މިއަހަރު 10 މިލިއަން ބެޑް ނައިޓްސް ލިބޭނެ: ޑރ.މައުސޫމް

މިއަހަރު 10 މިލިއަން ބެޑް ނައިޓްސް ލިބޭނެ: ޑރ.މައުސޫމް

Author
މުޙައްމަދު ޖިމީ
10 ފެބްރުއަރީ 2021 10:45
0

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ދޭން ފަށާފައިވާތީ މިއަހަރު 10 މިލިއަން ބެޑްނައިޓްސް ލިބޭނެކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، މިއަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު ރާއްޖެ އަންނާނެކަމަށް އެންމެ ފުރަތަމަ އަންދާޒާ ކުރީ އެއް މިލިއަން ފަތުރުވެރިންކަމަށެވެ. ނަމަވެސް ރާއްޖޭގައި ކުރިން އުއްމިދު ކުރި މުއްދަތަށްވުރެ އަވަހަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިފައިވާތީ އެ ޢަދަދު މުރާޖައާކޮށް މިހާރު ރާއްޖެ އަންނާނެކަމަށް ލަފާކުރަނީ 1.5 މިލިއަން ފަތުރުވެރިންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިއަހަރު ފަތުރުވެރިންގެ ޢަދަދުން ގުނުމުގެ ބަދަލުގައި ޢަދަދުތައް ގުނާނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ ޢަދަދު ނުވަތަ ބެޑް ނައިޓްސް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ޖެނުއަރީ އަދި ފެބުރުއަރީގައި ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ކުރިން އަންދާޒާ ކުރި ޢަދަދަށްވުރެ މަދުންކަމަށާއި، އެގޮތުން މިދިޔަ އަހަރަށްވުރެ %47 ދަށްކަކަމަށެވެ. ނަމަވެސް ރަޝިއާއާއި ޗައިނާއިން ފަތުރުވެރިން އަންނަން ފެށުމުން ފަތުރުވެރިން އަންނަ ޢަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއީ ބެޑްނައިޓާއި ލިބޭ އާމްދަނީއާއި ގުޅިފަ އޮންނާތީ. އެހެންވީމަ މިހާރު އަޅުގަނޑުމެން މި އަންދާޒާ ކުރަނީ 10 މިލިއަން ބެޑްނައިޓްސް ލިބޭނެކަމަށް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެއްޖެ. މި ޖެނުއަރީ ފެބުރުއަރީގައި އަޅުގަނޑުމެން ފުރަތަމަ އަންދާޒާކުރި ޢަދަދަކަށް ފަތުރުވެރިންނެއް ނުއެއް އައި. އެއީ ޔޫރަޕް އާދަޔާ ޚިލާފަށް ބަންދުވުމާއި ގުޅިގެން. ނަމަވެސް ވެކްސިން މިހާރު ފެށީމަ އުއްމީދު އައުވެއްޖެ.

– ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ސަރުކާރުން ވެކްސިން ދިނުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތާއި، ވެކްސިން ޕްރޮގްރާމަށް ލިބޭ ތަރުހީބުގެ އަލީގައި އާބާދީއަށް އެއްކޮށް އެންމެ ފުރަތަމަ ވެކްސިން ޖެހުމުގެ ފުރުޞަތު ލިބޭ ޤައުމަކަށް ރާއްޖެ ވާނެކަމަށެވެ. އެކަން މިހާރުވެސް ބޭރު މީޑިއާގައި ފާހަގަކުރަމުން އަންނަކަމަށާއި، އެހެންކަމުން މިހާރުވެސް ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްކަމަށް ފަތުރުވެރިން ދެކޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އެއަރޕޯޓާއި ރިސޯޓްތަކާއި، ގެސްޓްހައުސް އަދި ހޮޓާތައްވެސް ރަނގަޅަށް ހިނގަމުން އަންނަކަމަށާއި، މިވަގުތު އެންމެ ބޮޑަށް އިސްކަންދެއްވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވުމަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އައްޑޫސިޓީގައި މުހިންމު 2 ރިސޯޓެއް އަދިވެސް ނުހުޅުވާ އެބައޮތްކަމަށެވެ. އެހެންކަމުން ސަދަން ޒޯން ޕްރޮމޯޓްކުރުމަށް ޚާއްޞަ ޕެކޭޖެއް ތަޢާރަފްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އައްޑޫ ގަން އިންޓަރނޭޗަލް އެއަރޕޯޓަށް ޗާޓަރ ފްލައިޓްތައްވެސް ވަރަށް އަވަހަށް އަންނަން ފަށާނެކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.