މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް އިއްޔެ ވެއްޖެ އެވެ.
އިއްޔެ ރާއްޖެއިން ވަނީ ޖުމްލަ 4،856 ފަތުރުވެރިންނަށް މަރުހަބާ ކިޔާފައެވެ. މިއާއެކު ރާއްޖެއަށް ދުވާލަކު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 4،400 އިން މަތީގައި އޮންނަތާ ޖެހިޖެހިގެން 3 ދުވަސް ވީ އެވެ.

މި ދިޔަ ހަފްތާ ބަންދުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިވަނީ ރެކޯޑް އަދަދަދެއްގައި ހިފެހެއްޓިފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު 4،809 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިއަހަރު މިހާތަނަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. އަދި ހޮނިހިރު ދުވަހު 4،480 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ މި އަހަރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. އެހެން ކަމުން މި ތިންދުވަހު އެކަނި ރާއްޖެއިން ވަނީ 14،000 އަށް ވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައެވެ.
Maldives sets new daily record with 4856 tourist arrivals on 14th February 2021. Thank you all for your contributions towards #Maldives tourism. #VisitMaldivesNow https://t.co/o5kOa6RFpB pic.twitter.com/xDbLvbg3Em
— Ministry of Tourism (@MoTmv) February 15, 2021
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މި ތިން ދުވަހު ނޫނީ ދެން އެންމެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެ އައިސްފައިވަނީ މި މަހުގެ 7 ވީ އާދީއްތަ ދުވަހުއެވެ. އެއީ 4،373 ފަތުރުވެރިންނެވެ.
މި އަދަދުތަކާއެކު މި ހިނގާ ފެބްރުވަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 46،809 އަށް އަރާފައެވެ. އަދި މުޅި މިއަހަރު ރާއްޖެއަށް މިހާތަނަށް 138،912 ފަތުރުވެރިން މިވަނީ އައިސްފައެވެ. މިއަދަދު ތަކާއެކު ރާއްޖެއަށް މި ހިނގާ ފެބްރުވަރީ މަހު އެވްރެޖް ގޮތެއްގައި ދުވާލަކު 3،344 ފަތުރުވެރިން އަންނަކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކައެވެ.

މި އަހަރުގެ ފުރަތަމަ ދުވަހުންފެށިގެން މިހާތަނަށްވެސް ރާއްޖެއަށް އެންމެ ގިނައިން އައީ ރަޝިޔާ އާއި އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ރަޝިޔާއަށް ނިސްބަތްވާ 30،499 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. އަދި އިންޑިއާއަށް ނިސްބަތްވާ 30،295 ފަތުރުވެރިން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ މަހަކު އެވްރެޖްކޮށް 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ. މިއަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 92،103 ފަތުރުވެރިންނެވެ.
ކޮމެންޓު ފޮނުވާ