ސީލިން ދަށުގެ ފައިބުރިކޮށްލި ކުއްޖާ ސަލާންޖަހާއިރު، ވެރިންގެ ލަދުކޮބާ؟: ދިޔާނާ

ސީލިން ދަށުގެ ފައިބުރިކޮށްލި ކުއްޖާ ސަލާންޖަހާއިރު، ވެރިންގެ ލަދުކޮބާ؟: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2021 08:02
0

ދިވެހި ރައްޔިތުންނަށް ލިބިދޭންޖެހޭ އެންމެ އަސާސީ ޚިދުމަތް ކަމުގައިވާ ބޭސްފަރުވާއަށް ސަލާންޖަން ޖެހޭއިރު ދައުލަތުގެ ވެރިންގެ ލެވެލްގައި ފެންނަނީ ބޮޑެތި ކޮރަޕްޝަން ހިންގާ މައްޒަރު ކަމަށް ކުރީގެ ބަންޑާރައި ނާއިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ސީލިން ދަށުވެ ފައި ބުރުކޮށްލަން ޖެހުނު ކުއްޖާ ފައެއް ޖެހުމަށް ކުރަމުންދާ އުންމީދާއި އެކަމަށް އާދޭސް ކުރަމުންދާއިރު، މިކަމުގައި ސަރުކާރުގެ އެކަށީގެންވާ އިޖާބައެއް ނުދޭ މައްސަލާގައި ސަރުކާރަށް ފާޑުވިދާޅުވެ ދިޔާނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބޭސްފަރުވާއަށް އާދޭސްކޮށް ސަލާންޖަހަން ރައްޔިތު މީހާ ޖެހޭއިރު ވެރިންގެ މެދުގައި ފެންނަނީ ބޮޑެތި ކޮރަޕްޝަންގެ ކަންކަން ހިންގައި އެފަދަ ކަންކަން ކުރާ މީހުން ސަލާމަތް ކުރާ މަންޒަރުކަމަށެވެ.

ބޭސްފަރުވާއަކީ އާންމު ޒަރޫރީ އަދި އެންމެ އަސާސީ ޚިދުމަތަށްވާއިރު، މިޚިދުމަތުން ދިވެހި ރައްޔިތުން މަހުރޫމްކޮށް އެކި އެކި ނަންމުގައި ބޭސްފަރުވާއަށް ޚިދުމަތް ކުރަން އުފައްދާފައިވާ އޮފީސްތަކުން ކުރާ މަސައްކަތާއިމެދުވެސް ދިޔާނާ ވަނީ ސުވާލު އުފައްދާފައެވެ. ދިޔާނާ ވިދާޅުވީ މިފަދަ ފަރާތްތަކަށް އާސަންދައާއި، އެންސްޕާ އަދި ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށެވެ.

ދައުލަތުގެ އިސްވެރިން ލަދު ކޮބާ؟ މާސިންގާ ކޮރަޕްޝަން ހަތަރު ފަރާތުން ހިންގަމުން، ބިޔަބޮޑު ޚިޔާނާތްތެރިންނަށް މަދަދު ދެމުން ހިނގާއިރު، ރައްޔިތު މީހާޔަށް ދިމާވާ މިފަދަ ބޮޑު ޒަރޫރިއްޔަތުތައް ފުއްދާ ނުދީ ސަލާންޖަހަން ޖައްސައިގެން ތިބެން، އާސަންދަ، އެންސްޕާ، ޒަކާތް ފަންޑު ކޮބާ؟

– ދިޔާނާ ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ގދ. ގައްދޫން ފުރައިިގެން އެކުވެރިންނާއެކު މަޖާކޮށް ޕިިކްނިކް ހަދާލުމަށް އުމުރުން 17 އަހަރުގެ ފިރުޝާން ދިޔައީ ކުރިއަށް ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ ކުޑަވެސް ވިސްނުމެއް ނެތިއެވެ. އުންމީދަކަށް އޮތީ ރަހުމަތެރިންނާއި އެކު މަޖާކޮށްލުމަށް ފަހު އެނބުރި ރަށަށް ދިއުމެވެ. ނަމަވެސް މި ދަތުރުވީ ފިރުޝާންގެ ޒުވާން ދިރިއުޅުމަށް ބަނަކަމާއި، މޮޅިވަރިކަން ގެނުވި ހިތާމައިން ފުރިގެން ދިޔަ ދަތުރަކަށެވެ. ރަށަކަށް ދަތުރު ގޮސް އުޅުމުގެ ތެރޭގައި ބާ ގެއެއްްގެ ސީލިންގު ދަށުގައި ފިރުޝާންގެެ ހަށިގަނޑު ޗަސްވެ ފަޔަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.

ހާދިސާގައި ފިރުޝާނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން ކަނާތު ފައިގެ ތިން ތަނެއް ބިންދައިގެން ގޮސް، އަތަށާއި ބޮލަށާއި އެތެރެހައްޓަށް ވަނީ އެކި ކަހަލަ އަނިޔާތައް ލިބިފައެވެ. ކޮންކްރީޓުންނާއި ދަގަނޑުން ހަދާފައިވާ ސީލިންގު ވެއްޓި، އެންމެ ބޮޑަށް ޒަހަމްވީ ފިރުޝާންގެ ފައެވެ. އިމަޖެންސީގައި މާލެ ގެނެސް، އޭޑީކޭގައި އޮޕަރޭޝަން ކުރުމަށް ފަހު އެ ފައި ވަނީ ބުރިކޮށްލާފަ އެވެ. އޭޑީކޭގެ އައިސީޔޫގައި މަހެއްހާ ދުވަހު އޭނާ އޮންނަން ޖެހުނެވެ.

އޭޑީކޭ އާއި އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު، ފިރުޝާން ގެއަށް ދޫކޮށްލީ މީގެ ދެ ތިން ދުވަސް ކުރިންނެވެ. އިންޑިއާއަށް ގޮސް ފައެއް ޖަހަން 5،000 ޑޮލަރު ބޭނުންވާއިރު މިހާތަނަށް އެއްވެސް އެހީއެއް ނުލިބޭކަމަށް އާއިލާން ވަނީ ބުނެފައެވެ. އަދި ގިނަ ތަންތަނަށް އެހީގެ ސިޓީ ލިޔުނު ނަމަވެސް ޖަވާބެއްވެސް އެއްވެސް ފަރާތަކުން ދީފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.