ވިލިނގިލި ކޯވިޑް ފެސިލީޓީގައި ފަރުވާދެމުން އައި މީހަކު ނިޔާވެއްޖެ

ވިލިނގިލި ކޯވިޑް ފެސިލީޓީގައި ފަރުވާދެމުން އައި މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
09 ފެބްރުއަރީ 2021 10:00
0

ގއ.ވިލިނގިލީގެ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޢުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު ނިޔާވެފައިވާ މީހަކީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ދެއްވަދޫއިން ޕޮޒިޓިވްވެގެން ވިލިނގިލި ކޮވިޑް ފެސިލިޓީއަސް ގެންގޮސް ފަރުވާދެމުން އައި މީހެކެވެ. އޭނާއަށް ފަރުވާދެމުން އައިސްފައިވަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށް މިބަލީގައި މިއީ ނިޔާވި 8 ވަނަ މީހާއެވެ. މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި 56 ވަނަ މީހާއެވެ. އެއީ 48 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިބަލީގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވުމަކީ މިބަލީގައި މީހުން ނިޔާވާ ޢަދަދު އިތުރުވެދާނެކަމެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. މިވަގުތުވެސް 204 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ ކޮންމެ 6 މީހަކުން މީހަކު ނިޔާވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.