ކުޅަދާނާ ޑާންސަރ ނޯރާ ފަތޭހީގެ އާ ލަވަ ބެލުންތެރިންނަށް ދޫކޮށްލިތާ އަދި މިވީ ހައެއްކަ ދުވަހެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ޓީސީރީޒްގެ އޮފިޝަލް ޔޫޓިއުބް ޗެނަލުން ރިލީޒްކުރި ލަވަ މިހާރު 50 މިލިއަން ފަހަރު މިވަނީ މީހުން ބަލާފައެވެ. 1.7 މިލިއަން ލައިކް މި ލަވައަށް ވަނީ ލިބިފައެވެ.
"ދިލްބަރ"، "ކަމަރިޔާ"، "އެކް ތޯ ކަމް ޒިންދަގާނީ"، އަދި "ގަރްމީ" ފަދަ ލަވަ ތަކުން ދައްކައިދިން ނެށުމުން ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ނޯރާ ފަތޭހީގެ މިލަވައިން އޭނާ މިވަނީ އޭނާ އަކީ ކުޅަދާނަ އެކްޓަރެއްކަންވެސް ސާބިތު ކޮށްދީފައެވެ. ދެން ނޯރާގެ މިފަދަ އެކްޓިންގ އެއް ފެނުނު ލަވައަކީ ހަމަ ޓީސީރީޒްގެ "ޕަޗްތާއޯގޭ" އެވެ.
"ޕަޗްތާއޯގޭ"ގައި ނޯރާދެކެ އިންތިހާއަށް ލޯބިވާ މީހާއަށް ބޭވަފާތެރިވާ މަންޒަރު ފެންނައިރު މިފަހަރުގެ ލަވަ "ޗޯޅް ދޭނގޭ"ގައި ފެނިގެންދަނީ ބޭއިންސާފުން ހިތް ހަލާކުވެފައިވާ ނޯރާ އޭނާ އަށް އެހާލު ޖެއްސި ފިރިހެނެއްގެ ކިބައިން ބަދަލު ހިފާ މަންޒަރެވެ.
ޔޯގޭޝް ޑޫބޭގެ އަސަރުގަދަ ޅެމެއްގެ މައްޗަށް ގެނެސްދީފައިވާ މި ލަވަ ކިޔާފައިވަނީ ޕަރަމްޕަރާ ޓަންޑަންއެވެ. މި ލަވަ ޝޫޓްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރާޖިސްތާނުގަ އެވެ.
މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ ކެނެޑާގެ މި ފަންނާނު އިންޑިއާއަށް އައީ ބޮލީވުޑްގައި އޭނާގެ ހުނަރު ދައްކާލައި މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރިއަށްދިއުމަށެވެ. ނަމަވެސް ލިބިފައިވާ ކުޅަދާނަ ނެށުމުގެ ހުނަރާއެކު އަދި މިވީހާތަނަށް ނޯރާ ގިނައިން ފެނިފައި ވަނީ ލަވަތަކުންނެވެ.
ނޯރާގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ އަވަހަށް ފެނިގެންދާނެކަމަށް ބެލެވެނީ އަބީޝޭކް ދުދައިޔާގެ "ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިން އަޖޭ ދޭވްގަން، ސަންޖޭ ދަތު އަދި ސޮނާކްޝީ ސިންހާ އާއެކުއެވެ. އަދި އޭނާ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ "ސްޓްރީޓް ޑާންސަރ 3ޑީ" އިންނެވެ.