ވެކްސިން ޓޫރިޒަމް ތަޢާރަފްކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެ

ވެކްސިން ޓޫރިޒަމް ތަޢާރަފްކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެ

Author
މުޙައްމަދު ޖިމީ
10 ފެބްރުއަރީ 2021 12:51
0

ވެކްސިން ޓުރިޒަމް ތަޢާރަފްކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޑރ.މައުސޫމް ވިދާޅުވީ، ވެކްސިން ޓުރިޒަމް ތަޢާރަފްކޮށްފިނަމަ ދިގު މުއްދަތަކަށް ފަތުރުވެރިން ރާއްޖޭގައި ތިބޭނެކަމަށާއި، އެކަމުގެ ފައިދާ ވާނެކަމަށެވެ. އަދިވެކްސިން ޓޫރިޒަމް ތަޢަރަފްކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެ ހަދަން ބޭނުންވާކަމަށާއި، އެކަމަށް މަސައްކަތްކުރައްވަމުން ގެންދަވާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީީސުލްޖުމްހޫރިއްޔާވެސް ގެންގުޅުއްވާ ވިސްނުންފުޅެއް އަދި އަޅުގަނޑުމެންވެސް ވަރަށް ތަޢީދުކުރާ ކަމެއް އެއީ ވެކްސިން ޓޫރިޒަމަށް. "ތިންވީ" ވިޒިޓް، ވެކްސިން، ވެކޭޝަން. އެ ޓޫރިޒަމް އަޅުގަނޑުމެން ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރި. އެއާއެކު އެންމެ ބޮޑޫ ފައިދާއެއް ވެގެންދާނީ ވެކްސިން ޑަބަލް ޑޯޒް ޖެހުންވެސް އެބައޮތް. އެބައި ސައިންޓިސްޓުން މިބުނަނީ 4 ހަފްތާފަހުން ވެކްސިން ދެވަނަ ޑޯޒް ޖަހަން. ބައެއް ދިރާސާތަކުގައި އެބަހުރި 3 ހަފްތާ ފަހުންވެސް ޑަބަލް ޑޯޒް ޖަހަންޖެހޭގޮތަށްވެސް. އެހެންވީމަ ކޮންމެ ގޮތެއްވިޔަސް 3 ހަފްތާ ފަތުރުވެރިން ތިބޭނެ ނޫނީ 4 ހަފްތާ. އެހެންވީމަ ދިގު މުއްދަތަަކށް ފަތުރުވެރިން ތިބުން ވާނީ ވަރަށް ބޮޑު ފައިދާއަކަށް.

– ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް

ވެކްސިން ޓޫރިޒަމް ތަޢާރަފްކުރުމުގެ ވިސްނުންފުޅު ހުރިކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، އެކަމުގައި އަދި ގޮންޖެހުމެއް އެބަހުރިކަންވެސް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ފުރަތަމަ ވެކްސިން ދިނުންކަމަށާއި، ދުނިޔޭގައިވެސް ވެކްސިން ލިބުމުގައި ދަތިތަކެއް ހުރިކަމަށެވެ. ނަމަވެސް ރާއްޖޭގެ ވެކްސިން ސްޓޮކަށް ބެއްލެވުމަށްފަހު އެޗްޕީއޭއާ ގުޅިގެން އެކަން ކުރިއަށް ގެންދެވިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ވެކްސިން ދިނުން މިހާރު ކުރިއަށް ގެންދާއިރު، އެ ޕްރޮގްރާމް ފުޅަކުރައްވާނެކަަމށެވެ. އެގޮތުން ވެކްސިން ދޭ މަރުކަޒަކަށް ގޮސްގެން ވެކްސިން ޖެހުމުގެ ބަދަލުގައި، ރިސޯޓްތަކަށް ވެކްސިން ފޮނުވައިގެން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިސްޓުންނަށް ދިގު މުއްދަތަަކށް ތިބެނެގޮތަށް އިޞްލާހު ޤާނޫނަށް ގެނައުމަށް މަސައްކަތްކުރައްވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.