އަލީ ވަހީދުގެ ޕާޕޯސްޕޯޓު ދޫކުރުމަށް ނެރުނު އަމުރު ނެރެފައިވަނީ އާންމުކޮށް އަމަލުކުރާ އުސޫލާ ޚިލާފަށް: ޕީޖީ

އަލީ ވަހީދުގެ ޕާޕޯސްޕޯޓު ދޫކުރުމަށް ނެރުނު އަމުރު ނެރެފައިވަނީ އާންމުކޮށް އަމަލުކުރާ އުސޫލާ ޚިލާފަށް: ޕީޖީ

Author
ހުސެއިން
11 ފެބްރުއަރީ 2021 05:19
0

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަދީ، ޕާސްޕޯޓު ދޫކުރުމުގެ އަމުރު ކޯޓުން ނެރުއްވާފައިވަނީ، އާންމުކޮށް މިބާވަތުގެ އަމުރު ނެރުއްވުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅު ވެއްޖެއެވެ.

ޕީޖީ އޮފީހުން މިގޮތަށް ވިދާޅުވެފައިވަނީ، މިމައްސަލާގައި އަލީވަހީދުގެ ޕާސްޕޯޓު ދޫކޮށްފައިވަނީ، ދައުލަތުން އެދިގެން ކަމަށްބުނެ، ފަތުރާ ވާހަކަތައް ދޮގުކޮށް މިމައްސަލައާއި ގުޅޭގޮތުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ. މި ބަޔާނުގައި ޕީޖީއިން ބުނެފައިވަނީ، މިމައްސލާގައި އާންމުވެފައިވާ ކޯޓު އަމުރުގައި، ޕީޖީ އޮފީހުން އެދިގެން ނެރެފައިވާ އަމުރެއްކަމަށް އޮތީ ކޯޓުގެ "އިދާރީ އޮޅުމެއް"ގެ ސަބަބުންކަމަށް ކޯޓުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިއަމުރަކީ އެއޮފީހުން އެދިގެން ނެރެފައިވާ އަމުރެއް ނޫންކަމުގައި ބުނެފައި ވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، އަލީ ވަހީދު ފުރައިގެން ދިއުމުގެ ހުއްދަދީ ކޯޓުން ޕާސްޕޯޓު ދޫކޮށްފައިވަނީ، މިބާވަތުގެ އަމުރުތައް ނެރުއްވުމުގައި އަމަލުކުރާ އުސޫލާ ޚިލާފަށް ކަމަށްވާތީ މިމައްސަލަ ކަމާބެހޭ މުވައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް މިހާރު އެއޮފީހުން ކުރަމުން ގެންދާކަމުގައެވެ.

އަދި ޕީޖީ އޮފީހުން ބުނެފައިވަނީ، އެއަމުރު ކޯޓުން ނެރުއްވާފައިވަނީ ރަގަޅަށް ކަމަށް އެއޮފީހުން ނުދެކޭ ކަމަށެވެ. އަދި އެމައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، އެއްވެސް މީހަކު ޖާމިނުކޮށް ޕާސްޕޯޓު ދޫކުރުމަށްވެސް ދައުލަތުން ޝަރީއަތުގައި ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި، ކޮންމެހެން ފުރަންޖެހޭ ހާލަތުގައިވެސް، ޖާމިނުކޮށް ވަކި މުއްދަތަކަށް ގައިދުކޮށްފައިވާ ޓްރަވެލް ޑޮކިއުމަންޓެއް ދޫކުރުމަށް ދަންނަވާފައިވާނެކަމަށް ވެސް މިބަޔާނުގައި ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަންނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެފައެވެ.

ކުށެއްގެ ތުހުމަތުވާ މީހަކު ބަންދުން ދޫކުރުމުގައި މީހަކު ޖާމިނުވެއްޖެ ނަމަ އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރުމަށްޓަކައި، ބަންދުގައި ހުރި މީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ އޭނާ އެކުރަނީ ކުށެއް ކަމަށެވެ.

ބަންދުން ދޫކޮށްލެވުނު މީހާ ފިލައިފިނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އެގޮތުން ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރެވިދާނެ އެވެ. އަދި 15،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން ހިމެނެ އެވެ.

ޢަލީ ވަޙީދު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންފައިވާއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ. ޢަލީ ވަހީދު ރާއްޖެ ދޫކުރައްވާ ވަޑައިގެންފައިވާއިރު، އޭނާގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.