ސައުދީ އަރަބިއާއިން އެގައުމުގެ އަސްކަރީ ސިނާއަތަށް 20 ބިލިއަން ޑޮލަރު ހޭދަކުރަނީ

ސައުދީ އަރަބިއާއިން އެގައުމުގެ އަސްކަރީ ސިނާއަތަށް 20 ބިލިއަން ޑޮލަރު ހޭދަކުރަނީ

Author
ހުސެއިން
21 ފެބްރުއަރީ 2021 07:08
0

ސައުދީ އަރަބިއާއިން އެގައުމުގެ އަމިއްލަ އަސްކަރީ ސިނާއަތު ތަރައްގީ ކުރުމުގެ ގޮތުން، ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި 20 ބިލިއަން ޑޮލަރު ހޭދަކުރާނެކަމަށް ސައުދީ އަސްކަރީ ސިނާއަތުގެ ރެގިއުލޭޓަރ ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއާއިން ބުނާ ގޮތުގައި، އެގައުމުގެ އަމާޒަކީ، އަމިއްލަ އަސްކަރިއްޔާއަށް ބޭނުންވާ ގިނަ ހަތިޔާރާއި އަދި އަސްކަރީ ސިސްޓަމްތައް އަމިއްލައަށް އުފައްދާ، 2030 އާއި ހަމައަށް ދާއިރު، ބަޖެޓުން އަސްކަރީ ހަތިޔާރުތަކަށް ކުރާ ޚަރަދުގެ %50 ހޭދަ އަމިއްލަ ގައުމުގައި ކުުރުމެވެ.

"ސަރުކާރުގެ ޕްލޭނަކީ ކުރިޔަށް އޮތް 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަމިއްލަ ގައުމުގެ އަސްކަރީ ސިނާއަތަށް 10 ބިލިއަރަށްވުރެ ގިނަ ޑޮލަރު ހޭދަކުރުން. އަދި ހަމަ މިއަދަދަށްވާ ފައިސާ ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް ޚަރަދު ކުރުން،" ޖެނެރަލް އޮތޯރިޓީ ފޯރ މިލިޓަރީ އިންޑަސްޓްރީސްގެ ގަވަރުނަރު އަހުމަދު ބިން އަބުދުލް އަޒީޒު އަލް-އޮހާލި، އަބޫދާބީގައި ބޭއްވުނު ޑިފެންސް ކޮންފަރެންސްގައި ވިދާޅު ވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ސައުދީ އަރަބިއާގެ އަމާޒަކީ، މިލިޓަރީ ރިސާރޗް އެންޑް ޑިވެލޮޕމަންޓަށް ބަޖެޓުން ކުރާ ޚަރަދު 2030 އާހަމަޔަށް ދާއިރު %0.2 އިން %4 އަށް މަތިކުރުމެވެ.

ސައުދީ އަރަބިއާއަކީ، ގަލްފު ސަރަހައްދުގެ ބާރުވެރިކަން ހޯދުމަށް އިރާނާ ވާދަކުރަމުންދާ ގައުމެވެ. އަދި އެގައުމުން ދަނީ، މިހާރުވެސް، އިރާނުން މަދަދުވެރިވާ، ގައުމުން ބޭރުގެ ބައެއް ހަގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ހަގުރާމަ ކުރަމުންނެވެ. މިގޮތުން، ސައުދީއިން ގެންދަނީ، އިރާނުން އަސްކަރީ މަދަދުވެރިކަން ފޯރުކޮށްދޭ ޔަމަނުގެ ހޫތީންނާ ދެކޮޅަށް ވަރަުގަދަ އަސްކަރީ ކެޕްނޭނެއް ކުރިޔަށް ގެންދަމުންވެ.

އަދި މި އަސްކަރީ ހަރަކާތްތަކްށް ފާއިތިވެދިޔަ ތަނުގައި އެމެރިކާއިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައިވި ނަމަވެސް، ޖޯ ބައިޑްން އެމެރިކާގެ ރައީސްކަމާ ހަވާލުވުމަށްފަހު، ޔަމަނުގެ އެތެރޭގެ ހަމަނުޖެހުންތަކާ ދެކޮޅަށް ހިންގޭ އަސްކަރީ ހަރަކާތްތަކަށް އިތުރަށް އަސްކަރީ އެހީތެރިކަން ފޯރުކޮށް ނުދިނުމަށް ވަނީ ނިންމާފައެވެ.

އެހެންނަމަވެސް، ސައުދީ އަރަބިއާގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމުގައި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ވެފައިވާ ވައުދު ދަމަހައްޓަވާނެކަމަށްވެސް ޖޯ ބައިޑްން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.