2018 ވަނަ އަހަރު، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލެވިފައިވާ، ސައުދީ ޖާނަލިސްޓު ޖަމާލް ކަޝޯގީގެ މަރާގުޅިގެން ސައުދީ އަރަބިއާގެ 76 ރައްޔިތަކު އެމެރިކާއަށް ވަނުން، ޖޯބައިޑްގެ ސަރުކާރުން، ހުކުރު ދުވަހު މަނާކޮށްފިއެވެ.
އެހެންނަމަވެސް، ގައުމުން ބޭރަށް އަރުވާލެވިގެން ހުންނަވަނިކޮށް، ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް ތެރޭގައި މަރާލެވިފައިވާ ނޫސްވެރިޔާ ޖަމާ ޚަޝޯގީ މަރާލެވިފައިވަނީ، ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނު (އެމްބީއެސް)ގެ އަމުރަށްކަން ޔަގީން ކުރެވިފައިވާ ކަމަށް، މި ހާދިސާ ތަހުގީގުކޮށް އެކުލަވާލެވުނު، އެމެރިކާގެ ސީއައިއޭގެ އިންޓެލިޖެންސް ރިޕޯޓުގައި ބުނެފައިވި ނަމަވެސް، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމި ސައުދީ އަރަބިއާގެ 76 ރައްޔުތުންގެ ތެރޭގައި އޭނާ ހިމަނާފައެއް ނުވެއެވެ.
ހުކުރު ދުވަހު، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، "ޖަމާލް ކަޝޯގީގެ މަރަކީ މުޅި ދުނިޔެއަށްވެސް ބިރުވެރިކަން ގެނުވި މަރެއް" ކަމުގައެވެ. އަދި މި ބަޔާނުގައިވަނީ، ޖަމާލް ޚާޝޯގީގެ ނަމުން ނަންދެވިފައިވާ، ވިސާ ދޫކުރުން މަނާ ކުރާ މި ޕޮލިސީގައި ހިމެނޭ މީހުންގެ ނަންތައްވެސް އާންމު ކޮށްފައެވެ.
"ޚަޝޯގީ ބޭން (ޚަޝޯގީގެ ނަމުން ނަން ދެވިފައިވާ ޕޮލިސީ) އިންވަނީ، ގައުމުން ބޭރުގައި ދިރިއުޅޭ މީހުންގެ އަަޑު ކަޑުވާލުމަށް، ބޭރުގެ ދައުލަތްތަކުގެ ފަރާތުން، ނުރައްކާތެރި ކުށްތައް ކުރާ، މީގެތެރޭގައި ދިމާކުރުމާ، ނުރައްކާ ކުރުމާއި، އަދި ނޫސްވެރިންނަށް ގެއްލުން ދިނުމާ އަދި މިފަދަ އަމަލްތައް ހިންގުން ހިމެނޭގޮތުން، އެމީހުންނާ ގުޅުން އޮތް ފަރާތްތަކާ އެމީހުންގެ އާއިލާތައްވެސް ހިމެނޭގޮތަށް، އެމެރިކާއަށް ވަނުމަށް ހުއްދަ ނުދިނުމުގެ ގޮތުން ވިސާ ދޫކުރުން މަނާކުރުމުގެ އިޚްތިޔާރާ ބާރު ސްޓޭޓް ޑިޕާޓްމަންޓަށް ދީފައި،" ބަލިންކަން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"އަހަރެމެން އެންމެންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކާ، ގައުމުން ބޭރުގައި ދިރުއުޅޭ ރައްޔިތޔުންނަށް ހަމަލާދީ، އެގައުމުތަކުގެ ސަރުކާރުތަކަށް ހިތްވަރުދޭ އެއްވެސް މުޖުރިމަކަމަކަށް އަހަރުމެންގެ މިފަސްފަގަޑާ ހަމައަށް ވާސިލް ވުމުގެ ފުރުސަތު ދީގެން ނުވާނެ،" މި ބަޔާނުގައި އެންތަނީ ބްލިންކަން ވިދާޅު ވެފައި ވެއެވެ.
ބައިޑްން އެމެރިކާގެ ރައީސްކަމާ ހަވާލު ވެވަޑައިގެންނެވިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި މި އެޅުއްވި ފިޔަވަޅުތައް، ބެލެވެނީ، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެއިލް ވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ، ރިޔާސީ ކެމްޕޭންގެ ތެރޭގައި ބައިޑްން ވެވަޑައިގެންނެވި ވައުދު ފުއްދުވުމުގެ އެޅުއްވި ފިޔަވަޅުތަކެއްގެ ގޮތުގައެވެ.
ބްލިންކަން ވިދާޅުވި ގޮތުގައި، ބައިޑްންގެ ސަރުކާރުން މިއެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ޖަމާލް ޚަޝޯގީގެ މަރު ކުއްވެރިކޮށް އަދި އިންސާފު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެން ދިއުމުގެ އިތުރުން "ގައުމުގެ ބޭރުގައި ދިރިއުޅޭ ނޫސްވެރިންނާ އަދި އަރުވާލެވިގެން ދިރިއުޅޭ މީހުންގެ އަސާސީ ހައްގުތަކަށް އަރައި ނުގަތުމަށް" މިނިންމުމުން ދުނިޔޭގެ ގައުމުތަކަށް ބާރު އަޅާނެ ކަމުގައެވެ.
ބައިޑްގެ ސަރުކާރުގެ އިސް އޮފިޝަލު، ނަން ހާމަނުކުރުމަށް ޝަރުތުކޮށް، ރޮއިޓާސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ބައިޑްންގެ ސަރުކާރުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ، އަރަބި ދުނިޔޭގެ މުހިންމު ގައުމެއް ކަމުގައިވާ، ސައުދު އަރަބިއާއެކީ އޮތް ގުޅުން ކަޑާނުލާ، އާ ފެށުމަކުން އެގުޅުން ފަށާނެ ހިސާބެއް ހޯދައިގަނެ ކުރިޔަށް ދިއުމުގެ ގޮތުން އަޅުމުން ގެންދަވާ ފިޔަވަޅުތަކެއް ކަމުގައެވެ.
ހުކުރުދުވަހު އާމުކޮށްފައިވާ، ޖަމާޅް ޚަޝޯގީގެ މަރާގުޅޭ ޖާސޫސީ މައުލޫމާތުތައް އެކުލެވޭ، އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުގައިވަނީ، އެގައުމުގެ އިންޓެލިޖެންސް އޮފިޝަލުން ގަބޫލުކުރާ ގޮތުގައި، މި ހާދިސާގައި، ސައުދީ އަރަބިއާގެ ސަރުކާރުގެ ހިންގެވުމާއި ހަވާލުވެ ހުންނެވި، ވަލީ އަހުދު މުހައްމަދު ބިން ސަލްމާނު އަދާ ކޮށްފައިވާ ދައުރު ފުރަތަމަ ފަހަރަށް ޔަގީން ކޮށްދީފައެވެ.
ސައުދީގެ މަރު ސްކޮޑަކުން، ތުރުކީގައި ހުންނަ އެގައުމުގެ ކޮންސިއުލޭޓް ތެރޭގައި ޖަމާލް ޚަޝޯގީ މަރާލާފައިވާ ގޮތުގެ އިންޓޭލިޖެންސް އެތަކެއް މައުލޫމާތުތަކެއް އެކުލެވޭ މި ރިޕޯޓު އާންމު ކުރުން ލާޒިމްކޮށް، 2019 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސްއިން ގާނޫނެއް ފާސްކޮށްފައި ވިނަމަވެސް، ކުރީގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ މިރިޕޯޓު އާންމު ނުކޮށް ހިފަހައްޓަވާފައެވެ.
ސައުދީ އަރަބިއާގެ ޝާޙީ އާއިލާގެ އިސް ފަރާތްތަކާއެކީ ވަރަށް ގާތްކޮށް ކުރިން މަސައްކަތް ކުރެއްވި، އެހެންނަމަވެސް ފަހުން، ޝާހީ އާއިލާ ދުރަށް ވަޑައިގެން، ގައުމުން ބޭރުގައި ދިރި އުޅުއްވަމުން ގެންދެވި ޖަމާލް ކަޝޯގީ މަރާލާފައިވަނީ، ތުރުކީގެ އިސްތަމްބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައެވެ. ސައުދީ ސަރުކާރަށް ނިސްބަތްވާ އިސް އޮފިޝަލުންތަކެއް ވަނީ ކަޝޯގީ މަރާލުމަށްފަހު، އެނާގެ ހަށިގަޑުގެ ބައިތައް ކޮންސިއުލޭޓް ތެރޭގައި، ކަރަންޓު ކީހަކުން ބުރިކޮށް، ވަކި ކޮށްފައެވެ. އަދި ހަށިގަޑުގެ ބައިތައް ކޮންސިއުލޭޓުން ނެރެ ގެންގޮސްފައިވަނީ ސައުދީ ސަފީރުގެ ގެކޮޅަށްކަން ތަހުގީގުން އެގިފައިވި ނަމަވެސް، ހަށިގަޑުގެ ބައިތަކަށް ފަހުން ހަދާފައިވާ ގޮތެއް އަދިވެސް ސައުދީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ޚަޝޯގީ މަރާލުމުގެ ކުރިން އޭނާ ގެންދެވީ ވޮޝިންގޓަން ނޫހަށް ޚާއްސަ ކޮލަމެއް ލިޔުއްވަމުންނެވެ. މި ލިޔުއްވުމުގައި އޭނާ ގެންދެވީ ސައުދީ ޝާހީ ޢާއިލާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ސައުދީ ސަރުކާރުން މިހާތަނަށް ވަނީ، މި ހާދިސާއާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނުއާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެފައެވެ.
ވައިޓް ހައުސްއިން ކުރިން ބުނެފައިވަނީ، މި ރިޕޯޓު އާންމު ވެގެން ދިއުމަށްފަހު، ރިޕޯޓާގުޅިގެން ދެން އެގައުމުން އަޅާނެ ފިޔަވަޅުތަކެއް ބައިޑްންގެ ސަރުކާރުން އިތުރަށް ހާމަ ކުރާނެއެވެ.