އަލީ ރަމީޒުގެ ލަވަތަކާއި ނުލައި އަޅުގަނޑުގެ ޒުވާން ހަޔާތެއްވެސް ވަކި ނޯތީސް: އީވާ

އަލީ ރަމީޒުގެ ލަވަތަކާއި ނުލައި އަޅުގަނޑުގެ ޒުވާން ހަޔާތެއްވެސް ވަކި ނޯތީސް: އީވާ

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2021 10:36
0

90 ގެ އަހަރުތަކުގައި އޭރުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒު ކިޔަމުންދިޔަ ލަވަތަކާއި ނުލައި ޒުވާން ހަޔާތްވެސް ނުލިބުނީސް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ޖަލްސާއަށް ހުށަހެޅުނު ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހުށަހަޅާފައިވާ ޤަރާރަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ލަވަޔާއި މިއުޒިކަކީ މީހާ ދިރިހުރުމަށްޓަކައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ.

ވަކިވަކި ލަވަތަކާއި، ވަކިވަކި ލަވަކިޔުންތެރިންގެ ލަވަތަކުން މިސާލު ނަންގަވަމުން އީވާ ވިދާޅުވީ އެލަވަތަކާއި އެއަޑުތައް ޖެހުމުން މިއަދުވެސް ގައިން ހީބިހި ނަގައިގެންދާކަމަށެވެ. އަދި އެލަވަތަކާއި އަޑުތަކަކީ މީހާގެ ދިރިއުޅުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްބައި ކަމުގައިވެސް އީވާ ވަނީ ވިދާޅުވެއެވެ.

އަލީ ރަމީޒު 90 ގެ އަހަރުތަކުގައި އެކީ ލަވަތައް، އިއްޒަތްތެރި ރައީސް އަލީ ރަމީޒުގެ އެ އަޑާއި އެލަވަތަކާއި ނުލައި ވަކި އަޅުގަނޑުގެ ޒުވާން ހަޔާތެއްވެސް ވަކި ނޯތީސް އިއްޒަތްތެރި ރައީސް.

– އީވާ ވިދާޅުވިއެވެ.

އަލީ ރަމީޒުވަނީ މީގެ އަހަރުތަކެއް ކުރިން ލަވަޔާއި މިޔުޒިކު ކުޅުން ހުއްޓާއި، ލަވައިގެ ދުނިޔެއަށް އަލްވަދާއު ކިޔުމަށްފަހު، އެލަވަތަކާއި އަޑުތައް ބޭނުން ނުކުރުމަށް އެދިފައެވެ. އަދި އޭނާވަނީ އެއީ ހަޔާތުގައި ކުރެވުނު ވަރަށް ބޭކާރު ކަމެއްކަމަށްބުނެ އެކަމުންދުރުވެ ދީނީ ކަންކަމަށް މުޅި ހަޔާތް ހުސްކޮށްލައްވާފައެވެ.

އީވާވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި މިހާރުވެސް ބައެއް ލަވަތައް އަޑު އިވުމުން ހިތައް ލިބޭ ފިނިކަން ވަރަށް ބޮޑުކަމަށް ވިދާޅުވެ ބައެއް ލަވަތައް މަޖިލީހުގައި ވިދާޅުވެ އެލަވަތަކުގެ ފުރިހަމަކަން ސިފަކޮށްދެއްވާފައެވެ. އެގޮތުން 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 އަށް ފަހު 8 ވަނަ ދުވަހު ނިކުތީ "ޗިސް ޗިސް ކޮށްލިޔަސް، ފިސް ފިސްކޮށްލިޔަސް ނެތޭ ބާޣީޔަކަށް" ކިޔައި އުފެއްދި ލަވަލަޔާއިއެކުގައި ކަމަށާއި، އެލަވަ މިއަދުވެސް ކަންފަތުގައި ޖެހުމުން އެހަނދާންތައް ވަރަށް ބޮޑަށް އާވަމުންދާކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި މިއަދު އެމްޑީޕީގެ ޗެއާޕާސަން ހުށަހެޅުއްވި މި ޤަރާރަށް ދީނީ އިލްމުވެރިންނާއި، ބައެއް ބޭފުޅުންގެ ބޮޑެތި ފާޑުކިޔުން އަމާޒުވެފައިވާއިރު، މަޖިލީހުގެ ތަޅުމުގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމްކުރުމަށް ވަކާލާތު ކުރައްވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.