ރައީސް ނަޝީދުގެ 13 އަހަރު ޖަލުހުކުމަށް ހައަހަރު، ޚުލާސާބަޔާނަށް ކަޅިއެއް!

ރައީސް ނަޝީދުގެ 13 އަހަރު ޖަލުހުކުމަށް ހައަހަރު، ޚުލާސާބަޔާނަށް ކަޅިއެއް!

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2021 05:44
0

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލުޙުކުމެއް ކުރިމިނަލް ކޯޓުން އިއްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކުރިމިނަލް ކޯޓްގެ ކުރީގެ ކުރީގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދަޢުވާ ސާބިތުވުމާ ގުޅިގެންނެވެ. އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ރިވިއުކުރެއްވުމަށްފަހު މިއަދު އެކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

13 މާޗް 2015 ދުވަހުގެ 23:13 ގައި ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރެއްވި ހުކުމްގެ ކުރިން އެމަނިކުފާނު ދެއްކެވި ވާހަކަފުޅު، ރައީސް ނަޝީދުގެ އޭރުގެ ޤާނޫނީ ވަކީލް މަހުފޫޒް ސައީދު ވަނީ މިއަދު ހިއްސާ ކުރައްވާފައެވެ.

ރައީސް ނަޝީދުގެ ޚުލާސާ ބަޔާން: 

އިއްޒަތްތެރި ފަނޑިޔާރުން! މިއަދަކީ ހުކުރު ދުވަސް. هاروت އަދި ماروت މި ބޭކަލުން މި އާލަމަށް ގެންނެވި ސިހުރުގެ ކަހީނު ބުނީތީވެ، ކާފަރު ޖިންނި ހޯދައި، ދެނަމާދު ދޭތެރޭގައާއި އަދި ހުކުރު ދުވަހުވެސް މި ކޯޓުގައި ޝަރީއަތް ހިންގެވި ނަމަވެސް، މި ދުވަހަކީ، ރާއްޖޭގެ ގިނަ ރައްޔިތުންނަށް މާތްވެގެންވާ ދުވަހެއް. އަދި ވީހާވެސް މަސައްކަތާ ދުރުހެލިވެ، އަޅުކަމާއި އާއިލާއާއެކު އުޅުމަށް ބޭނުންވާ ދުވަހެއް. ހުކުރު ދުވަހު، ދިވެހި ދައުލަތުގެ އެންމެހައި ވުޒާރާތަކާއި އިދާރާތަކެއްވެސް ހުންނަނީ ބަންދުކޮށްފާ.

އިއްޒަތްތެރި ފަނޑިޔާރުން! އަޅުގަނޑު މިއަދު މި ހުންނަނީ ދިވެހި ދައުލަތުގެ އެންމެ ވަރުގަދަ އެއް އިދާރާގައި ބަންދުވެފާ. ދޫނިދޫ ޖަލުގައި. އަޅުގަނޑުގެ ވަކީލުންވަނީ އަޅުގަނޑަށް އިންސާފުވެރި ޝަރީއަތެއް ހޯދައި ދިނުމަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދެވެން ނެތިގެން ތަނާޒުލުވެ ވަޑައިގެންފާ. އާދެ، ތިޔަ ތިން އިއްޒަތްތެރި ފަނޑިޔާރުން މި ޝަރީއަތުގެ މަޖިލީސް ހިންގަވަނީ އިންސާފުން އެއްކިބާވެ ކަމަށް ވިދާޅުވެ، ތަނާޒުލުވެ ވަޑައިގެންފަ.

އަޅުގަނޑު ދޫނިދޫ ޖަލުގައި ހުންނަން ޖެހުމުން، އަޅުގަނޑަށް ގާނޫނީ ވަކީލުންނާ ރަނގަޅަކަށް މަޝްވަރާއެއް ނުކުރެވޭ. އެވަކީލުން އަޅުގަނޑަށް ދެއްވުމަށް އެދިވަޑައިގެންނަވާ ހިދުމަތްތައް އަޅުގަނޑަކަށް ފޯރުކޮށެއް ނުދެވޭ. އެބޭފުޅުން ކުރައްވަން ޖެހިވަޑައިގެންނަވާ ދިރާސާތަކާއި، އެބޭފުޅުން ބޭނުންވެ ވަޑައިގަންނަވާ މުވާސަލާތީ ވަސީލަތްތައް އެބޭފުޅުންނަށް ލިބިދީފައެއްނުވޭ. އިންޓަރނެޓުގެ ހިދުމަތް ލިބޭކަށެއް ނުހުރޭ. ގާނޫނީ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށްޓަކައި އަޅުގަނޑާ އެއް ހާޒިރެއްގައި މަސައްކަތްކުރުމުގެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިފައެއްނުވޭ.

މި ދެންނެވި ހާލަތުގައި، މި ޝަރީއަތުގައި ތިޔަ ވިދާޅުވާ ހުލާސާ ބަޔާން އަދި އަޅުގަނޑަކަށް ތައްޔާރެއް ނުކުރެވޭ. އެބަޔާން އަޅުގަނޑަށް ތައްޔާރުކުރެވޭނީ، މި ހާލަތުން އަޅުގަނޑަށް އަރައިގަނެވިގެން. އަޅުގަނޑަށް މާލެއަށް ބަދަލުވެވިގެން. އަދި އެބަޔާން ތައްޔާރުކުރުމަށް އަޅުގަނޑަށް އެކަށީގެންވާ މުއްދަތެއް ލިބިގެން. ވީމާ، އަޅުގަނޑު އަނެއްކާވެސް ތިޔަ އިއްޒަތްތެރި ތިން ފަނޑިޔާރުންގެ ކިބައިން މި އެދެނީ، ހުލާސާ ބަޔާން ތައްޔާރުކުރުމަށްޓަކައި އަޅުގަނޑު ގޭ ބަންދަށް ބަދަލުކޮށް ދެއްވާ، އަދި 20 ދުވަހުގެ މުއްދަތެއް އަޅުގަނޑަށް ދެއްވުމަށް.

ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ކޯޓްގެ ކުރީގެ އޭރުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައިވަނީ ސިފައިން މެދުވެރިކޮށެވެ. މިމައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދަޢުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Birubodu
އަބްދުﷲ ޤާޒީގެ ހައްގަކަށް ހަންޑިނަޝީދު އަރައިގެންފައިވާތީ ޙަޤީގަތުގައިވެސް ޚުދު.އަބްދުﷲ ޤާޒީވެސް އެބަޖެހޭ ނަޝީދު ގޮވައިގެން އަބްދުﷲގާޒީގެ ހައްގުހޯދުމަށްޓަކައި ކޯޓްތަކުގައި ދައުވާކުރަން ،ކުރިންއެދައުވާ ކުރީ ސަރުކާރުން ސަރުކާރުން ކުރިދައުވާ އަށް ހުކުމެއްކުރީ ފަހުން ރިވައިސްކުރަންއެންގީ