ކޯވިޑް19 އަށް ޚާއްސަކޮށްގެން، އޮކްސްފޯރޑް ޔުނިވަރސިޓީން އުފައްދާފައިވާ އެސްޓްރާޒެނެކާ ވެކްސިން ކުޑަކުދިންނަށް ދިނުމުން ކުރާ އަސަރު ދެނެގަތުމަށް ޚާއްސަ ދިރާސާއެއް، މިވެކްސިން އުފެއްދި އިގިރޭސިވިލާުތުގެ ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން ލޯންޗު ކޮށްފިއެވެ.
ހޮނިހިރުދުވަހު، އޮކްސްފޯޑު ޔުނިވަރސިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މެދު މިންގަޑެއްގައި ކުރެވޭ މިރިސާޗުން، އުމުރުން 6 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް މި ވެކްސިން ބޭނުން ކުރުމަކީ ރައްކާތެރިކަމެއްތޯ ނުވަތަ ނޫންތޯ ޔަގީން ކޮށްދޭނެއެވެ.
އޮކްސްފޯޑުން ބުނެފައިވާ ގޮތުގައި، މިވެކްސިންގެ ތަހުލީލީ މަރުހަލާގައި 300 ކުދިން ބައިވެރިވުމަށް އަމިއްލައަށް އެދިފައިވާއިރު، މިތަހުލީލުތައް މިމަހު ފެށޭނެއެވެ.
ރިސާޗުގައި އަމިއްލައަށް އެދިގެން ބައިވެރިވެފައިވާ، ކުދިންގެ ތެރެއިން 240 ކުދިންނަށް މިވެކްސިންގެ ޖެހުމަށް ހަމަޖެހިފައިވާއިރު، ދެން ބާކީ ތިބި ކުދިންނަށް ލިބިގެންދާނީ، ކޮންޓްރޯލް ޑްރަގެކެވެ.
"ގިނަ ކުޑަކުދިން މިބަލި ޖެހުމާ ދުރުކަމުގައި ވިނަމަވެސް، އަދި މިވައިރަހުގެ ސަބަބުން ގިނަ ކުދިން ބަލިނުވި ނަމަވެސް، ކުޑަކުދިންނާ ޒުވާނުންނަށްވެސް ދެވޭނެ އެމަޖެންސީ ރެސްޕޮންސެއް މި ވެކްސިންގައި ހިމެނިގެން ދިއުމަކީ މުހިންމު ކަމެއް، އަދި ބައެއް ކުދިންނަށް ވެކްސިން ދިނުމުގެ ފައިދާ ކުރާނެ،" އޮކްސްފޯޑް ވެކްސިން ޓްރައަލްގެ ޗީފް އިންވެސްޓިގޭޓަރ އަދި ޕީޑީއެޓްރިކް އިންފެކްޝަން އިމިއުނިޓީ ޕްރޮފެސަރ އެންޑްރޫ ޕޮލާރޑް ވިދާޅުވިއެވެ.
އެސްޓްރާޒެނެކާގެ ދެ ޑޯޒްގެ ވެކްސިން ގިނަ ބަޔަކު ސިފަކޮށްފައިވަނީ، "ދުނިޔޭގެ އެއްވަނަ ވެކްސިން"ގެ ގޮތުގައެވެ. ސަބަބަކީ، އެވެކްސިން އަގުހެޔޮ ވެފައި، އަދި އެއްތަނުން އަނެއްތަނަށް އުފުލުމުގައި، ވާދަވެރި އެހެން ވެކްސިންތަކާ އަޅާބަލާިއރު ފަސޭހަވުމެވެ.
އެސްޓްރާޒެނެކާއިން އަމާޒު ހިފާފައިވަނީ 3 ބިލިއަން ވެކްސިން ތައްޔާރު ކުރުމަށެވެ. އަދި އަންނަ އެޕްރިލް މަހަށްފަހު، އެކުންފުނިން މި ވެކްސިންގެ 200 ޑޯޒު ކޮންމެ މަހަކުވެސް ތައްޔަރު ކުރަމުން ދާނެއެވެ.
ކޮމެންޓު ފޮނުވާ