ރަޝިއާގެ ފޮރިންގ މިނިސްޓަރ ލަވްރޯވް

އީޔޫއާ ގުޅުން ކަޑާލަން ޖެހިދާނެކަމުގެ އިންޒާރު ރަޝިއާއިން ދީފި

އީޔޫއާ ގުޅުން ކަޑާލަން ޖެހިދާނެކަމުގެ އިންޒާރު ރަޝިއާއިން ދީފި

ގުޅުންހުރި

ޔޫރަޕިއަން ޔޫނިއަންއިން އެގައުމާ ދެކޮޅަށް، އިތުރަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިކަމަށް ވާނަމަ، ޔޫރަޕްގެ އިއްތިހާދާއެކީ އޮތް ގުޅުންތައް ކަޑާލަންޖެހިދާނެކަމުގެ އިންޒާރު ރަޝިއާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯވް ދެއްވައިފިއެވެ.

ރަޝިއާއިން މިހާރު ޖަލަށް ލާފައިވާ ޕުޓިންގެ ސިޔާސީ ވާދަވެރިޔާ އެލެކްސީ ނަވާލްނީގެ މައްސަލާގައި ރަޝިއާއި ދެކޮޅަށް އިތުރަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެކަމަށް ޔޫރަޕިއަން ޔޫނިއަންއިން ވަނީ ހާމަކޮށްފައެވެ.

ބަސްދީގަތުމެއްގައި، ރަޝިޔާއިން މިހާރު ދަތުރު ކުރަމުންދަނީ އިޔޫއާއެކީ އޮތް ގުޅުންތައް ކަޑާލުމާ ދިމާލަށްތޯ ސުވާލު ކުރުމުން ލަވްރޯވް ވިދާޅުވެފައިވަނީ، "އާދެ، އެއީ ކުރަންޖެހިދާނެ ކަމެއް،" ކަމުގައެވެ.

"ސުލްހަވެރިކަން ބޭނުންވާ ކަމަށް ވާނަމަ، ހަގުރާމައަކަށް ތައްޔާރުވޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިޔޫއާއެކު އޮތް ގުޅުންތައް ކަޑާލުމާމެދު ވިސްނާނީ، އީޔޫއިން އަޅާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާގެ އިގްދިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާނަމައެވެ. މީގެތޭގައި ރަޝިއާގެ އިގްތިސާދުގެ އެންމެ މުހިންމު ސެކްޓަރތަކަަށް އަސަރުކުރާ މިންވަރުވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރުމެން ބޭނުމެއްނުވޭ ދުނިޔެއިން ބާކީވެފައިވާ ގައުމުގެއް ގޮތުގައި އޮންނާކަށް، އެހެންނަމަވެސް، އެހާލަތަށްވެސް އަހަރުމެން ތިބެންޖެހޭނީ ތައްޔާރަށް،" ރަޝިއާގެ ޔޫޓިއުބު ޗެނަލެއްކަމުގައިވާ ސޮލޮވިޔޯވް ލައިވްއަށް ދިން ބަސްދީގަތުމެއްގައި ލަވްރޯވް ވިދާޅުވެފައި ވެއެވެ.

ފާއިތުވެދިޔަ ހަފްތާގައި ރަޝިއާއާއި އީޔޫއިންވަނީ، ނަވާލްނީގެ މައްސަލާގައި އުފެދިފައިވާ ކޯޅުންތަކާ ގުޅިގެން، އެއްބަޔަކު އަނެއް ބަޔަކަށް، ކޮންމެ ފަރާތަކުންވެސް 3 ޑިޕްލޮމޭޓުން އަބުރާ ފޮނުވާލާފައެވެ.

އުފެދިފައިވާ ހިންހަމަ ނުޖެހުންތަކުގައި، ނަވާލްނީ ދޫކޮށްލުމަށް ގޮވާލާ ބޭއްވުނު މުޒާހިރާތަކުގައި ބައިވެރިކަމަށް ތުހުމަތުކޮށް، އެންމެ ފުރަތަމަ ޑިޕްލޮމޭޓުން އަބުރާ ގައުމަށް ފޮނުވާލާފައިވަނީ ރަޝިއާއިންނެވެ. އެހެންނަމަވެސް، މިތުހުމަތުތަކަށް އިޔޫއިންވަނީ ދެކޮޅު ހަދާފައެވެ.

ބަދަލުގައި މިހަފްތާގައި، ޔޫރަޕިއަން އިއްތިހާދުގެ 3 ގައުމު ކަމުގައިވާ، ޖަރުމަނުވިލާތާއި، ޕޮލޭންޑާއި އަދި ސުވިޑްންއިން ވަނީ، އެގައުމުގައި ތިބި ރަޝިއާގެ 3 ޑިޕްލޮމޭޓަކު އެބުރި ގައުމަށް ދިއުމަށް އަންގާފައެވެ.

ފާއިތުވެދިޔަ އޮކްޓޯބަރުމަހު، އީޔޫއިން ވަނީ، އެލްކްސީ ނަވާލްނީއަށް ވިހަ ދިނުމުގައި ސީދާގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކޮށް، ރަޝީއާގެ އިސް 6 އޮފިޝަލަކާއި އަދި ރަޝިއަން ކެމިކަލް ވެޕަން ރިސާޗް ސެންޓަރާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ހަގުރާމަތީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރާ ކެމިކަލެއް ކަމުގައިވާ، ނޮވިޗޮކް ނަމަކަށް ކިޔާ ކެމިލަކުން ނަވާލްނީއަށް ވިހަ ދިނުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ.

އިޔޫގެ ދަތިކުރުމުގެ ފިޔަވަޅުތަކަަށްފަހު، ޕުޓިންގެ އެންމެ ގާތް، ރަޝިއާގެ ގިނަ އޮފިޝަލުންނަށް މިހާރު އިޔޫއިންނާއި އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މީގެތެރޭގައި ހިމެނެނީ، އެމީހުންގެ އެސެޓްތައް ފްރީޒް ކުރުމާއި އަދި އެގައުމަތަަކަށް ދަތުރުފަތުރު ކުރުން މަނާކުރުމެވެ. އަދި މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ރަޝިއާއިން ޔޫކްރޭންގެ ކްރައިމިއާ ޕެނިންސޫލާ، 2014 ވަނަ އަހަރު ރަޝިއާގެ ބައެއްގެ ގޮތުގައި ކަޑައެޅުމާއި ހަމައިން އަޅަންފަށާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ.

މިހާރު ޖަލަށްލާން ހުކުމް ކޮށްފައިވާ އެލެކްސީ ނަވާލްނީ، މިހަފްތާގައި އަނެއްކާވެސް ވަނީ ކޯޓަށް ހާޒިރު ކުރެވިފައެވެ. މިފަހަރު އޭނާ ކޯޓަށް ހާޒިރުކޮށްފައިވަނީ، ދެވަނަ ބޮޑު ހަގުރާމައި ބައިވެރި ރަޝިއާގެ ސިފައިންގެ މީހެއްގެ އަބުރަށް އޭނާ އަރައިގެންފައިވާ ކަމުގެ ތުހުމަތުގައެވެ. ނަވާލްނީ ވިދާޅުވެފައިވަނީ، މި މައްސަލައަކީވެސް އޭނާގެ ނަން ކިލަބު ކުރުމަށްޓަކާ ޕުޓިންގެ ސަރުކާރުން އުފައްދާފައިވާ މައްސަލަތަކެއް ކަމުގައެވެ.

މިމަހުގެ ކުރީކޮޅު މޮސްކޯގެ ކޯޓަކުންވަނީ، ތަފާތު އެހެން މައްސަލައެއްގައި އެލެކްސީ ނަވާލްނީ 3 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.

ރަޝިއާއާއި ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށް، ފެބްރުއަރީމަހުގެ 22 ވަނަ ދުވަހު އީޔޫގެ ޚާރިޖީ ވަޒީރުން އަލުން ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ