މި ދައްކަނީ ކޮންކަހަލަ އިންސާފެއްގެ ވާހަކައެއް؟

މި ދައްކަނީ ކޮންކަހަލަ އިންސާފެއްގެ ވާހަކައެއް؟

އިންސާފުގެ ވާހަކައަކީ ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް، ހުރިހާ ސިޔާސީ މީހުންވެސް ދައްކާ ވާހަކައެވެ. އަދި އެއީ ހުރިހާ ޒަމާނެއްގަވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. އެހެންނަމަވެސް، ހުރިހާ ޙާލަތެއްގައިވެސް، އިންސާފުގާއިމް ކޮށްދިނުމުގެ ހަގީގީ މަގުސަދުގައި އިންސާފުގެ ވާހަކަ ދައްކާ މީހުން ދާދި މަދެވެ. ގިނަފަހަރަށް މި ސާފު ހަގީގަތް އެގި ހާމަވަނީ އިންސާފުގެ ވާހަކަދައްކާ، އިންސާފުގެ ބޯޑު ހިފައިގެން މަގުތައްމައްޗަށް ނިކުންނަ ބައެއްގެ އަތްމައްޗަށް ވެރިކަމުގެ ބާރުތައް އަރާ، އިސްސާފުގެ ތަރާދުން މިނެލަން އެބަޔަކަށް ފުރުސަތު ލިބިގެން ދިއުމުންނެވެ.

މިއަދުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އޭރު ދެއްކިހާވެސް ވާހަކައަކީ އޭރުގެ ވެރިކަމުގައި އިންސާފު ގާއިމް ނުކުރެވޭ ވާހަކައެވެ. އެތައް ބަޔަކު ނުހައްގުން ޖަލަށްލާ، އެތައް ބަޔަކަށް ލާއިންސާނީ އަނިޔާ ދެމުންދިޔަ ކަމުގެ ވާހަކައެވެ. ކޯޓުތަކަށް އަތް ބާނާ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ، މިނިވަން މުވައްސަސާތަކުގެ ނިންމުންތައް ހަޖަމު ނުކުރެވިގެން އެތަންތަނުގެ ނިންމުންތަކަށް ފާޑުކިޔާ ނުފޫޒު ފޯރުވާކަމުގެ ވާހަކަތަކެވެ. އެވާހަކަތަކުގެ ޖަޒަބާތުތަކުގައި ޖެހުނު މީހުންވެސް މަދެއްވެސް ނުމެ ނޫންމެއެވެ. އެދުވަސް ހިގައިގޮސް އާދުވަހަކަށް އަލިވިލުނީމަ އިންސާފު ލިބޭނެކަމާއި، އިންސާފު ގާއިމް ވެގެންދާނެ ކަމުގެ ހުވަފެންތައް ދެކުނުމީހުން ނުހަނު ގިނައެވެ. ތެދެއްމެއެވެ. ޖަލަށް ލެވުނު އެތައް ބަޔަކު މިނިވަން ވެއްޖެއެވެ. އެތައް ބައެއްގެ ހުކުމްތައް އަލުން މުރާޖައާކުރެވި މިނިވަން ވުން އެކަންޏެއް ނޫނެވެ. ލިބުނު އަނިޔާތަކާއި ގެއްލުންތަކުގެ ބަދަލުތައްވެސް އެކި ގޮތްގޮތަށް ލިބިގެން ހިގައްޖެއެވެ. އަދި އިންސާފުގެ ބޯޑު ހިފައިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިންސާފު ފޯރުކޮށްދިނުމަށް ވައުދުވީ ފަރާތްތަކާއި ރައްޔިތުންނަށް އިންސާފު ފޯރުކޮށްދީ، ގާއިމް ކޮށްދިނުމުގެ ޒިންމާވެސް ހަވާލު ކޮށްފިއެވެ.

ވެރިކަން ބަދަލުވެ އާވެރިންތަކެއް މިއަދު މިވަނީ ގައުމުގެ ހިންގުމާއި ހަވާލުވެފައެވެ. މިއަދު މިދަނީ އިންސާފު ގާއިމް ވަމުންތޯއެވެ؟ އިންސާފުގެ ތަރާދުން މިނިމުގައި ހަމަހަމަކަން ގާއިމް ކުރެވިއްޖެތޯ އެވެ؟ މާޒީގެ ތަޖުރިބާއިން ފިލާވަޅެއް ހާސިލް ކުރެވުނުތޯއެވެ؟ މިއީ ވެރިކަން ބަދަލު ވެގެންދިޔަތާ 2 އަހަރު ވެގެންދާއިރު، ކޮށްލުން އެންމެ ރަގަޅު ސުވާލުތަކެއްކަން ޔަގީނެވެ.

ތެދެކެވެ. ރައްޔިތުންގެ މަޖިލީހުގައި އިއްޔެވެސް އިވެމުން ދިޔަ އަޑަކީ، މާލޭ ސިޓީގެ މޭޔަރުގެ ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމުން، ޕީޖީ ގްރޫޕުގެ އެންމެ ސީނައިރ މެމްބަރުން އޭސީސީއަށް ފާޑު ކިޔަމުން ދިޔަ މަންޒަރުތަކާއި އަޑުތަކެވެ. މާލޭ ސިޓީގެ މޭޔަރު ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގަވާނެކަން އެބޭފުޅުންނަށް ފުރިހަމަޔަށް ޔަގީނެވެ. އޭސީސީން ތަހުގީގުކޮށް އޭގެއިން ނުކުތް ނަތީޖާ އެ މެމްބަރުންނަށް ގޯސްވީއެވެ. އެހެންވީމާ، މާލޭ ސިޓީގެ މޭޔަރުގެ މައްޗަށް ތުހުމަތެއްވެސް ކުރެވިގެން ނުވާނެއެވެ. ތުހުމަތެއް ކުރެވި، ތަހުގީގެއްވެސް ހިންގިގެން ނުވާނެއެވެ. ތަހުގީގުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، އެއީ ކޮރަޕްޝަންގެ އަމަލެއް ނުހިންގަވާނެކަން ޔަގީންވާ ބޭފުޅަކަށް ވާތީވެ، އޭސީސީން އެބޭފުޅާގެ މައްޗަށް ދައުވާކުރަން ފޮނުވައިގެންވެސް ނުމެ ވާނޭމެއެވެ. އެހެންނަމަވެސް އަޅުގަޑުމެން އެންމެންވެސް މިއަދު މިތިބީ މިނިވަން މުވައްސަސާތަކަށް މިނިވަންކަން އޭގެ އިންތިހާއަށް ފޯރުކޮށް ދީގެންނެވެ. އެކަމަށް ވަކާލާތުކުރިމީހުން މިއަދު އެންމެ ކުރިޔަށް ނިކުމެ މިތިބީ އެމީހުން އަމިއްލައަށް މުވައްސަސާތަކަށް އިންތިޚާބުކުރި މީހުންގެ ނިންމުންތައް ހަމަޖަމު ނުވެގެން ހަޅޭލައްވާށެވެ. މިއީ ކޮންކަހަލަ އިންސާފެއްތޯއެވެ.

ރާއްޖޭގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި މިއަދު ވަރަށް ގިނަބަޔަކު އަރާ އެބަތިއްބެވެ. ޚާއްސަކޮށް، ރޭޕްގެ ހުތުރު އަމަލާއި ދެކޮޅަށް ނުހަނު ގަދަޔަށް އަޑު އުފުލާ މެމްބަރުންވެސް ވަރަށް ގިނައެވެ. އަދި ރޭޕިސްޓުން އުމުރަށް ޖަލަށް ލުމުން ފެށިގެން ގޮސް މަރުގެ ހުކުމް އިއްވުމާއި ހަމައަށް އަދަބު ދިނުމަށް ގޮވާލާ އެތައްބަޔަކުމެ އެބަތިއްބެވެ. އަދި އެތައްބަޔަކަށް ދައުވާކުރެވި ހުކުމްވެސް ކުރެވިއްޖެއެވެ. އެހެންނަމަވެސް، ދާދިފަހުން "ސަފާރީ ރޭޕް ކޭސް"ގެ ނަމުން މަޝްހޫރުވެގެންދިޔަ ރޭޕް ކޭސްއާއި ބައްދަލުވި ހިސާބުން މަންޒަރު ފެންނަންނަހުރީ އާދާޔާ ޚިލާފު ގޮތަކަށެވެ. މުވައްސަސާތަކުން އަމަލު ކުރަމުން ދިޔަ އުސޫލުތައްވެސް ބަދަލުވެގެން ދިޔައީއެވެ. ރޭޕިސްޓުންގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ނަން ހާމަކުރަމުން ދިއުމަކީ މިހާރު އަމަލު ކުރަމުންދާ އުސޫލު ކަމުގައި ވިޔަސް އެ އުސޫލުވެސް ބަދަލު ވީއެވެ. އެހާދިސާގެ ތުހުމަތުގައި ތިބި ބައެއްގެ ނަން ހާމަކުރުމެއްވެސް ނެތެވެ. ތަހުގީގުގެ ނަތީޖާއެއްވެސް ނުނުކުތެވެ. އެންމެފަހުން ތަހުގީގުގެ ބަޔާންތައް ބަދަލު ކޮށްފައިވާ ކަމުގެ ތުހުމަތު ދަލީލުތަކާއި އެކީ އާންމު ވެގެން ދިޔައީއެވެ.

އިންސާފުގެ ތަރާދުން މިނުމުގައި ހަމަހަމަކަން ގާއިމް ކުރެވެމުން ދޭތޯއެވެ؟ސަފާރީ ރޭޕްކޭސް ނުވަތަ ސޯސަލް މީޑިއާގައި މަޝްހޫރު ނަމުންނަމަ، "ރޯޔަލް ރޭޕް ކޭސް"ގެ ނަމުން މަޝްހޫރުވެފައިވާ މިކޭސްގައި ވިކްޓިމް ހިމާޔަތް ކޮށްދީ ހަގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓަކުވެސް މިމައްސަލައާއި ހަމައިން ފެންނާކަށް ނެތެވެ. އިސްވެ މި ފާހަގަކޮށްލީ އިންސާފު ގާއިމު ވެދިއުމުގައި މިގައުމުގައި މިއަދު ފެންނަންހުރި ދިރިހުރި ދެމިސާލެކެވެ. މިފަދަ އެތަކެއް މިސާލުތަކެއް ފެންނާން އެބަހުއްޓެވެ.

ގައުމެއް ބިނާވެދިއުމާއި ފަނާވެދިއުންވެސް އޮންނަނީ ސުލްހަވެރިކަމާއި، އެއްބައިވަންތަކަމުން ބަޔަކު ބަދެވިގެން ތިބޭ މިންވަރެއްގެ މައްޗަށެވެ. އިންސާފާއި، ހަމަހަމަ ކަމަކީ ކޮންމެ މީހަކަށްމެ ކަށަވަރުވާންޖެހޭ ހައްގަކަށް ވާއިރު، މިހައްގުތައް އިސްވެދެންނެވުނު އުސޫލުން ގާއިމް ވެގެން ނުދާނަމަ، ގައުމެއް ބިނާވެ ދިއުމުގެ ބަދަލުގައި ދާނީ ފަނާވެގެންނެވެ. ހައްގުތައް ގެއްލި، އިންސާފު ނުލިބޭކަމުގެ އިހްސާސްތަކާއި އެކު، އިންސާފަކީ ވަކިބަޔަކަށް އެކަނި ލިބޭ ހައްގެއްކަމުގައި އަމުދުން ވެގެން ހިގައްޖެނަމަ، ދާޚިލީ މައްސަލަތައް އެގައުމެއްގައި ނުއުފެދި ނުދާނެކަން މިރާއްޖެއިން މިއަދު މިދަނީ ފެންނަމުންނެވެ.

އެންމެނަކު އަބަދަކު، އިންސާފު ގެއްލި، އިންސާފު ނުލިބޭތަން ބަލަހައްޓައިގެން ރުހި ގަބޫލުވެގެން ނުތިބުމަކީ އޭގެ ތަބީއަތެވެ. ދުނިޔޭގައި ދާޚިލީ ހަމަނުޖެހުން އުފެދިގެން ގޮސް، ޒަމާންތަކަށް ދިގުދެމިގެންދާ ހަސަދަތައް އެގައުމުތަކުގައި މޫލައިގެން ގޮސްފައިވަނީ މިސަބަބުތަކާއި ހެދިއެވެ. ހިތާމައަކީ މިއަދު އަޅުގަޑުމެންގެ ހަގީގަތަކީވެސް މިއީ ކަމަށް ވެގެން ގޮސްފައިވާ ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *