ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން މޫދަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތުގައި ވައިގެމަގުން 275 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް މިހާތަނަށް ބަލާފައި ވާކަމަސް އެމްއެންޑީއެފުން ބުނެފިއެވެ.
ރޭ 20:58 ހާއިރު ގެއްލިގެން ރިޕޯޓުކޮށްފައިވާ މި ފަތުރުވެރިޔާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީނާ ހޯދުމުގެ މަސައްކަތް މިއަދުވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އާއި އެ ރިސޯޓާއި ގުޅިގެން ދަނީ ކުރަމުންނެވެ. މިގޮތުން މިއަދު މިހާތަނަށް އެމްއެންޑީއެފް ޑޯނިއަރ ފްލައިޓު ބޭނުންކޮށްގެން 275 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވައިގެމަގުން ބަލާފައި ވާކަމަސް އެމްއެންޑީއެފުން ބުނެއެވެ. އަދި ޑައިވްކޮށްގެން 72000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ވަނީ ބަލާފައެވެ.

މީގެ އިތުރުން ކަނޑުމަގުންވެސް މީނާ ހޯދުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. ކޯސްޓްގާޑުން މަޢުލޫމާތު ދިންގޮތުގައި، މީނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ރަތްމާ ޖެހި މޫދު ހެދުމެކެވެ.
މި ފަތުރުވެރިޔާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށްތަކުން ބަލައިދިނުމަށާއި މި ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓް ގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި މައުލޫމާތު ދިނުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެދެއެވެ.
ކޮމެންޓު ފޮނުވާ