ޗެލްސީއާއި ޔުނައިޓު މެޗު އެއްވަރު

ޗެލްސީއާއި ޔުނައިޓު މެޗު އެއްވަރު

Author
މުޙައްމަދު ޝަޒައިމް
01 މާރޗް 2021 10:15
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުންވެސް ބަލާހިތްވާ ކުޅުމެއް ކުޅެފައިވީނަމަވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ މަދު ހަމަލާއެކެވެ.  ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ހަޑްސަން އޮޑޯއި އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ރެފްރީ ވަނީ ވީއޭއާރުގެ އެހީގައި ބެލުަމަށްފަހު، އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ. އޭގެފަހުން ވެސް ޗެލްސީއށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ހަޑްސަން-އޮޑޯއި އަތުގައި ޖެހުނު ބޯޅައަކީ 100 ޕަސެންޓް ޕެނަލްޓީއެއް ކަމަށާއި ފަހަކަށް އައިސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ގިނަ ޓީމުތަކުން ބޮޑު މެޗުތަކުގެ ކުރިން ރެފްރީންނަށް ނުފޫޒުފޯރުވާ ކަމަށެވެ.

މި މެޗުން އެއްވަރުވި ނަމަވެސް މި ސީޒަނުގައި ޔުނައިޓެޑުން ނެރެމުންދަނީ ރަނގަޅު ނަތީޖާތަކެކެވެ. އަނެއްކޮޅުން ޗެލްސީގެ އާ ކޯޗު ޓުޗެލް އެ ޓީމާއި ހަވާލުވި ފަހުން އެ ޓީމަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ އައިސްފައެވެ. މި މެޗުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީވެސް ޗެލްސީންނެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި ޔުނައިޓެޑާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީ 12 ޕޮއިންޓަށް ފުޅާވެފައެވެ. އެއްވަނައިގައި ސިޓީ އޮތީ 62 ޕޮއިންޓާއެކު އެވެ ހަމަ މި އަދަދަށް މެޗު ކުޅެގެން ޔުނައިޓެޑް އޮތީ 50 ޕޮއިންޓާއެކު އެވެ. އަނެއްކޮޅުން ޗެލްސީ އޮތީ ލީގުގެ ފަސްވަނައިގައި 44 ޕޮއިންޓާއެކު އެވެ. އެ ޓީމަށް ގަދަ ހަތަރަކަށް އަރަން މަދުވަނީ އެއް ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.