އައިޔޫއެމް އެސްޔޫ އާއި ޚަބަރު އޮންލައިނާ ދެމެދު އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި

އައިޔޫއެމް އެސްޔޫ އާއި ޚަބަރު އޮންލައިނާ ދެމެދު އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި

Author
ހުސައިން
21 ފެބްރުއަރީ 2021 05:08
0

އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމުން ހިންގާ އެކި ޙަރަކާތްތަކުގެ މަޢުލޫމާތު ގެނެސްދިނުމަށާއި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ޚަބަރު އޮންލައިންއާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނާމައިގާ އައި.ޔޫ.އެމް.އެސް.ޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔޫނިއަންގެ ރައީސް ބަހާއުﷲ އިބްރާހީމެވެ. އަދި ޚަބަރު އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އޮންލައިންގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޢަލީ އާދަމް އެވެ.

މި ފަހުމުނާމާގެ ދަށުން އައިޔޫއެމްގެ ސްޓޫޑަންޓް ޔޫނިއަނުން ހިންގާ ޙަރަކާތްތަކާއި، ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ޚަބަރު އޮންލައިންގައި ޝާއިޢު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ބޭނުމަކީ އައިޔޫއެމްގެ ދަރިވަރުންގެ ގުޅުމުން ކުރަމުންދާ މަސައްކަތްތައް ތާޒާކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

މި ފަހުމުނާމައިގާ ސޮއި ކުރެއްވުމަށް ފަހު، އައި.ޔޫ.އެމް.އެސް.ޔޫގެ ރައީސް ބަހާއުﷲ އިބްރާހީމް ވިދާޅުވީ މިއީ އެ ޔޫނިއަންގެ މީޑިއާއަށް ލިބެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން އައިޔޫއެމް-އެސްޔޫގެ ހަރަކާތްތައް އާންމުންނާއިހަމައަށް ފަސޭހަކަމާއެކު ފޯރާނެކަމަށެވެ. މީގެ އިތުރުން ކުރު މުއްދަތެއްގެ ތެރޭގައި ޚަބަރު އޮންލައިނުން ކިއުންތެރިންގެ މެދުގައި ހޯދާފައިވާ މަޤްބޫލުކަން ބަހާއު ފާހަގަކުރެއްވި އެވެ.

އަދި ޚަބަރު އޮންލައިންގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޢަލީ އާދަމް ވިދާޅުވީ، މިފަދަ ފަހުމުނާމަތަކަކީ އައިޔޫއެމް-އެސްޔޫ ފަދަ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ޕްރޮމޯޓްކުރުމަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި، މިފަދަ ފުރުސަތެއް ލިބުމަކީ ޚަބަރު އޮންލައިން ފަދަ އަލަށް ފަށައިގެން ކުރިއަށްދާ ނޫހަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި ޚަބަރު އޮންލައިންނުން މަސައްކަތް ކުރަމުންދާނީ އައިޔޫއެމްއެސްޔޫގެ މަސައްކަތްތަކުގެ މައުލޫމާތު އެންމެ ތާޒާކަންމަތީ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ޢަލީ ވިދާޅުވިއެވެ.

ޚަބަރު އޮންލައިނަކީ ތާޒާކަންމަތީ އެންމެ އަވަހަށް ޚަބަރު ގެނެސްދޭ ވެބްސައިޓެއްގެ ގޮތުގައި ގިނަބައެއްގެ މަޤްބޫލުކަން ހޯދަމުން ގެންދާ ވެބްސައިޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.