މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަށް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ. މި ޕްރެސް ކޮންފަރެންސް އޮންނާނީ މިއަދު މެންދުރު 13:00 ގައެވެ.
މަރު ކޮމިޝަނުން ޕްރެސްއެއް ބާއްވަން ނިންމާފައިމިވަނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުނު ރޭ އޭނާ ދިރިއުޅުނު ގެ ކައިރިން ފެނުނުކަމަށްކަމަށް ބުނާ ވަޅީގެ ފޮޓޯ ޢާންމުކޮށް، އެ ވަޅިއާ ބެހޭ މަޢުލޫމާތެއް އެނގޭނަމަ އެ މަޢޫލޫމާތު ހިއްސާކުރާ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ އިނާމެެއް ދޭނެކަމަށް އިއްޔެ ބުނެފައިވަނިކޮށެވެ.
ވަޅީގެ ފޮޓޯއާއެކު މަރު ކޮމިޝަނުން ޢާންމުކުރި ބަޔާނުގައި ވަނީ އެ ވަޅިއަކީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، މ.ޝައިނިންގ ސްޓާރ، އަޙްމަދު ރިޟަވާން ޢަބްދުﷲ ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓު ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއްކަމަށެވެ. އެވަޅިއާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އެ މައުލޫމާތެއް އެ ކޮމިޝަނާ ހިއްސާކޮށްދެއްވުން އެކޮމިޝަނުން ވަނީ އެދިފައެވެ.

ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ އަޙުމަދު ރިޝްވާން ޢަބްދުﷲ ގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެކަމަށްވެސް މަރުކޮމިޝަންގެ އިޢުލާންގައިވެއެވެ. އަދި، އެ މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަންވެސް އަރުވާކަމަށް މަރު ކޮމިޝަނުން ބުންޏެވެ.
އެހެންކަމުން މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތްތަކުން، އެ ކޮމިޝަނަށް ހާޟިރުވެ ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ހިއްސާކުރެއްވޭނެކަމަށާއި، އެ ނަންބަރުގެ ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މަޢުލޫމާތު ހިއްސާކުރެވޭ ގޮތަށް ހަމަޖެހިފައިވާކަމަސް މަރުކޮމިޝަނުން ބުންޏެވެ.
މަރު ކޮމިޝަނުން ރާއްޖޭގެ މަރުގެ ގިނަ މައްސަލަތަކެއް ބަލަމުން އަންނައިރު އަދި އެއްވެސް މައްސަލައަކަސް ދައުވާ ކުރެވިފައެއް ނުވެއެވެ. އަދި އެ ކޮމިޝަންގެ މަސައްކަތާއި ގުޅޭގޮތުން ބައެއް ފާޑުކިއުންތައްވެސް އަމާޒުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ