އިއްޔެ އައި ފަތުރުވެރިންގެ އަދަދު 5000 އިން މައްޗަށް!

އިއްޔެ އައި ފަތުރުވެރިންގެ އަދަދު 5000 އިން މައްޗަށް!

Author
ޢަލީ އާދަމް
22 ފެބްރުއަރީ 2021 10:14
0

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް އިއްޔެ ވެއްޖެ އެވެ.

އިއްޔެ ރާއްޖެއިން ޖުމްލަ 5100 ފަތުރުވެރިންނަށް މަރުހަބާ ކިޔާފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. ފަތުރުވެރިން ރާއްޖެއަންނަ އަދަދުތަކަށް އަންނަމުންދާ ކުރިއެރުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެންމެނަށް މަރުހަބާ ކިޔާފައެވެ.

އިއްޔެ ރާއްޖެއައި ފަތުރުވެރިންގެ އަދަދު 5000 އިން މައްޗަށް ގޮސްފައިވާއިރު، ރާއްޖެއަށް މިއަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ މިމަހު 14 ވީ އާދީއްތަ ދުވަހުއެވެ. އެގޮތުން އެދުވަހު ރާއްޖެއަށް 4،856 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިމަހު 12 ވީ ހުކުރު ދުވަހު 4،809 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މި ހިނގާ ފެބްރުވަރީ މަހުގެ ފުރަތަމަ 20 ދުވަހު ރާއްޖެއަށް 67،023 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި މުޅި މިއަހަރު ރާއްޖެއަށް މިހާތަނަށް 159،126 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއަދަދު ތަކާއެކު ރާއްޖެއަށް މި ހިނގާ ފެބްރުވަރީ މަހު އެވްރެޖް ގޮތެއްގައި ދުވާލަކު 3،351 ފަތުރުވެރިން އަންނަކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކައެވެ.

ފަތުރުވެރިންގެ އާއިލާއެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ – ފޮޓޯ: ވައްކަރު މޯލްޑިވްސް

ރާއްޖެއަށް އެންމެ ގިނަ ފަރުވެރިން އަންނަ ގައުމުތަކުގެ ލިސްޓްގެ އެއް ވަނާގައި އަހަރު ފެށުނީއްސުރެ އޮތް ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާ މި ލިސްޓުގެ އެއްވަނައަށް މިހާރު ޖެހިލާފައި ވާއިރު އެގައުމުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް  36،084 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. އަދި ރަޝިއާއަށް ނިސްބަތްވާ 34،593 ފަތުރުވެރިން ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ މަހަކު އެވްރެޖްކޮށް 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ. މިއަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 92،103 ފަތުރުވެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.