ގާނޫނު ހަދާ މަޖިލިހަށް މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވުނު އިންތިޚާބުގައި މުހިންމު ގޮޑުތަކެއް ގެއްލިގެން ދިއުމާގުޅިގެން، އަމިއްލަފުޅަށް ހުށަހަޅުއްވައިގެން، ގާނޫނު ހަދާ މަޖިލިހުގައި، އިތުބާރު އޮތްތޯ ބެލުމަށް ނެގުނު ވޯޓު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ކާމިޔާބު ކުރައްވައިފިއެވެ.
އިމްރާން ޚާންއަކީ، މިހާރު ޕާކިސްތާނުގެ ވެރިކަންކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، ތެހްރީކް-އެ-އިންސާފު ޕާޓީގެ ލީޑަރެވެ. އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ 2018ވަނަ އަހަރު އެގައުމުގައި ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.
މިއަދު ބޭއްވުނު ވޯޓަށްފަހު، 342 މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ، ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ނެޝަނަލް އެސްމްބްލީގެ ރައީސް އަސަދު ޤައިސަރު އިއުލާން ކުރެއްވި ގޮތުގައި، މި ވޯޓުގައި، ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު އޮތްކަމަށް ގާނޫނު ހަދާ މަޖިލިހުގެ ދަށުގޭގެ 178 މެމްބަރުން ވޯޓު ދެއްވާފައިވާ ކަމުގައެވެ.
"އިމްރާން ޚާންއަށް ވަނީ، ނޭޝަނަލް އެސެމްބްލީގެ އިތުބާރު އޮތްކަމަށް ފާސްވެފައި، އަދި ނޭޝަނަލް އެސެމްބްލީގެ މެޖޯރިޓީ މެމްބަރުންވަނީ، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި އެމަނިކްފާނު ދެމިހުންނެވުމަށް އިތުބާރު އޮތް ކަމަށް ނިންމާފައި،" ނަތީޖާ އިއުލާން ކުރައްވަމުން ނެޝަނަލް އެސެމްބްލީގެ ރައީސް ވިދާޅުވެފައި ވެއެވެ.
އިމްރާން ޚާނަށް އިތުބާރު އޮތްތޯ ބެލުމަށް މިއަދު ނެގުނު ވޯޓުގެ ކުރިން، ހުކުރު ދުވަހު، އިދިކޮޅު 10 ޕާޓީއެއް އެކުވެގެން އުފައްދާފައިވާ ޕާކިސްތާން ޑިމޮކްރަޓިކް މޫވްމަންޓް (PDM)އިން ބުނެފައިވަނީ މިވޯޓު އެމީހުން ބޯއިކޮޓް ކުރާނެ ކަމަށެވެ. އަދި، ނޯ ކޮންފިޑެންސް މޯޝަންގެ ހުރިހާ އިޖުރާއަތުތަކެއް ކުރިޔަށް ދިޔައިރުވެސް، މި ޕާޓިތަކުން މަޖިލިހަށް ހާޒިރު ވެފައެއް ނުވެއެވެ.
އިތުބާރު އޮތްތޯ ބެލުމަށް ނެގުނު ވޯޓުގެ ހުރިހާ މަރުހަލާއެއް ކުރިޔަށް ދިޔައިރު، މަޖިލިހުގެ ފްލޯގައި އިންނެވި ހަމަ އެކަނި އިދިކޮޅު މެމްބަރަކީ، ޕަޝްތޫން ތަހައްފުޒު މޫވްމަންޓް (PTM) ރައިޓްސް ގުރޫޕުގެ ލީޑަރު އެކަންޏެވެ.
ފާއިތުވެދިޔަ އަންގާރ ދުވަހު، ސެނެޓުގެ ގޮޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވުނު އާންމު އިންތިޚާބުގައި، އިމްރާން ޚާނުގެ ސަރުކާރުގެ މާލީ ވަޒީރުގެ ގޮޑި، ކުރީގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީއާއި ވާދަކޮށް ވަރަށް ކުޑަ ތަފާތަކުން ގެއްލި ދިއުމަށްފަހު، މިއަދުގެ ވޯޓުން ކާމިޔާބު ލިބުމާއި ގުޅިގެން، ވެރިކަމުގައި ދެމިހުރުމަށް އިމްރާން ޚާމަށް އިތުރަށް މަގުފަހި ވެގެންދާނެއެވެ.
ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ ވޯޓަށްފަހު، މަޖިލީހުގައި ވާހަކަ ދައްކަވަމުން، އިމްރާން ޚާންވަނީ، އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އަޅުވާ، އޭނާ ވަނީ ނިމިދިޔަ ސެނެޓްގެ އިންތިޚާބާ ގުޅިގެން ޚާއްސަ ތަހުގީގެއް ކުރެއްވުމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ. އަދި މިތަހުގީގަށް ބޭނުންވާ މައުލޫމާތު ޕާކިސްތާނުގެ އިންޓެލިޖެންސް އޭޖެންސީ ހޯއްދެވުމަށްވެސް އޭނާ އެދިވަޑައިގަތެވެ.
ކޮމެންޓު ފޮނުވާ