ރާއްޖެއިން ވެކްސިން ޖެހި މީހުން އަދަދު 198،000 އިން މައްޗަށް

ރާއްޖެއިން ވެކްސިން ޖެހި މީހުން އަދަދު 198،000 އިން މައްޗަށް

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2021 10:17
0

ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށް ދޭ ވެކްސިންޖެހި މީހުންގެ އަދަދު ދެލައްކަ އާއި ގާތްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން މިއަދުވަނީ 9،770 މީހުންވަނީ ވެކްސިންޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 5،859 މީހުންނާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުގައި ވެކްސިންޖެހި 3،911 މީހުންނެވެ.

ރާއްޖޭގައި މިއަދު ރިކޯޑު ޢަދަދަކަށް ވެކްސިންޖެހުމާއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 198،206 އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހިމީހުންގެ ޖުމުލަ ޢަދަދުވަނީ 111،695 އަށް ރާފައެވެ. އަދި އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 86،511 އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއިއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ.

މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ކޯވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހުން މަޑުޖައްސާލައި، ދެވަނަ ޑޯޒް ޖަހަން ފެށުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް މަޤުބޫލު އުޒުރަކާއި ލައިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ނުނެގި ތިބި ފަރާތްތަކަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވެކްސިންދޭނެކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.