މާލެ ވިޔަފާރި ބަނދަރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބަނދަރަށް އެކި ބޭނުންތަކުގައި ވަންނަ ފަރާތްތަކަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ލާޒިމުކޮށްފި އެވެ.
އެމް.ޕީ،އެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ވިޔަފާރި ބަނދަރުގެ ރައްކާތެރިކަން މިހާރަށްވުރެ ފުރިހަމަކުރުމަށް ކުރާ މަސައްކަތްތަކާގުޅޭގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ ސީ.އީ.އޯ ޝާހިދު ޢަލީ ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރުގެ ކަންކަން މިހާރު ހަމަޖެހިފައިވާގޮތުން ޕޯޓުގެ އޮޕަރޭޝަން އޭރިއާއި ކްލިއަރިންގެ މަސައްކަތްތައްވެސް ކުރަން ޖެހެނީ އެއް ސަރަޙައްދެއްގައިކަމަށެވެ. އެހެންވުމުގެ ސަބަބުން އެމް.ޕީ.އެލްގެ މުވައްޒަފުންގެ އިތުރުން، ކްލިއަރިން ގްރޫޕްތަކުގެ އޭޖެންޓުންނާއި ޑްރައިވަރުންނާއި، ކޮންސައިނީގެ ފަރާތުންވެސް ގިނަ ބަޔަކު ބަނދަރު ސަރަޙައްދަށް ވަދެނުކުމެހަދާކަމަށް ޝާހިދު ވިދާޅުވިއެވެ.
ދާދިފަހުން މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި ހިނގާފައިވާ ހިތާމަވެރި 2 ހާދިސާއެއްގެ ސަބަބުން 2 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މިފަދަ ގިނަ ޙާދިސާތަކުގައި ގިނަފަހަށް އަނިޔާވެފައިވަނީވެސް މިގޮތަށް ބަނދަރަށް ވަދެ މަސައްކަތްކުރާ އޭޖެންޓުންނާއި ކްލިއަރެންސް މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުންކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ، އިންޑަކްޝަން ޕްރޮގްރާމުގެ ބޭނުމަކީ ބަނދަރުގައި ހަރަކާތްތެރިވާ އެމް.ޕީ.އެލްގެ މުވައްޒަފުންނާއި، އަދި އެނޫން ގޮތްގޮތުންވެސް ބަނދަރަށް މަސައްކަތް ކުރުމަށް ވަދެނުކުންނަށް ފަރާތްތައް، ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކާއި، އުޞޫލުތަކާގުޅޭގޮތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުންކަމަށެވެ.
"ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް"ގެ ނަމުގައި 6 ގަޑިއިރަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފުރިހަމަކޮށް ފާސްލިބިފައިވާ ފަރާތްތަކަށް ނޫނީ ކުރިއަށްއޮތްތަނުގައި ބަނދަރަށް ނުވަދެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
We commenced the “Port Worker Induction Program” for clearing agents & port workers, operating at MCH/HMT. This training program is intended to provide information about best practices and safety guidelines. All port workers are required to complete this program within 6 months. pic.twitter.com/uh3FjpjTq3
— Maldives Ports Limited (@Portmv) February 24, 2021
މީގެ އިތުރުން ބަނދަރުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކާ، ބަނދަރަށް ވަންނަ ފާސް ދޫކުރާ އުޞޫލަށްވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ވިޔަފާރި ބަނދަރުގައި ކްލިއަރެންސް މަސައްކަތުގައި ހަރަކާތްތެރިވާ މަޖޫރީންގެ ކަންކަން މިހާރަށްވުރެ ބޮޑަށް ރެގިއުލޭޓްކުރުމަށް ޚާއްސަ ޤަވާއިދެއް އެކުލަވާލާ ކުންފުނީގެ ބޯޑަށް ހުށަހަޅާފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކުން 24 ފެބްރުއަރީ 2021 އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މި ޕްރޮގްރާމް ފުރިހަމަ ކުރަންވާނެކަމަށް އެކުންފުނިން ބުނެއެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެކަމަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަން ފޯމު ކުންފުނީގެ ވެބްސައިޓުންނާއި، ހެޑްއޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށްވެސް އެކުންފުނިން އެމްޕީއެލުން ބުނެއެވެ.