ލޯނު ނެގުމާ ގެރެންޓީ ދިނުމަކީ ގޯސްކަމެއްކަމަށް އޭރު ރައްޔިތުންނަށް ވިސްނައިދިން މީހުން، މިހާރު މިކުރަނީ ކޮންކަމެއްތޯ ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައި މިވަނީ، ހުޅުމާލެ މަގު ހަދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންޑިޔާގެ އެގްޒިމް ބޭންކުން ނެގި 19.25 މިލިއަން ޑޮލަރު (295 މިލިއަން ރުފިޔާ) ގެ ލޯނަށް ސަރުކާރުން ގެރެންޓީ ދިނުމާއި ގުޅިގެންނެވެ. އެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މިދިޔަ އަހަރު ސަރުކާރުން އެސްޓީއޯއިން ނެގި ލޯނަކަށް ވެސް ގެރެންޓީދީފައިވެއެވެ. އެއީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ނެގި 15 މިލިއަން ޑޮލަރު (230 މިލިއަން ރުފިޔާ)ގެ ލޯނެކެވެ. މިދިޔަ އަހަރުގެ މެއި މަހު އެސްޓީއޯއިން އެ ލޯނު ނެގީ ކާޑުގެ ބާވަތްތަކާއި މެޑިކަލް ސަޕްލައި އާއި އެހެނިހެން އިކުއިޕްމެންޓް ގަތުމަށެވެ. އެސްޓީއޯއިން 2019 ވަނަ އަހަރު ތެޔޮ ގަތުމަށް ނެގި 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ލޯނަށް ވެސް ސަރުކާރުން ގެރެންޓީދީފައިވެ އެވެ. މީގެ އިތުރުން ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރު ( 6.1 ބިލިއަން ރުފިޔާ) ގެ ކަރެންސީ ސްވަޕް ފެސިލިޓީއަށް ވެސް ސަރުކާރުން ގެރެންޓީދީފައިވެ އެވެ.

މިކަމާއި ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީ ސަރުކާރުން ގެރެންޓީދީގެން ނެގި ލޯނުގެ އަދަދަކީ 7.4 ބިލިއަން ރުފިޔާކަމަށެވެ. ނަމަވެސް މި ސަރުކާރުން އެންމެ 2 އަހަރުތެރޭ ގެރެންޓީ ދިން ލޯނުގެ އަދަދު 6.6 ބިލިއަން ރުފިޔާއަށް އަރައިފިކަމަށް އުޝާމް ވިދާޅުވިއެވެ.
އޭރު ރައްޔިތުންނަށް ވިސްނައިދިނީ ލޯނު ނެގުމާ ގެރެންޓީ ދިނުމަކީ ގޯސްކަމެއްކަމަށް. މިއަދު މިކުރަނީ ވަކި ކޮންކަމެއްތޯ؟
– ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް
ފިނޭންސް މިނިސްޓަރާއި މިސަރުކާރުގެ އިސް ވެރިން ވިދާޅުވެފައިވަނީ، ކުރީ ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ލޯންތަކުގެ ސަބަބުން ދައުލަތަށް ބޮޑު ބުރައަކަށް ވެފައިވާކަމަށެވެ. މިނިސްޓަރ އެހެން ވިދާޅުވެފައި ވީނަމަވެސް މިސަރުކާރުން ނަގާ ދަރަނި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިތުރުވެފައިވާކަމަށް ބުނެ އިޤްތިޞާދީ ބައެއް ބޭފުޅުން އަންނަނީ ފާޑު ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ