ކޯވިޑް-19އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައި މަޖިލީހުގެ އިދާރާގައި ވެކްސިން ދޭން ފަށައިފިއެވެ.
ހެލްތު ޕްރޮތެކްޝަން އެޖެންސީއާއި، އޭޑީކޭ ގުޅިގެން ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމް ރައްޔިތުންގެ މަޖިލީހުގެ އިދާރާއި ކުރިއަށް ގެންދާއިރު، ވެކްސިން ދެމުން ގެންދަނީ އާންމުންނަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާލުވީ، ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 08:00 އިން އިރުއޮއްސި 18:00 އާއި ހަމައަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުން ކުރިއަށްދަނީ ވެކްސިން ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުންކަމަށެވެ. ރާއްޖޭގައި ކޮންމެ ދުވަހަކު 6،000 މީހުންނަށް ވެކްސިން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިހު ގެންގުޅުއްވާ އަމާޒަށް ވާސިލްވުމަށް މަޖިލީހުން ދެވެން އޮތް އެއްބާރުލުން ދެއްވާނެކަމަށެވެ.
އަޅުގަނޑުމެންގެ ގޯތި ތެރޭގައާއި އިދާރާގައި ޖާގަ އޮތުމާ އަދި މިއިދާރާ ތެރޭގައި ފިނިކޮށްފައިވާ، އެއަރ ކޮންޑިޝަންޑް ޖާގަ ބޮޑުވުމާއެކުވެސް، އަދި އަޅުގަނޑުމެންނަކީ ކަންކަން ހިންގޭ ބަޔަކަށް ވެސް ވާތީ މިތަނުން މި މަސައްކަތް ކުރިއަށް ގެންދަނީ.
– ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު
މަޖިލީހުގެ އިދާރާއާއި އެޗްޕީއޭ އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން އާންމުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ އިންތިޒާމް މަޖިލީހުގެ އިދާރާގައި ހަމަޖައްސައި ވެކްސިން ޖަހަން ފަށައިފި. ވެކްސިން ޖެހުން ކުރިއަށްދާނީ ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް. pic.twitter.com/FyexTuPckX
— People's Majlis (@mvpeoplesmajlis) February 10, 2021
މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ވެކްސިން ދެމުން އަންނަނީ އެކި ކަހަލަ ބަލިތައް ހުންނަ މީހުންނަށްކަމަށާއި، ވެކްސިން ދެމުން އަންނަނީ އެޗްޕީއޭގެ ލިސްޓާ އެއްގޮތަށްކަމަށެވެ. އަދި ވަރަށް އަވަހަށް މަޖިލީހުގެ މެންބަރުންނަށްވެސް ވެކްސިން ދެވޭނެކަމަށް އުއްމިދު ކުރައްވާކަމަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން އެއްވެސް ބައްޔެއް ހުރި މެންބަރެއްނަމަ އެކަން އެކަން ސިއްރު ނުކުރުމަށް އެދިވަޑައި ގަންނަވާކަމަށެވެ. އަދި އެއްވެސް ބައްޔެއް ހުރި މެންބަރެއްނަމަ އެކަން ޢަމީން ޢާންމުއަށް އަންގަވައިދެއްވުމަށްވެސް މަޖިލީހުގެ ރައީސް އެދިވަޑައިގެންފިއެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މިހާތަަނށް 16،000 ވުރެ ގިން މީހުންނަށް ވަނީ ވެކްސިން ދީފައެވެ. މަޖިލީހުގައި ވެކްސިން ދޭންފަށާފައިވާއިރު، މާލެ ސަރަހައްދުގެ 6 ތަނެއްގައި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދެއެވެ.
ކޮމެންޓު ފޮނުވާ