އައްސުލްޠާނު ޢަލީ 6 ވަނަ ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުކުރެވުނުއިރު ރަސްކަމުގެ މުއްދަތަކީ 2 މަހާއި 15 ދުވަހެވެ. އެރަސްކަލުން ރަސްކަމަށް އިސްވެވަޑައިގަތީ މީގެ 458 އަހަރު ކުރިން، މީލާދީން 1،558 ވަނަ އަހަރުއެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ