އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ސައުދީގެ އެކްޓިވިސްޓް ޖަލުން މިނިވަން ކޮށްފި

އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ސައުދީގެ އެކްޓިވިސްޓް ޖަލުން މިނިވަން ކޮށްފި

Author
ހުސެއިން
11 ފެބްރުއަރީ 2021 08:08
0

އަންހެނުންގެ ހައްގުތަކަށާއި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ، ސައުއިދީ އަރަބިއާގެ އަންހެން އެކްޓިވިސްޓް، ލުޖައިން އަލް-ހަތްލޫލު، ސައުދީ އަރަބިއާގައި ޖަލަށް ލިތާ 3 އަހަރު ފަހުން، މިހަފްތާގެ އަންގާރަ ދުވަހު މިނިވަން ކޮށްފައިވާކަން އޭނާގެ އާއިލާއިން ހާމަ ކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ލުޖައިން އަލް-ހަތްލޫލު ސައުދީ ސަރުކާރުން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ، 2018 ވަނަ އަހަރުގެ މޭމަހުއެވެ. އަދި އެހަރުގެ ޑިސެމްބަރުމަހު، ސައުދީ ސަރުކާރުން އޭނާ 6 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ، އެގައުމުގެ ކައުންޓަރ ޓެރަރިޒަމް ގާނޫނުގެ ދަށުންނެވެ. ޔޫއެންގެ އިންސާނީ ހައްގުތަކާ ގުޅޭ މާހިރުން ވިދާޅުވެފައިވަނީ، މިގާނޫނަކީ، ޓެރަރިޒަމް މިންގަޑުތަކާ ޚިލާފަށް އުފައްދާފައިވާ ގާނޫނެއް ކަމުގައެވެ.

ސައުދީ ކޯޓުން ފަހުންވަނީ، ލުޖައިން އަލް-ހަތްލޫލުގެ މައްޗަށް ކުރެވިފައިވާ ހުކުމުން 2 އަހަރާއި 10 މަސްދުވަސް ފަހުން ސަސަޕެންޑް ކޮށްފައެވެ. އޭރު އޭނާ ވަނީ ހުކުމްގެ ބޮޑުބައި ޖަލުގައި ތަންފީޒު ކޮށްފައެވެ.

ލުޖައިން އަލް-ހަތްލޫލު ޖަލުން މިނިވަން ކޮށްފައިވި ނަމަވެސް، އަދިެވސް ކޯޓުންވަނީ، އޭނާ ގައުމުން ބޭރަށް ދިއުން މަނާ ކޮށްފައެވެ.

"ލުޖައިން މިހާރު ހުރީ ގޭގާ،" އޭނާގެ ދައްތަ ޓުވީޓު ކޮށްފައި ވެއެވެ.

ލުޖައިން އަލް-ހަތްލޫލުގެ އެހެން ދައްތައެއްކަމުގައުވާ އާލިއާ ޓުވީޓު ކޮށްފައިވާގޮތުގައި، ހަތްލޫލު މިވަގުތު ހުރީ ސައުދީ އަރަބިއާގައި ހުރި އޭނާގެ މައިންބަފައިންގެ ގޭގައެވެ. އަދި އޭނާވަނީ ލުޖައިން އަލް-ހަތްލޫލު އޭގާނެ ގޭގެެ ބަގީޗާގައި ހުއްޓާ ނަގާފައިވާ ފޮޓޯއެއް ޓުވީޓު ކޮށްފައެވެ.

ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުންނާ އަދި ލުޖައިން އަލް-ހަތްލޫލުގެ އާއިލާއިންވެސް ކުރިން ބުނެފައިވަނީ، ސައުދީ އަރަބިއާގައި އަންހެނުންގެ ހަގުތައް ހޯދުމަށާއި އަދި ކާރު ދުއްވުމުގެ ހުއްދަ ހޯދުމުގެ އިތުރުން، އަންހެނުންގެ މައްޗަށް އޮތުން ސައުދީގައި ލާޒިމް ކޮށްފައި އޮން ފިރިހެނުންގެ ބެލެނެވެރިކަން ނިމުމަކަށް ގެނައުމަށް ވަކާލާތު ކުރަމުންދިޔަ ލުޖައިން އަލް-ހަތްލޫލު، ހައްޔަރުކޮށްގެ ސައުދީ ސަރުކާރުން އޭނާއަށް ކަރަންޓު ޝޮކު ޖައްސާ، ވޯޓަރބޯޑިންގެ އިތުރުން، ހައްދު ޖެހުމާއި އަދި ޖިންސީ އަނިޔާވެސް ކޮށްފައިވާކަމަށް ތުހުމަތު ކޮށްފައެވެ.

އެހެންނަމަވެސް ސައުދީ ސަރުކާރުންވަނީ މިތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށްބުނެ ސައުދީ ސަރުކާރުންވަނީ، ލުޖައިން އަލް-ހަތްލޫލުއަށް އަނިޔާކޮށްފައިވާ ކަމަށް ބުނާ ތުހުމަތުތައް ބަލައި ނުގަތުމަށް ނިންމާފައެވެ.

އެމްނެސްޓީ އިންޓަރނޭޝަލްއިން ބުދަދުވަހު ވަނީ، ލުޖައިން އަލް-ހަތްލޫލުއަށް އަނިޔާކުރިކަމަށް ތުހުމަރު ކުރެވޭ ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނައުމަށް ސައުދޫ ސަރުކާރަށް ގޮވާލާފައެވެ. އަދި ޖަލުން މިނިވަންކުރުމަށްފަހު، ފުރައިގެން ދިއުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށްވެސް އެމްނެސްޓީ އިންޓަރނޭޝަލްއިންވަނީ ސައުދީ ސަރުކާރަށް ގޮވާލާފައެވެ.

ސައުދީ ސަރުކާރުންވަނީ، 2014 ވަނަ އަހަރު، އަލް-ހަތްލޫލު ކުޑަކުދިން ބަންދިކޮށްފައި ބައިތިއްބާތަނެއްގައި ބަންދުކޮށް ޖަލަށް ލާފައެވެ. އޭރު އޭނާ ބަންދު ކޮށްފައިވަނީ، އަވައްޓެރި ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ކާރުގައި ދުއްވާފައި ސައުދީ އަރަބިއާއަށް އެތެރެވާން މަސައްކަތް ކުރުމުންނެވެ.

އެހެންނަވަސް، 73 ދުވަސްވަންދެން، ބައިނަލް އަގުވާމީ ފަރާތްތަކުން އޭނާ ދޫކުރުމަށް އެދި ކުރި ކެމްޕޭންތަކުގެ ނަތީޖާއެއްގެ ގޮތުން، ސައުދީ ސަރުކާރުން އޭނާ މިނިވަން ކުރިއެވެ.

އަލް-ހަތްލޫލު ހިމެނެނީ، 2018 ވަނަ އަހަރު، ސައުދީ އަރަބިއާގައި، ކާރު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދޫކުރުމުގެ ކުރިން، ކާރުދުއްވުމުގެ ހައްގު އަންހެނުންނަށް ލިބެންވާނެ ކަމަށް ވަކާލުތު ކުރަމުން އައި މަދު އަންހެން އެކްޓިވިސްޓުންގެ ތެރޭގައެވެ. އަދި ސައުދީގައި، އަންހެނުންނަށް ދަތުރު ކުރުމާއި މިނިވަންކަމާއެކު އުޅުމަށް ހުރަސްއަޅާގޮތަށް، އެގައުމުގައި އަންހެނުންގެ މައްޗަށް އޮންނަ ފިރިހެނުންގެ ބަލަދުވެރިކަންވެސް އުވާލުމަށް ގޮވާލަމުންއައި ސައުދީގެ އަންހެން އެކްޓިވިސްޓުންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.