ސީލިން ދަށުވެ ފައި ބުރުކޮށްލަން ޖެހުނު ގދ.ގައްދޫ ފިރުޝާން ފައެއް ޖެހުމަށް ހިނގާނެ ޚަރަދު އެންސްޕާ މެދުވެރިކޮށް އާސަންދައިން ކަވަރު ކުރާނެކަމަށް އެންސްޕާއިން ބުނެފިއެވެ.
ފިރުޝާން ފައެއް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ކަމާއި ބެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބޭކަމަށް މީޑިޔާ މެދުވެރިކޮށް އާއިލާއިން ބުނެފައިވާ ޚަބަރުތަކާއި ހަވާލާދީ އެންސްޕާއިން ބުނެފައިވަނީ ފިރުޝާންއަށް މި ހިތާމަވެރި ޙާދިސާ ދިމާވުމުން އިމަރޖަންސީ ޙާލަތުގަ އާސަންދައިން ވަނީ ޗާރޓަރު ފްލައިޓެއްގަ ފިރުޝާން މާލެގެނެސް އާސަންދައާއި އެންސްޕާ ގުޅިގެން އައިޖީއެމްއެޗް އަދި އޭޑީކޭއިން ފިރުޝާންގެ ފަރުވާގެ ޚަރަދުތައް ހަމައްޖައްސާފައިވާކަމަށެވެ.
އަދި ޑިސްޗާރޖް ކުރިފަހުން ޕްރޮސްތެޓިކް ފައެއް ޖެހުމަށް ފިރުޝާންގެ އާއިލާގެ ފަރާތުން އަދި އެންސްޕާއަށް އެހީއަށް އެދިފައެއް ނުވާކަމަށެވެ. އެންސްޕާއަށް އެހީއަށް އެޕްލައިކުރުމުން އާސަންދަ މެދުވެރިކޮށް މި ޚަރަދުތައްވެސް ކަވަރުކުރާނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ގދ. ގައްދޫން ފުރައިިގެން އެކުވެރިންނާއެކު މަޖާކޮށް ޕިިކްނިކް ހަދާލުމަށް އުމުރުން 17 އަހަރުގެ ފިރުޝާން ދިޔައީ ކުރިއަށް ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ ކުޑަވެސް ވިސްނުމެއް ނެތިއެވެ. އުންމީދަކަށް އޮތީ ރަހުމަތެރިންނާއި އެކު މަޖާކޮށްލުމަށް ފަހު އެނބުރި ރަށަށް ދިއުމެވެ. ނަމަވެސް މި ދަތުރުވީ ފިރުޝާންގެ ޒުވާން ދިރިއުޅުމަށް ބަނަކަމާއި، މޮޅިވަރިކަން ގެނުވި ހިތާމައިން ފުރިގެން ދިޔަ ދަތުރަކަށެވެ. ރަށަކަށް ދަތުރު ގޮސް އުޅުމުގެ ތެރޭގައި ބާ ގެއެއްްގެ ސީލިންގު ދަށުގައި ފިރުޝާންގެެ ހަށިގަނޑު ޗަސްވެ ފަޔަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
ހާދިސާގައި ފިރުޝާނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން ކަނާތު ފައިގެ ތިން ތަނެއް ބިންދައިގެން ގޮސް، އަތަށާއި ބޮލަށާއި އެތެރެހައްޓަށް ވަނީ އެކި ކަހަލަ އަނިޔާތައް ލިބިފައެވެ. ކޮންކްރީޓުންނާއި ދަގަނޑުން ހަދާފައިވާ ސީލިންގު ވެއްޓި، އެންމެ ބޮޑަށް ޒަހަމްވީ ފިރުޝާންގެ ފައެވެ. އިމަޖެންސީގައި މާލެ ގެނެސް، އޭޑީކޭގައި އޮޕަރޭޝަން ކުރުމަށް ފަހު އެ ފައި ވަނީ ބުރިކޮށްލާފަ އެވެ. އޭޑީކޭގެ އައިސީޔޫގައި މަހެއްހާ ދުވަހު އޭނާ އޮންނަން ޖެހުނެވެ.
އޭޑީކޭ އާއި އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު، ފިރުޝާން ގެއަށް ދޫކޮށްލީ މީގެ ދެ ތިން ދުވަސް ކުރިންނެވެ. އިންޑިއާއަށް ގޮސް ފައެއް ޖަހަން 5،000 ޑޮލަރު ބޭނުންވާއިރު މިހާތަނަށް އެއްވެސް އެހީއެއް ނުލިބޭކަމަށް އާއިލާން ވަނީ ބުނެފައެވެ. އަދި ގިނަ ތަންތަނަށް އެހީގެ ސިޓީ ލިޔުނު ނަމަވެސް ޖަވާބެއްވެސް އެއްވެސް ފަރާތަކުން ދީފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ