ކޯވިޑް19އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި، އިތުރު 2 ހަފްތާއަށް އިތުރުކޮށް، ކޯވިޑް19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުދީ، މާރޗް21އާއި ހަމައަށް ދަމަހައްޓާގޮތަށް ނިންމައިފިއެވެ.
ފާއިތުވެދިޔަ 2 މަސްދުވަހުވެސް ދަމަހައްޓަމުން އައި ފިޔަވަޅުތައް، އިތުރު 2 ހަފްތާއަށް ދަމަަހައްޓަން ނިންމި އޭރިއާތައް ކަމުގައިވާ، ވެރިރަށް ޓޯކިއޯގެ އިތުރުން، ޓޯކިއޯގެ ވަށައިގެންއޮންނަ 3 ޕްރީފެކްޗަރއެއް ކަމަށްވާ ކަނަގާވާ، ސައިތާމާ އަދި ޝިބާގައި ކުއްލި ނުރައްކަލުގެ ހާލަތު ނިމޭގޮތަށް އޮތީ މާރޗްމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަދި މީގެ އިތުރުން، މީގެ ދެމަސްކުރިން އާންމުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، އެޅި ފިޔަވަޅުތައް، 6 ޕްރީފެކްޗަރއެއް ކަމުގައިވާ، އޮސާކާ، ހިޔޯގޯ، ކިޔޯޓޯ، އައިޗި، ގިފު އަދި ފުކޯކާގައި، މުއްދަތު ހަމަވުމުގެ 6 ދުވަސްކުރިން ޖަޕާން ސަރުކާރުން ވަނީ ނިމުމަކަށް ގެނެސްފައެވެ.
ފަހަކަށް އައިސް ކޯވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން އައިނަމަވެސް، ފިޔަވަޅުތަކަށް ލުއި ދިނުމުގައި ސަމާލުވުމަށް، ޓޯކިޔޯގެ ގަވަރުނަރު ޔުރިކޯ ކޮއިކެ ވަނީ ގޮވާލައްވާފައެވެ.
ކޮއިކެ ވިދާޅުވިގޮތުގައި، ވެރިރަށް ޓޯކިޔޯގައި ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު، ޓާރގެޓް ކުރެވިފައިވާ މިވަރަށް، ކުރީ ހަފްތާއާއި އަޅާބަލާއިރު، %70 އަށް ތިރިކުރެވިފައި ނުވާ ކަމުގައެވެ.
ޖަޕާނުގެ ކެބިނެޓްރ ސެކެޓްރީ ކަޓްސުނޮބޫ ކަޓޯ ވަނީ، ފިޔަވަޅުތައް ކުރިޔަށް އޮތް ދެހްފަތާއަށް، ވެރިރަށް ޓޯކިޔޯ ހިމެނޭ ސަރަހައްދުގައި ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
"ހޮސްޕިޓަލުގެ އެދުތައް ލިބެންހުރި މިންވަރަށް ބަލާއިރު، މިހާރުއޮތް ނާޒުކު ހާލަތަށް އަދި މާބޮޑު ބަދަލުތަކެއް އައިކަމަކަށް ނުބެލެވޭ، އަދި ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދުތަކަށް ބަލާއިރު، މިހާރު އޮތް ޕްރެޝަރ އަދި ކުޑަވާތަނެއް ނުފެނޭ،" ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކަޓޯ ވިދާޅުވެފައި ވެއެވެ.
ސްޓޭޓް އޮފް އެމަޖެންސީގެ ހާލަތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ރެސްޓޯރަންޓުތަކާއި ބާރތައް ރޭގަޑު 8 ޖަހާއިރު ބަންދުކުރަން ޖެހެއެވެ. އަދި މިތަންތަނުގައި، ބަންދުކުރުމުގެ 1 ގަޑިއިރު ކުރިން، ރާވިއްކުން ހުއްޓާލަން ޖެހެއެވެ.
އަދި މަގުބޫލު އުޒުރެއްނެތި ރޭގަޑު 8ގެ ފަހުން ބޭރަށް ނިކުމެ ނޫޅުމަށްވެސް، ފިޔަވަޅުތައް އަޅާފައިވާ ސަރަހައްދުގެ ރައްޔިތުންނަށް ކަމާ ގުޅުންހުރި މުވައްސަސާތަކުން ވަނީ އިރުޝާދު ދީފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ވަނީ، މިހާރުވެސް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ދެހަފްތާއަށް ދިގުދެމިގެން ދާނެކަމަށް ވިދާޅުވެފައެވެ. އަދި ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފިޔަޅުތައް ދިގުދެންމުމަށް މިފަހަރު ބޮޑުވަޒީރު ނިންމަވާފައިވަނީ، މިއީ މުއްދަތު އިތުރުކުރާނެ ފަހުފަހަރު ކަމަށް އުއްމީދު ކުރައްވައިގެންނެވެ.
"އިތުރަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެގެން ނުދާނެ ގޮތަކަށް ކަންކަން ކުރުމަށާއި އަދި އިތުރު ސްޓޭޓް އޮފް އެމަރޖެންސީއެއް އަޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެން ކުރާނަން،" ސުގާ ވިދާޅުވެފައި ވެއެވެ.
އިއްޔެ އެކަނިވެސް، ޖަޕާނުގެ ޓޯކިޔޯގައި 301 މީހަކު ވަނީ ކޯވިޑް19އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ކުރީދުވަހު ޕޮޒިޓިވް ވެފައިވަނީ 279 މީހުންނެވެ.
ވެރިރަށް ޓޯކިޔޯގައި ފާއިތުވި 7 ދުވަހު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އެވްރެޖަކީ 273 އެވެ.
ފާއިތުވެދިޔަ ޖެނުއަރީމަހުގެ 7 ވަނަދުވަސް ފާހަގަ ވެގެންދިޔައީ ޓޯކިޔޯގައި ކޯވިޑަށް ޕޮޒިޓިވް ވީމީހުންގެ އަދަދު އެންމެ މަތިވެގެން ދިޔަ ދުވަހެވެ. އެދުވަހު އެކަނިވެސް 2،447 މީހުން ޕޮޒިޓިވް ވެފައި ވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށްފަހު، ޖަޕާނަށް އެތެރުވުމުގެ ހުއްދު އެތުލީޓުންނަށް ދޭންފެށުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ