ހިޔާ ފްލެޓްގެ ޑައުންޕޭމަންޓް އެއްފަހަރާ ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވި ޑރ.މުއިއްޒުގެ ބެލުމުގެ ދަށުން އަޅާފައިވާ ހިޔާ ހައުސިން ޔުނިޓްތައް ލިބުނު މީހުންނަށް ޑައުންޕޭމަންޓް އެއްފަހަރާ ދެއްކުމަށް އަންގަމުންދާތީ މުއިއްޒުވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ ފްލެޓް ލިބުނު ގިނަ ބައެއްގެ ފަރާތުން މިކަންބޮޑުވުން ލިވެމުންދާކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓް ލިބޭ ފަރާތްތަކުން ޑައުން ޕޭމަންޓް ދައްކަން ހަމަޖެހިފައިވަނީ އެކި މަސްތަކަށް ބަހާލައިގެންކަމަށެވެ.
ކޯވިޑްގެ މިހާލަތުގައި ރައްޔިތުން ދަތި ހާލަތުގައި ތިބިއިރު، ބޮޑު ޕޭމަންޓެއް އެއްފަހަރާ ދެއްކުމުގެ ބަދަލުގައި މަސްމަހަށް ބަހާލައިގެން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް މި ޕޭމަންޓް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މުއިއްޒުވަނީ ސަރުކާރަށް ގޮވާލާފައެވެ.
ހިޔާ ފްލެޓްތަކުގެ ޑައުން ޕޭމަންޓް މަސްމަހަށް ބަހާލައިގެން ދައްކާގޮތަށް ކުރީ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް އެއްފަހަރާ ދައްކަންޖެހޭ ގޮތަށް މިހާރު ނިންމާފައިވަކަމަށް ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ކަންބޮޑުވުމާއިއެކު ދަނީ ހިއްސާ ކުރަމުން. މިހެން ނުހެއްދެވުމަށް ސަރުކާރުގެ ކިބައިންއެދެން.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓްގެ ޑައުން ޕޭމަންޓް އެއްފަރާ ދެއްކަން ޖެހުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދާއިރު، ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދިނުމަށް ނިންމާފައިވާ އަގަށްވެސް މިސަރުކާރުން ވަނީ ބަދަލު ގެނެސް ބޮޑުކޮށްފައެވެ. ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނި ކުރީގެ ސަރުކާރުގެ ނިންމުމަކީ ދެ ކޮޓަރީގެ ފްލެޓެއްގެ މަހު ކުލީގެ ގޮތުގައި 5،600ރ. ނެގުންކަމަށެވެ. ނަމަވެސް މިސަރުކާރުން ބުނެފައިވަނީ ފްލެޓްތަކުގެ މަހު ކުލި 11،000ރ. އަށް އަރާ ކަމަށެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތްކޮށްފައިވާ އިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.
ކޮމެންޓު ފޮނުވާ