އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރާނެ ޓްރެއިނަރުން ހޯދަނީ

އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރާނެ ޓްރެއިނަރުން ހޯދަނީ

Author
ޢަލީ އާދަމް
15 ފެބްރުއަރީ 2021 12:23
0

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނުކުރާނެ ޓްރެއިނަރުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ.

އެ ކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީނުކުރާނެ 33 ޓްރެއިނަރުން ބޭނުންވާ ކަމަށެވެ.

އެގޮތުން އިންތިހާބުގެ އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް އަންނަމަހު 06 އިން 13 އަށް ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީ.އޯ.ޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ އެ ކޮމިޝަންގެ ފަރާތުންނެވެ. ޓީ.އޯ.ޓީ ފުރިހަމަ ކުރައްވާ ފަރާތްތަކާއެކު އިޤުރާރު ކުރެވޭނެ ކަމަށާއި ތަމްރީނުކުރުމުގައި އަތޮޅުތަކާއި، ސިޓީތަކުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 1000 ރުފިޔާގެ އުޖޫރައެއް ދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ޓީ.އޯ.ޓީ ޕްރޮގްރާމު ފުރިހަމަ ކުރުމުން 1800 ރުފިޔާގެ އުޖޫރައެއް ވެސް ޓްރެއިނަރުންނަށް ދޭނެކަމަށް ކޮމިޝަނުން ބުނެއެވެ.

އަދި ޓްރެއިނަރަކަށް ވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް އެކޮމިޝަނުން އެދެއެވެ.

ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުގަންނައި ދިނުމުގެ ފަންނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.