ރަޝިއާއި މިޔަންމާރއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްޓަކާ އީޔޫގެ ޚާރިޖީ ވަޒީރުން މިހަފްތާގަ ބައްދަލު ކުރައްވާނެ

އީޔޫއިން ރަޝިއާއާއި މިޔަންމާރއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ

އީޔޫއިން ރަޝިއާއާއި މިޔަންމާރއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ

ގުޅުންހުރި

ޔޫރަޕިއަން ޔޫނިއަންގެ ފޮރިންގ އެފެއާޒް ކައުންސިލްގައި، ރަޝިއާގެ ރައީސް ޕުޓިން ސިޔާސީ ވާދަވެރިޔާ އެލެކްސީ ނަވާލްނީ ޖަލަށް ލުމާގުޅިގެން އެގައުމާ ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިއްޖެއެވެ.

އަދި މީގެ އިތުރުން ފޮރިންގ މިނިސްޓަރުންގެ މި ބައްދަލުވުމުގައި، މިޔަންމާރގެ އަސްކަރީ ސަރުކާރުން ގެނެސްފައިވާ ބަޢާވާތާ ގުޅިގެން އެގައުމުގެ އަސްކަރީ ވެރިންނާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކުގެ އިތުރުން، 2015 ވަނަ އަހަރު އިރާނާއެކު އެކުލަވާލެވުނު އިރާނުގެ ނުއކްލިއަރ ޕްރޮގްރާމާ ބެހޭ އެއްބަސްވުން އަލުން އިޢާދަކުރުމާ ގުޅޭގޮތުންވެސް ފޮރިންގ މިނިސްޓަރުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

27 ގައުމުގެ މައްޗަށް އެކުލެވޭ މިއިއްތިހާދުގެ އެންމެ އިސް ޑިޕްލޮމޭޓުން ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ، ބްރަސަލްސްގައި ހުންނަ އީޔޫގެ ހެޑްކުއާރޓާސްގައެވެ. އަދި މިބައްދަލު ވުމުގައި، އިޔޫގެ ފޮރިންގ މިނިސްޓަރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާވެސް މަަޝްވަރާ ކުރައްވާނެއެވެ.

މި ބައްދަލުވުމުގެ ކުރިން، ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސް ވަނީ، ރަޝިއާ ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭންގޮތުން ވާންހުރި ތައްޔާރީތަކަށް ހުއްދަ ދިނިމަށް ގޮވާލައްވާފައެވެ.

އިޔޫގެ ފޮރިންގ މިނިސްޓަރުން ކުރިން ވިދާޅުވެފައިވަނީ، ރަޝިއާގެ ރައީސް ޕުޓިންގެ އަރިސް ބޭފުޅުންނާ ދެކޮޅަށް، ދަތުރު ފަތުރު ކުރުން މަނާ ކުރުމާއި، އެސެޓް ފްރީޒްކުރުން ފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެ އިއްތިހާދުން މިހާރު ތައްޔާރުވެފައި ވާކަމަށެވެ.

އެހެންނަމަވެސް، ނަވާލްނީ ކުރިން ގޮވާލައްވާފައިވާ ފަދައިން، ޕުޓިންގެ އެންމެ އަރިސް ބޭފުޅުނާ ދެކޮޅަށް އިޔޫއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ވަރަށް ނާދިރު ކަމެކެވެ.

ވިހަ ދިނުމުގެ ސަބަބުން ކުރިމަތިވި، ފުރާނައަށް ނުރައްކާ ވާވަރުގެ ސިއްހީ މައްސަލަތަކަކަށް ފަރުވާ ހޯއްދެވުމަށް، ޖަރުމަނުވިލާތުގެ ބާރލިންގައި ހުންނެވުމަށްފަހު، ނަވާލްނީ އެބުރި ގައުމަށް ވަޑައިގެންނެވީ ފާއިތުވެދިޔަ ޖެނުއަރީމަހުއެވެ. އަދި ގައުމަށް އެބުރި ވަޑައިގެންނެވުމާއެކު، ރަޝިޔާ ސަރުކާރުންވަނީ ނަވާލްނީ ހައްޔަރު ކޮށްފައެވެ.

ނަވާލްނީއަށް ވިހަދިންކަމަށް އޭނާ ތުހުމަތު ކޮށްފައިވަނީ ރަޝިއާ ސަރުކާރަށެވެ. އެހެންނަމަވެސް، ކްރެމްލިންއިން ވަނީ މިތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

ރަޝިއާއަށް އެބުރި ވަޑައިގެންނެވުމާއެކު، ނަވާލްނީ ހައްޔަރުކޮށް، އަދި އޭނާގެ މައްޗަށް ޝަރީއަތްކޮށް ރަޝިއާ ކޯޓަކުން މިހާރުވަނީ އެނާ 2 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. އަދި އިތުރު ދައުވާތަކެއް އޭނާގެ މައްޗަށް އުފުލި މިހަރު ދަނީ ކުރިއަށެވެ. އެހެންނަމަވެސް ނަވާލްނީ ވިދާޅުވެފައިވަނީ، މިހުރިހާ މައްސަލަތަކަކީވެސް، އޭނާގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާތަކެއް ކަމުގައެވެ.

ރަޝިއާ ސަރުކާރުން ނަވާލްނީ ޖަލަށް ލުމާގުޅިގެން، އެގައުމުގައި ދަނީ ޕުޓިންއާ ދެކޮޅު ބޮޑެތި މުޒާހިރާތައް ކުރެވެމުންނެވެ. އަދި ދުނިޔޭގެ އެތައް ގައުމަކުންވަނީ ރަޝިއާ ސަރުކާރަށް ފާޑު ކިޔާފައެވެ.

ޔޫރަޕިއަން ޔޫނިއަންއިން އެގައުމާ ދެކޮޅަށް، އިތުރަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިކަމަށް ވާނަމަ، ޔޫރަޕްގެ އިއްތިހާދާއެކީ އޮތް ގުޅުންތައް ކަޑާލަންޖެހިދާނެކަމުގެ އިންޒާރު ރަޝިއާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯވް މީގެކުރިން ވަނީ ދެއްވާފައެވެ

އޭނާ ވިދާޅުވި ގޮތުގައި، އިޔޫއާއެކު އޮތް ގުޅުންތައް ކަޑާލުމާމެދު ވިސްނާނީ، އީޔޫއިން އަޅާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާގެ އިގްދިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާނަމައެވެ. މީގެތޭގައި ރަޝިއާގެ އިގްތިސާދުގެ އެންމެ މުހިންމު ސެކްޓަރތަކަަށް އަސަރުކުރާ މިންވަރުވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވެދިޔަ އޮކްޓޯބަރުމަހު، އީޔޫއިން ވަނީ، އެލްކްސީ ނަވާލްނީއަށް ވިހަ ދިނުމުގައި ސީދާގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކޮށް، ރަޝީއާގެ އިސް 6 އޮފިޝަލަކާއި އަދި ރަޝިއަން ކެމިކަލް ވެޕަން ރިސާޗް ސެންޓަރާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ހަގުރާމަތީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރާ ކެމިކަލެއް ކަމުގައިވާ، ނޮވިޗޮކް ނަމަކަށް ކިޔާ ކެމިލަކުން ނަވާލްނީއަށް ވިހަ ދިނުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ.

އިޔޫގެ ދަތިކުރުމުގެ ފިޔަވަޅުތަކަަށްފަހު، ޕުޓިންގެ އެންމެ ގާތް، ރަޝިއާގެ ގިނަ އޮފިޝަލުންނަށް މިހާރު އިޔޫއިންނާއި އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މީގެތެރޭގައި ހިމެނެނީ، އެމީހުންގެ އެސެޓްތައް ފްރީޒް ކުރުމާއި އަދި އެގައުމަތަަކަށް ދަތުރުފަތުރު ކުރުން މަނާކުރުމެވެ. އަދި މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ރަޝިއާއިން ޔޫކްރޭންގެ ކްރައިމިއާ ޕެނިންސޫލާ، 2014 ވަނަ އަހަރު ރަޝިއާގެ ބައެއްގެ ގޮތުގައި ކަޑައެޅުމާއި ހަމައިން އަޅަންފަށާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ