ސައުދީ ސަރުކާރާ ޚިޔާލު ތަފާތުވެ، އަމިއްލައަށް އަރުވާލެވިގެން ހުންނަވަނިކޮށް، މަރާލެވިފައިވާ ސައުދީ ޖާނަލިސްޓް، ޖަމާލް ކަޝޯގީގެ ގާތިލުން، ތުރުކީއަށް ދަތުރު ކުރުމަށް ބޭނުން ކޮށްފައިވަނީ، އެހާދިސާގެ އަހަރެއްހާ ދުވަސްކުރިން، ސައުދީ އަރަބިއާގެ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނަށް ނިސްބަތްވާ ކުންފުންޏެއްގެ ދެ ޖެޓްކަމުގައި، ސިއްރު ލިޔުންތަކަށް ހަވާލާދީ، ސީއެންއެން އިން ރިޕޯޓު ކޮށްފިއެވެ.
ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ސިއްރު ލިޔުންތަކަކީ، "ޓޮޕް ސީކްރެޓް"ގެ ގޮތުގައި ލޭބަލްކޮށް، އަދި ސައުދީގެ މިނިސްޓަރަކު ސޮއިކޮށްފައިވާ ލިޔުންތަކެކެވެ.
ސިއްރު ލިޔެކިޔުންތަކާ ހަވާލާދީ ސީއެންއެންއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ގާތިލުން ދަތުރު ކޮށްފައިވާ، މި ޕްރައިވެޓް ދެ ޖެޓަކީ 2017 ވަނަ އަހަރު، ޕްރިންސް މުހައްމަދުގެ ކުންފުންޏެއްކަމަށްވާ ސްކައި ޕްރިމް އޭވިއޭޝަންއަށް ނިސްބަތްވާ ދެ ޖެޓެވެ. އެހެންނަމަވެސް، އެއަހަރު ފަހުކޮޅު މި ދެ ޖެޓްގެ މިލްކުވެރިކަން ވަނީ، ސައުދީ އަރަބިއާގެ 400 ބިލިއަން ޑޮލަރުގެ ސޯވަރިންގ ވެލްތު ފަންޑުގެ މިލްކުވެރިކަމަށް ބަދަލު ކޮށްފައެވެ.
މި ދެ ޖެޓް ކުރިން ނިސްބަތްވި ކުންފުންޏަކީ ޕްރިންސް މުހައްމަދުގެ ކުންފުންޏެއްކަން، ސިއްރުން ލިޔުންތަކުގައި ބަޔާން ކޮށްފައިވާކަން ހާމަވެގެން ދިއުމާގުޅިގެން، ނޫސްވެރިޔާ ޖަމާލް ކަޝޯގީގެ މަރާ ޕްރިންސް މުހައްމަދާ ގުޅުން އޮތްކަމަށް މިހާރުވެސް އިންޓެލިޖެންސް މައުލޫމާތުތަކުން ބުނާ ބުނުންތަކަށް މިހާރުވަނީ އިތުރަށް ބާރު ލިބިދީފައެވެ.
އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީ، ސީއައިއޭއިން ކުރިން ބުނެފައިވަނީ، ޖަމާލް ކަޝޯގީ މަރާލުމަށް މުހައްމަދު ބިން ސަލްމާނު އަމުރު ކޮށްފައިވާ ކަމުގެ ފުރިހަމަ ހެކި އެ އޭޖެންސީއަށް ލިބިވައިވާ ކަމަށެވެ.
މި ހާދިސާއަށްފަހު، ސައުދީ އަރަބިއާއިންވަނީ، ޖަމާލް ކަޝޯގީގެ މަރަށްފަހު، ޚަރާބު ވެގެން ގޮސްފައިވާ އެގައުމުގެ މޫނިމަތި ރީތި ކުރުމަށް 16 ލޮބީން ފާމެއް (މޫނުމަތި ރީތި ކުރުމުގެ މަސައްކަތް ކުރުމަށް ޚާއްސަ ކުންފުނިތައް) އައްޔަން ކޮށްފައެވެ.
ސައުދީ އަރަބިއާގެ ޝާޙީ އާއިލާގެ އިސް ފަރާތްތަކާއެކީ ވަރަށް ގާތްކޮށް ކުރިން މަސައްކަތް ކުރެއްވި، އެހެންނަމަވެސް ފަހުން، ޝާހީ އާއިލާ ދުރަށް ވަޑައިގެން، ގައުމުން ބޭރުގައި ދިރި އުޅުއްވަމުން ގެންދެވި ޖަމާލް ކަޝޯގީ މަރާލާފައިވަނީ، ތުރުކީގެ އިސްތަމްބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައެވެ. ސައުދީ ސަރުކާރަށް ނިސްބަތްވާ އިސް އޮފިޝަލުންތަކެއް ވަނީ ކަޝޯގީ މަރާލުމަށްފަހު، އެނާގެ ހަށިގަޑުގެ ބައިތައް ކޮންސިއުލޭޓް ތެރޭގައި ވަކި ކޮށްފައެވެ. އަދި ހަށިގަޑުގެ ބައިތައް ކޮންސިއުލޭޓުން ނެރެ ގެންގޮސްފައިވަނީ ސައުދީ ސަފީރުގެ ގެކޮޅަށްކަން ތަހުގީގުން އެގިފައިވި ނަމަވެސް، ހަށިގަޑުގެ ބައިތަކަށް ފަހުން ހަދާފައިވާ ގޮތެއް އަދިވެސް ސައުދީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
މިހާދިސާއަށްފަހު، ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަގު ބައިނަލް އަގުވާމީ މަސްރަހުގައި ވެއްޓި، ސައުދީ އަރަބިއާގެ މޫނުމަތިވަނީ ވަރަށްބޮޑަށް ކިލަބު ވެގެން ގޮސްފައެވެ.
2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކަޝޯގީ އިސްތަމްބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އެންމެ ފުރަތަމަ ގޮސްފައިވަނީ، އޭނާގެ ލޯބިވެރިޔާއާއި ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށެވެ. އަދި އެދުވަހު ކަޝޯގީ ކޮންސިއުލޭޓަން ވަނުމާއެކު، ކޮންސިއުލޭޓުގައި ސައުދީ އިންޓެލިޖެންސް ސްޓޭޝަން ޗީފްއެއްގެ ގޮތުގައި އޭރު މަސައްކަތް ކުރަމުންދިޔަ އަހުމަދު އަބްދުﷲ އަލް-މުޒައިނީ ވަނީ، އިމަޖެންސީ ކޯޑެއް ބޭނުން ކޮށްގެން، ކަޝޯގީ ކޮންސިއުލޭޓަށް ވަދެއްޖަކަން، ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދަށް އެދުވަހު އަންގާފައި ވެއެވެ.
ސައުދީ އަރަބިއާއިން ފޮނުވި 15 މީހުންގެ މައްޗަށް އެކުލެވޭ މަރުގެ ސްކޮޑުން ކަޝޯގީ މަރާލާފައިވަނީ، އޭގެ 4 ދުވަސް ފަހުން، އޭނާ ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ބަލާ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ކޮންސިއުލޭޓަށް ދިއުމުންނެވެ.
އެންމެފުރަތަމަ، މި ޖަރީމާގެ އެއްވެސް މައުލޫމާތެއް ނޭގޭކަމަށް ސައުދީ އަރަބިއާއިން ބުނި ނަމަވެސް، ފަހުން ސައުދީ ސަރުކާރުންވަނީ ތުރުކީގައި ހުންނަ އެގައުމުގެ އެމްބަސީތެރޭގައި މިޖަރީމާ ހިންގާފައިވާކަމަށް އެއްބަސް ވެފައެވެ. އެހެންނަމަވެސް ސައުދީ ސަރުކާރުން ބުނެފައިވަނީ މިއީ އެގައުމުގެ ސަރުކާރަށް އެގިގެން ހިންގާފައިވާ ޖަރީމާއެއް ނޫން ކަމުގައެވެ.