އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފި

އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފި

Author
މުޙައްމަދު ޖިމީ
10 ފެބްރުއަރީ 2021 12:17
0

މިދިޔަ ހޯމަ ދުވަހުގެ ރޭ ގއ.މާމެންދޫގައި ހިނގި މާރާމާރީގައި އެރަށު ލީލީ އޮފް ދެވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައިކަމަށާއި، ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަަމަށެވެ. އަދި އުދައްޔުގެ މަރާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދަށް މުއްދަތު ޖަހާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ5 މީހެކެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި 2 މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާދީފައިވާއިރު، އަނެއް މީހާގެ ބަންދަށް ޖަހާދީފައިވަނީ 2 ދުވަސްކަމަށެވެ. އެއީ މިމައްސަލާގައި ފުރަތަމަ ހައްޔަރު ކުރި ތިން މީހުންނެވެ. އޭގެ ފަހުންވެސް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ.

މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރާލި އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4 ނުވަތަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ބުނެފައިވެއެވެ. ޢުމުރުން 17 އަހަރުގެ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ.އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.