ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ކުރާ އިމާރާތުގެ ކައިރީގައި ހުރި ޗެކް ޕޮއިންޓެއްގައި ކާރު ބޮމެއް ގޮއްވާލާއި އެތައް ބަޔަކު މަރުވެއްޖެއެވެ.
މަންޒަރުދުއް ބައެއް ފަރާތްތަކާއި އަދި، ސެކިއުރިޓީ އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި، ގޮވާތަކެތި ހަރުކޮށްގެން ދަތުރުކުރަމުން ދިޔަ، މި ކާރު، ގޮއްވާލާފައިވަނީ، ޗެކްޕޮއިންޓު ހުރަސްކޮށް ދާން މަސައްކަތް ކުރުމުން، ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިން ކާރަށް ބަޑިޖަހަން ފެށުމާއެކުއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކުރާގޮތުގައި، މި ހާދިސާގައި މަދުވެގެން 3 މީހަކު މަރުވެ، 8 މީހަކަށްވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އަދި ލޯކަލް މީޑިއާތަކުންނާއި ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، މިކާރު ގޮއްވާލާފައިވަނީ، ފުރަތަމަ ޗެކްޕޮއިންޓް ފަސްދީ، ސަޔިދްކާ ނަމަކަށް ކިޔާ ޖަންކްޝަނުގައި ހުންނަ ދެވަނަ ޗެކްޕޮއިންޓާ އަރާ ހަމަވިތަނާ ކަހަލަ ގޮތަކަށެވެ.
"ފުލުހުން ދިޔައީ، މި ކާރު ގޮއްވާލި ތަނާ ދަންކޮޅެއް ދުރުން ފެށިގެން ޝައްކު ކުރެވޭ މިކާރަށް ފާރަލަމުން،" ސެކިއުރިޓީ އޮފިޝަލެއް ކަމުގައިވާ އަބދުއްރަހުމާން މުހައްމަދު އޭއެފްޕީ ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. "އަހަރުމެންނަށް މިހާތަނަށް މައުލޫމާތު ލިބިވާގޮތުގައި، އާންމުންގެ 3 މީހަކުން މަރުވެ 8 މީހަކަށްވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ،" އޭނާ އިތުތަށް ބުނެފައި ވެއެވެ.
"ފުލުހުންވަނީ، މިކާރަށް ބަޑިން ހަމަލާދެމުން، ކާރު ފަހަތުން ދުވެފަ، އަދި މީގެ ސަބަބުން މަގުމަތީގައި ތިބި އެތައްބަޔަކު މިކާރާއި ދުރަށް ދާން ޖެހުނު. މީގެ ސަބަބުން، މި މިގޮވުމުން ލިބުނު ގެއްލުންތަކުގެ ނިސްބަތްވަނީ ވަރަށް ބޮޑުތަނުން ކުޑަވެފަ." އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.
މިހާތަނަށް މިހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވިނަމަވެސް، މޮގަދިޝޫއަކީ، އަލްގައިދާއާއި ގުޅުން އޮންނަ ހަގުރާމަވެރި ޖަމާއަތެއްކަމުގައިވާ، އަލް-ޝަހާބު ޖަމާއަތުގެ ހަމަލާތައް ވަރަށް ގިނައިން އަމާޒުވެފައިވާ ސިޓީއެކެވެ. އަލް- ޝަހާބު ހަތިޔާރު އެޅި ޖަމާއަތަކީ، ބައިނަލްއަގުވާމީ ތާއީދު ލިބިފައި އޮންނަ، ސޯމާލިއާގެ މިހާރުގެ ސަރުކާރު ވައްޓާލުމަށް އަތައް އަހަރެއްވަންދެން ހަގުރާމަ މުރަމުންދާ ޖަމާއަތަކެވެ.
2011 ވަނަ އަހަރު، އަލް-ޝަހާބު ޖަމާއަތް މޮގަދިޝޫން ބޭރު ކޮށްލެވިފައިވި ނަމަވެސް، އެމީހުން އަދިވެސް ދަނީ ރައްބޭރުގެ ގިނަ ސަރަހައްދުތަކެއްގައި ހަރަކާތްތެރި ވަމުންނެވެ. އަދި އެމީހުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުން، ހަމަލާތައް ރާވާ ހިންގާ، މޮގަދިޝޫގައި އާންމު ފަރާތްތަކަށާއި އަދި ސަރުކާރުގެ އަމާޒުތަކަށްވެސް ގެއްލުން ބޮޑު ގިނަ ހަމަކާތަކެއް މިޖަމާއަތުން ފާއިތުވެދިޔަ ތަނުގައި ވަނީ ދީފައެވެ.
ސޯމާލިއާގައި، މި ފެބްރުއަރީމަހުގެ 8 ވަނަ ދުވަހު އެގައުމުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވި ނަމަވެސް، އެގައުމުގެ ރައީސް މުހައްމަދު އަބްދުﷲ މުހައްމަދު އާއި ސަރަހައްދީ ވެރިންނާދެމެދު ވޯޓުމުގެ ޕްރޮސެސްއާއި ގުޅިގެން އުފެދިފައިވާ ޚިޔާލުތަފާތުވުން ތަކުގެ ސަބަބުން އިންތިޚާބުވަނީ ބޭއްވޭ ގޮތް ނުވެފައެވެ.
އަދި މި އިންތިޚާބު ލަސްވެގެން ދިއުމަކީ، ސޯމާލިއާގައި ސިޔާސީ ކޯޅުން ބޮޑުވެ، އަދި ވޯޓަށް އަމާޒުކޮށް ހަމަލާ ދޭނެކަމުގެ އިންޒާރު މިހާރުވެސް ދީފައިވާ ހަގުރާމަވެރި ޖަމާއަތްތަކަށް ފުރުސަތު ފަހިވެގެންދާނެ ކަމެއްކަމުގައި ބުނެ، އިންތިޚާބު ލަސްވެގެން ދިއުމުގެ ކަންބޮޑުވުން ޔޫއެންއިން ވަނީ ފާޅު ކޮށްފައެވެ.