2015 ވަނަ އަހަރު، ދުނިޔޭގެ ބާރުތަކުން އިރާނާއެކު ވެފައިވާ ނިއުލްލިއަރ ހަތިޔާރާގުޅޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުހިންމު މިންގަޑެކަމުގައިވާ، އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުންކުރާ ޔޫރޭނިއަން މުއްސަދިކުރަން ފެށުމާއެކު، ކެތްތެރި ވުމަށް ރަޝިއާއިން އިރާނަށް ގޮވާލައިފިއެވެ.
"އެމީހުންގެ އަމަލުތައް ބިނާވެފައިވަނީ ކޮން ކަންތައްތަކެއްގެ މައްޗަށްކަން އަހަރުމެންނަށް އެގޭ. އެހެންނަމަވެސް، އަހަރުމެން އިރާނަށް ގޮވާލަން ބޭނުންވަނީ، ކެތްރެރިކަން އިސްކޮށް، ޒިންމާދާރުކަމާއެކު އަމަލު ކުރަމުން ގެންދިއުމަށް،" ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން، ރަޝިއާގެ ޑެޕިއުޓީ ފޮރިންގ މިނިސްޓަރ ސާގައި ރިޔަބްކޯވް ވިދާޅުވެފައި ވެއެވެ.
ވިއެނާގައި ހުންނަ އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (IAEA) އިން މިހަފްތާގެ ބުދަ ދުވަހު ބުނެފައިވަނީ، އެ އޭޖެންސީންވަނީ، އިރާނުން 3.6 ގްރާމްގެ ޔޫރޭނިއަމް، އިރާނުގެ ޕްލާންޓެއްގައި ފައްކާ ކޮށްފައިވާކަން ވޭރިފައި ކޮށްފައި ކަމުގައެވެ.
2015 ވަނަ އަހަރު، އެމެރިކާ، ޗައިނާ، ރަޝިއާ، ޖާމަނީ، ފްރާންސް، އިގިރޭސިވިލާތާއެކު އިރާނުން ސޮއިކޮށްފައިވާ މުއާހަދާގައި ވާގޮތުން، 15 އަހަރު ވަންދެން އިރާނުން ޕްލޫޓޯނިއަމް ނުވަތަ ޔޫރޭނިއަމް މެޓަލްސްއާއި، އެއާއި ގުޅުންހުރި އިތުރު މައުދަންތައްވެސް ހޯދުމަކީ މަނާ ކަމެކެވެ.
ފާއިތުވެދިޔަ މަހު، އިރާނުން ބުނެފައިވަނީ، އެގައުމުން ދަނީ ޔޫރޭނިއަމް މެޓަލް އުފެއްދުމާ ގުޅޭ ދިރާސާތައް ހަދަމުންކަމުގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، އިރާނުން ޔޫރޭނިއަމް މެޓަލް އުފެއްދުން ވެގެންދާނީ ވަރަށް ސީރިއަސް މައްސަލައަކަށެވެ. ސަބަބަކީ، ޔޫރޭނިއަމް މެޓްލްއަކީ، ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ މައުދަނަކަމަށް ވާތީއެވެ.
ރަޝިއާގެ ޑެޕިއުޓީ ފޮރިންގ މިނިސްޓަރ ސާގައި ރިޔަބްކޯވް ވިދާޅުވި ގޮތުގައި، މިހާރު އިރާނުން އަމަލްކުރަމުންދާ ގޮތުން، ދޭހަކޮށްދެނީ، "މިހާރުގެ ހާލަތަށް ރިއާަތް ކުރުމުގެ އެއްވެސް ވިސްނުމެއް އިރާނުގެ ކިބައިގާ ނެތުން،"ކަން ކަމުގައެވެ. އިރާނުން ދާދިފަހުން ބުނެފައިވަނީ، އަލަށް ހުވާކުރެއްވި، އެމެރިކާގެ ރައީސަށް، ނިއުކުލިއަރ އެއްބަސްވުމަށް އަލުން އިއާދަވުމަށް އޮތް މުހުލަތުން ހަމަވަމުންދާ ކަމުގައެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އިރާނާއެކު ބޮޑެތި ބާރުތަކުން ވެފައިވާ ނިއުކްލިއަރ އެއްބަސްވުން އެގައުމުން އުވާލާފައެވެ. އަދި މިހާތަނަށް އިރާނަށް އަޅާފައިވާ އެންމެ ހަރުކަށި އިގްތިސާދީ ފިޔަވަޅުތައް އެގައުމާ ދެކޮޅަށް އަޅާފައެވެ.
އެހެންނަމަވެސް، އެމެރިކާގެ މިހާރުގެ ރައީސް ޖޯބައިޑްން ގެންދަވަނީ، މިއެއްބަސްވުން އަލުން އިއާދަކުރެވޭ ގޮތްތަކެއް ހޯއްދަވަމުންނެވެ. އެހެންނަމަވެސް، ކުރިން އެއްބަސްވުމަށް އުޖޫޢުވާނޭ ފަރާތަކާމެދު އެއްބަސް ނުވެވިގެން ދެގައުމުވެސް ވަނީ މި މަައްސާލާގައި މަރު ތަޅެއްގައެވެ.