ޑިމޮކްރަސީ އަކީ ރައްޔިތުންގެ ބާރުވެރިކަމެވެ. އެއީ ރައްޔިތުންގެ ވެރިކަމެވެ. ރައްޔިތުން ވޯޓު ލައިގެން އިންތިޚާބު ކުރާވެރިން ރައްޔިތުންގެ މައްޗަށް ބަސްއިއްވާ، އަމުރު މައުރޫފު ހިންގާ ވެރިކަމެވެ. އަދި އެއީ، އެނިޒާމުގެ ތެރެއިން، ރައްޔިތުން ބޭނުން ނުވީމާ ވެރިން ވެރިކަމުން ދުރުކުރެވޭ ނިޒާމެވެ. ވެރީން ރައްޔިތުންނަށް ޖަވާބު ދާރީން ވާންޖެހޭ ހަމައެކަނި ވެރިކަމުގެ ނިޒާމެވެ.
ޑިމޮކްރަސީގެ އެންމެ ފޮނި މީރުކަމަކީ، ރައްޔިތުންގެ މަންދޫބުން އިޚްތިޔާރު ކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދީފައި އޮންނަކަމެވެ. އަދި އެބާރު ރައްޔިތުންނަށް ލިބިދެނީ، އިންތިޚާބުތަކުގެ ޒަރީއާއިންނެވެ. ރައްޔިތުން ބޭނުންވީމާ އިންތިޚާބުތަކުގެ ޒަރީއާއިން ވެރީންނަށް އާއެކޭ ބުނުމުގެ ފުރުސަތު އޮންނަ ފަދައިން، އެވެރީންނަށް ނޫނެކޭ ބުނުމުގެ ބާރުވެސް ޑިމޮކްރަސީގައި ރައްޔިތުންނަށް ލިބިދެނީ ވޯޓުގެ ޒަރީއާއިންނެވެ.
އެހެންނަމަވެސް، ގާނޫނު އަސާސީގައި، ކިތަންމެ ރިވެތި އިބާރާތްތަކަކުން، ޑިމޮކްރަސީގެ ވާހަކަތައް ލިޔެވިފައި އޮތެއްކަމަކު، އެކުލެވިފައި އޮންނަ ޑިމޮކްރަޓިކް ނިޒާމަކުން ގައުމަށް ފައިދާ ކުރާނީ، ޑިމޮކްރަސީގެ އެންމެ މައިގަޑު އަސާސްކަމުގައިވާ، ރައްޔިތުންނަށް ލިބިދީފައި އޮންނަ ވޯޓުލުމުގެ ބާރު ފުރިހަމަޔަށް ބޭނުން ކުރެވިގެންނެވެ. ޗެކްއެންޑް ބެލެންސެއް ގާއިމް ކުރެވޭނީ، މިނިވަންކަމާ އިންސާފުވެރިކަމާއެކު، މިހައްގުގެ ބޭނުން ތެދުވެރިކަމާއެކު ކޮށްގެންނެވެ.
އެހެންގޮތަކަށް ދަންނަވަނީ ނަމަ، ޑިމޮކްރަސީގައި، ތިލަފަތް އެއްހަމަޔަކުން މީޒާން ކުރެވޭނީ، "ގުބޯ ނުހެއްދި" "ވަޖިދު ނުވަދެ" ސާފު ސިކުޑިއަކުން ވިސްނައިގެން ރައްޔިތުން ވޯޓު ލީ ދުވަހަކުންނެވެ.
ކުރިޔަށް އޮތީ ލޯކަލް ކައުންސިލްގެ އިންތިޚާބު
މުޅި ދުނިޔެއަށް ކުރިމަތިވެގެން ދިޔަ، ކޯވިޑް19ގެ އާލަމީ ވަބާގެ ނުރައްކާ ކިތަންމެ ބޮޑުކޮށް ފެތުރިގެން ގޮސްފައި އޮތެއްކަމަކު، މިއަދު ރާއްޖެވެސް ތައްޔާރުވަމުން މިދަނީ އަންނަ އެޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށެވެ. ހުރިހާ ސިޔާސީ ޕާޓީތަކުންނާ، ކައުންސިލްތަކަށް ކުރިމަތި ލާފައިވާ ހުރިހާ ކެނޑިޑޭޓުންވެސް މިހާރު ބެރުޖަހަމުން ދަނީ، ލޯކަން ކައުންސިލް އިންތިޚާބަށެވެ.
2020 ވަނަ އަހަރު ބާއްވަން ޖެހޭ އިންތިޚާބު އަހަރަކަށް ލަސްވެގެން ދިއުމަށްފަހު، ރާއްޖޭގެ އިދާރީ ހިންގުމުގެ ބިންގާ ކަމުގައިވާ، ރަށު ކައިންސިލްތަކާ އަދި އަތޮޅު ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވޭ އިންތިޚާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރިލްމަހުގެ 10 ވަނަ ދުވަހުއެވެ.
އިންތިޚާބު އެޕްރިލްމަހު 10 ވަނަ ދުވަހު، މިހާރު ހަމަޖެހިފައިވާ ގައިޑްލައިންގެ ތެރެއިންނާއި އަދި ލިބިފައިވާ ބަޖެޓްގެ ތެރެއިން ބޭއްވުން ދަތިވާނެ ކަމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުން އައިކަމުގައި ވީނަމަވެސް، ވޯޓު ކަރުދާސްތައް ޗާޕުކުރުމުން ފަށައިގެންގޮސް، ކެނޑިޓޭޓުންގެ ނަންބަރު ތަރުތީބު ކުރުމާ ހަމައަށް މަސައްކަތް ކުރިޔަށް ގޮސްފައިވާތީ، ގަބޫލު ކުރެވޭގޮތުގައި، ދެން އިތުރަށް އިންތިޚާބު ލަސްވެގެން ދިއުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.
އަދި ވަކީން ޚާއްސަކޮށް، ސަރުކާރު ހިންނާ އެންމެބޮޑު ޕާޓީ، އެމްޑީޕީން، އޮންލައިންކޮށް، ރައްވެހި ފަތިސްގެ ނަމުގައި ކުރިޔަށް ގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗް ކޮށްފައިވާތީ، ގަބޫލު ކުރެވޭގޮތުގައި ދެން އިތުރު މުއްދަތަކަށް މިއިންތިޚާބު ލަސްވެގެނެއް ނުދާނެއެވެ.
އެހެންކަމުން، އިތިޚާބުގައި ވާދަކުތާ ސިޔާސީ ޕާޓީތަކާއި، ކެނޑިޑޭޓުންނާ އަދި، ވަކީން ޚާއްސަކޮށް، މިއިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ރައްޔިތުން މިއީ އިންތިޚާބާ ދޭތެރެ ފުންކޮށް ވިސްނާ ފިކުރު ހިންގަންވީ ވަގުތެވެ. ފާއިތުވެދިޔަ ތަނުގައި ދީފައިވާ ވޯޓުތަކުން ނެރެވުނު ނަތީޖާއާއި، ވީވައުދުތަކަށް އަމަލީސިފަ ގެނެވުނު މިންވަރާ އަދި މީގެއިތުރުން، ވާ ވައުދުތައް ފުއްދާނޭ ކަމުގެ ޔަގީންކަން އޮތީ ކިހާ މިންވަރަކަށްތޯ، މިއަދި ރައްޔިތުން ވިސްނާ ފިކުރު ކުރާންވީ ކަންކަމެވެ.
ލެވުނު ވޯޓުން ނިކުތީ ކޮން ނަތީޖާއެއް
2008 ވަނަ އަހަރު ރާއްޖެ ބަލައިގެންފައިވާ ފެހި ގާނޫނު އަސާސީއަށްފަހު، ރައްޔިތުން ވޯޓުލަމުން މިދަނީ، ސިޔާސީ ފަރާތްތަކުން ވާ ވައުދުތަކުގެ މައްޗަށެވެ. ސިޔާސީ ޕާޓީތަކަށެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް، އެވަގުތަކަށް ރައްޔިތުންނަށް، އެންމެ މުހިންމު ވެފައިވާ ކަންކަމުގެ މަތިން ހަދާންވ،ެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވަމުންދާ ވައުދުތައް އިތުރުވެއެވެ. ފިނި ކޮޓަރިތައް ދޫކޮށް، ކަންމަތީ ހޮޓާތަކަށް ވަންނާން ފައްޓައެވެ. ރައްޔިތުން ވަޖިދު ވެއްދުމަށްޓަކާ، ތަރައްގީގެ އެތަކެއް މަޝްރޫއުތަކެއް އިއުލާން ކުރެވެއެވެ. މިއީ ޒަމާނުއްސުރެ އަޅުގަޑުމެންގެ ސިޔާސީ މަސްރަހުގައި އަށަގެންފައި އޮތް އާދައެވެ.
އަދި ހިތާމައަކީ، މިއާދަތައް ދިވެހި ރައްޔިތުން ފުރިހަމަޔަށް ބަލައިގެންފައި ވާތަން މާޒީގައި ފެނިގެން ގޮސްފައިވާ ކަމެވެ. ވީވައުދުތައް ނުފުއްދުނު ކަމުގައިވި ނަމަވެސް، ވާވައުދުތަކަށް ދިވެހި ރައްޔިތުން އިތުބާރު ކޮށްފައިވާތަން މާޒީގައި ބޭއްވިގެންދިޔަ ހުރިހާ އިންތިޚާބަކުން ފެނިގެން ގޮސްފައިވަނީ މަދުންނެއް ނޫނެވެ. ރިޔާސީ އިންތިޚާބަކަސް، މަޖިިސް އިންތިޚާބަކަސް އަދި، ފާއިތުވެދި ލޯކަލް ކައުންސިލް އިންތިޚާބުތަކުގައިވެސް ކަންހިގާފައިވަނީ ހަމަ މި މިބީދައިންނެވެ. ނަތީޖާވެސް ވަރައް ހިއްޗެވެ. މިއިން އިންތިޚާބުތަކުގެ ނާޖާއިޒު ފައިދާ ސިޔާސީވެރިންވަނީ އެމީހުންގެ ހިތްފުރެންދެން ނަގާފައެވެ.
ފާއިތުވެދިޔަ ރިޔާސީ އިންތިޚާބު ނިމުނުތަނާ ކަހަލަ ގޮތަކަށް އައި، މަޖިލިސް އިންތިޚާބުގައި ރައްޔިތުން، މުޅި މަޖިލިހުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، އެއް ޕާޓީއަކަށް ސުޕަރ މެޖޯރިޓީ ދިނެވެ. މި ސުޕަރ މެޒޯރިޓީއާއެކީ، އުފުލަން ޖެހޭ ބުރަ ޒިންމާތަކެއްވެސް އަންނާނެ ކަމުގައި، ސުޕަރ މެޖޯރިޓީ ލިބިގެން ދިއުމާއެކު އެޕާޓީން އޭރު ބުނެފައި ވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާ މިއަދު ކުރިމަތި ލާންޖެހޭއިރު، މަޖިލިސް އިންތިޚާބަށް ދެއަހަރު ވެގެންދިޔައީއެވެ. މަޖިލިސް އިންތިޚާބަށް 2 އަހަރު ފުރިގެންދާއިރު، ސުޕްރ މެޖޯރިޓީ ހޯދުމަށް އެޕާޓީން ވީ ވައުދުތަކަށް އެޕާޓީން އިހުތިރާމް ކުރީ ކޮން މިންވަރަކަށްތޯ ބަލާނުލާ ވޯޓު ލައިފިނަމަ، އަނެއްކާވެސް "ބޮނޑި" ބޯނީ ރައްޔިތުންނެވެ. ސުޕްރ މެޖޯރިޓީގެ ބޭނުން މަޖިލީހުގައި އެޕާޓީން ހިފީ ކޮން ގޮތަކަށްތޯ ބަލާނުލާ، އިންތިޚާބުގައި ވޯޓި ދީފިނަމަ، "ކެހި" ލިބޭނީ ހަމަ ރައްޔިތުންނަށެވެ.
ހަމަ އެފަދައިން، ޑިމޮކްރަސީގައި އިދިކޮޅު ފަރާތްތަކުންވެސް އަދާކުރާ ދައުރު ކުޑައެއް ނޫނެވެ. ސަރުކާރަށް ތިމާ ތާއީދު ނުކުރުމަކީ، ދެލޯ މަރާލުމަށްފަހު، އިދިކޮޅު ޕާޓީއަށް ވޯޓުލާން ޖެހޭ ސަބަބެއްކަމުގައި ދެކުމަކީވެސް އުސޫލަކަށް ވެގެން ނުވާނެއެވެ.
ތެދެކެވެ. ސަރުކާރު ޒިންމާދާރު ކުރުމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތަކީ، އަދި އެޒިންމާގެ ބޮޑުބައެއް ޑިމޮކްރަސީގައި އަބަދުވެސް އޮންނަނީ އިދިކޮޅު ފަރާތްތަކެވެ. އެހެންނަމަވެސް، ޒިންމާދާރު ކުރުމަކީ، އެވަގުތަކު އޮންނަ ސަރުކާރަކުން ކުރާ ހުރިހާ ކަމެއް ގޯސްވުންކަމުގައި ދުށުމުގެ ސަގާފަތެއް އަބަދުވެސް އަޅުގަޑުމެންގެ ތެރޭގައި އޮވެއެވެ.
މުޒާހިރާ ކުރުމަކީ ފެށަނަކަށް ވެގެން ނުވާނެއެވެ. ތިމާ ގަބޫލުކުރާ އުސޫލާ ޚިލާފުވާ މީހާ ރަގަޅު އެއްކަމެއްވެސް ނުކުރާނެކަމަށް ދުށުމަކީ އޭރުގެވެސް، މިހާރުގެވެސް އުސޫލުކަމުގައި މިއަދު އަޅުގަޑުމެންގެ ތެރޭގައި މިވަނީ ވެގެން ގޮސްފައެވެ. މިއުސޫލުތައް ބަދަލު ކުރެވިގެން މެނުވީ ސަރުކާރު ޒިންމާދާރު ނުކުރެވޭނެއެވެ. ބޭނުމީ އިޚްލާސްތެރި ހިތެކެވެ. ތެދުވެރިކަމެވެ.
ހައްލަކީ ރައްޔިތު މީހާ ހޭލުންތެރިވުން
އައްޔަކަސް އަދިރިއަކަސް ވާނީ އެއްވަރޭ ބުނެ، ވޯޓު ދީފި ކަމަށް ވާނަމަ، ދެންވެސް ޖެހޭނީ ހަމަ އެއްތާކުއެވެ. ވޯޓަކީ އެއެއް މިއެއް ބަލާލުމެއް ނެތި ދެވޭ އެއްޗަކަށް ވެއްޖެނަމަވަ، އެވޯޓުގެ ނަތީޖާވެސް ނިކުމެގެން ދާނީ ހަމަ އެބީދައިންނެވެ.
ވޯޓަކީ ހަމައެކަނި ޕާޓީއަށް ބަލައިގެން ދެވޭ ވޯޓަކަށް ވެއްޖެނަމަ، ޕާޓީ ޕްލެޓްފޯމުގައި އިންތިޚާބުވާ މީހާއަށް މަސައްކަތް ކުރަން މަޖުބޫރުވާނީ އެޕްލެޓްފޯމުގައި ހުރެގެންނެވެ. ޕާޓީގެ ސިޔާސަތު ތަންފީޒުކުރުމުގެ މަޖުބޫރީ ހާލަތެއް އޭނާގެ މައްޗަށް އޮންނާނެއެވެ. ވީ ވައުދުތައް ފުއްދުނު މިންވަރެއް ބަލާލުމެއްނެތި ވޯޓުލައިފިނަމަ، ވާވައުދުތައް ފުއްދުމުގައި މާޒީގެ އުސޫލުން ކަންކުރުމުގައި މައްސަލައެއް ނެތެވެ. އުސޫލެއްގެ ގޮތުން ވައުދު ނުފުއްދިޔަސް މައްސަލައެއް ނެތެވެ. މިއީ ރައްޔިތު މީހާ ލާވޯޓުގެ ހަގީގީ ތަރުޖަމާއެވެ.
އެހެންކަމުން، ހުރިހާވެސް ބާރެއް އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. އެއީ ޑިމޮކްރަސީގެ އެންމެ ރީތި ސިފައަށް ވެގެންދާއިރު، އެ ޑިމޮކްރަސީގައި އެންމެ ހުތުރު ސިފައަކީ، ރައްޔިތު މީހާ ވޯޓުން މަކަރު ހެދުމެވެ. ގައުމަށްވުރެ ބޮޑަށް ޕާޓީ ކުލަ އިސްކުރުމެވެ. އައްޔަކަސް އަދިރިއަކަސް ވާނީ އެއްވަރޭ ބުނެ، މީހާގެ ޝަޚުސިއްޔަތުގެ މައްޗަށް ޕާޓީގެ ކުލަ އިސްކުރުމުވެ.
އޮތީ އެންމެ ހައްލެކެވެ. ސިޔާސީ މީހުންގެ ވާހަކަތައް ކަނުލާ އަޑުއެހުމެވެ. އިންތިޚާބުތައް ބޯމަތި ވީމާ، އެމީހުން ވާވައުދުތަކާމެދު ފުންކޮށް ވިސްނާ ނަޒަރު ހިންގުމެވެ. ދައްކާ ވާހަކަތަށް ރަގަޅަށް ވަޒަން ކުރުމެވެ. ވަޒަން ކޮށްފަ ތިލަފަތް ހަމަ ތަރާދަކުން އެވައުދުތައް މިނެ ކުރާލުމެވެ. އަދި އެއަށްފަހު ބަރުވާ އަތަކަށް ވޯޓު ދިނުމެވެ.
މިނޫން އުސޫލަކުން، ޕާޓީ ކުލައިން ލިޕްސްޓިކް އުގުޅައިގެން، ޕާޓީ ކުލައިގެ ހެދުންލައިގެން، ޕާޓީ ލަވަޖަހާ، ބެރުދުންމާރީގައި ނަށަމުން ގޮސް ވޯޓުލާފަ، އަނެއްދުވަހު ހޮވުނު މީހާ ގައުމަށް ޚިދުމަތެއް ނުކޮށްދިނީމާ، ރައްޔިތު މީހާ ޝަކުވާ ކޮށްގެނެއް ނުވާނެއެވެ. ފޯނުން ގުޅައިގެން، ފޯނު ނުނެގީމާ، ރައްޔިތުންގެ އަޑު އިއްވާދޭން ނުކެރުނީމާ، އެކަމާ ޝަކުވާ ކޮށްގެން ނުވާނެއެވެ.
ހައްލަކީ، ޕާޓީއަށް ވޯޓު ނުދިނުމެވެ. ޕާޓީގެ ކެޑިޑޭޓަކަށް ވިޔަސް، ނުވިޔަސް، ގާބިލް މީހާއަށް ވޯޓު ދިނުމެވެ. ރައްޔިތު މީހާ ހޭލުންތެރި ވުމެވެ. ޕާޓީއަކުން ކެއްކުނު ރިހައެއް ނެތްކަން، ޒަމާނީ ޑިމޮކްރަސީގައި ފާއިތުވެގެން މިދާ 10 ވަރަކަށް އަަހަރު ދުވަހުގެ ތަޖުރިބާއިންވެސް ދިވެހި ރައްޔިތުންނަށް ދެނެގަނެވެން ވެއްޖެ ކަމަށް ގަބޫލުކުރެވެއެވެ.
މާޒީން އިބުރަތެއް ހާސިލް ނުކުރެވޭނަމަ، އުޖާލާ މުސްތަގުބަލެއް ނުހޯދޭނެއެވެ.
One Response
ވަރަށް ރަނގަޅު ވާހަކައެއް. ވޯޓަކި ޕާޓީއަށް ދޭ އެއްޗެއް ކަމުގައި ނުހަދައި، ކެންޑިޑޭޓުގެ ގާބިލުކަމާއި. އިޚާޞްތެރިކަމަށް ބަލައި ދޭ އެއްޗަކަށް ހެދުމަކީ ތިމާގެ ވާޖިބާއި ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމަށް މުހިންމު ކަންތައްތަކެއް ކަން ހަނދުމައިގައި ބަހައްޓައިގެން ވޯޓުލައިފި ނ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަމަ ނަތީޖާ ފޮނިވާނެކަން ޔަގީނެވެ.